ފަރަންސޭސި ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ޓްރަމްޕަށް އަންގައިފި

ފަރަންސޭސި ޚާރިޖީ ވަޒީރު ޖީން އީވް ލޮޑްރިޔާން

ޕެރިސް (ޑިސެމްބަރު 10) : ފަރަންސޭސިވިލާތުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް އެގައުމުގެ ޚާރިޖީ ވަޒީރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކިބައިން އެދިވަޑައިގެންފިއެވެ.

ފަރަންސޭސި ޚާރިޖީ ވަޒީރު ޖީން އީވް ލޮޑްރިޔާން ޓްރަމްޕަށް ރައްދު ދެއްވައި ވިދާޅުވީ ފަރަންސޭސިވިލާތުންވެސް އެމެރިކާގެ އެތެރޭގެ ކަންކަމަށް ފާޑުކިޔައި އެމެރިކާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނަ ކަމަށާއި އެމެރިކާވެސް ފަރަންސޭސިވިލާތުގެ ކަންކަމުގެ ތެރެއަށް ވަދެގެން ނުވާނެ ކަމުގައެވެ.

މިދިޔަ މަހުގެ މެދެއްހާ ހިސާބުން ފެށިގެން ފަރަންސޭސިވިލާތުގައި ކުރިޔަށް ދާ މުޒާހަރާތަކަށް އިޝާރާތް ކުރައްވައި ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވީ ތިމާވެއްޓާބެހޭ ޕެރިސް އެގްރީމެންޓް ޕެރިސްގެ ރައްޔިތުންނަށް ބޭނުންވާހެން ހީނުވާކަމަށާ އަދި ތިމާވެށި ހިމާޔަތް ކުރުމުގެ ނަމުގައި ތިންވަނަ ދުނިޔޭގެ ގައުމުތަކަށް ގިނަ އަދަދެއްގެ ފައިސާ ދޭންވެސް އެމީހުން ބޭނުންނުވާނެ ކަމުގައެވެ. މިކަންކަމާ ހިތްހަމަނުޖެހިގެން ފަރަންސޭސިވިލާތުގައި އޮތީ ހުސް މުޒާހަރާ ކަމަށް ވިދާޅުވެ ތިމާވެއްޓާބެހޭ ޕެރިސް އެގްރީމެންޓަށް ޓްރަމްޕް މަލާމާތް ކުރައްވާފައިވާއިރު މިއީ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ފަގީރު ގައުމުތަކަށް ދިނުމަށް ޕެރިސް އެގްރީމެންޓްގައި ބުނާ ފައިސާއަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވި ވާހަކައެއް ކަމަށްވަނީ ބެލެވިފައެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ވަނީ ޕެރިސް އެއްބަސްވުމުން ވަކިވެފައެވެ. މިމައްސަލާގައި އެމެރިކާގެ އެތެރޭންނާއި ބޭރުންވެސް ވަނީ ޓްރަމްޕަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ތެލުންނަގާ ޓެކްސް އުވާލުމަށް ގޮވާލައި މިދިޔަ ނޮވެމްބަރުމަހު "ޔެލޯވެސްޓް" ހަރަކާތުން ފަރަންސޭސިވިލާތުގައި ފެށި މުޒާހަރާތަކަށް އިޖާބަ ދިނުމުގެ ގޮތުން ފަރަންސޭސި ސަރުކާރުންވަނީ އެ ޓެކްސް އުވާލިކަން އިޢްލާންކޮށްފައެވެ.

ނަމަވެސް މުޒާހަރާތަކަށް އަދިވެސް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. އިއްޔެ ޕެރިހުގައިކުރި މުޒާހަރާތަކުގައި 136 ހާސް މީހުން ބައިވެރިވި ކަމަށާ ފަރަންސޭސި ފުލުހުން އޭގެތެރެއިން 1723 މީހުން ހައްޔަރުކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ޔެލޯވެސްޓް" ހަރަކާތުން މިހާރު ބުނަނީ ތެލުގެ ޓެކްސް އެކަނި އުވާލުމުން ނުފުދޭ ކަމަށާ އެހެން ބައެއް ޓެކްސްތައްވެސް ކަނޑާލައި ގިނަކަންތައްތަކެއް ފަރަންސޭސިވިލާތުގައި އިސްލާޙް ކުރަންޖެހޭ ކަމުގައެވެ.

ހޮނިހިރުދުވަހު ޕެރިހުގައި ކުރި މުޒާހަރާތަކުގައިވެސް އިމާރާތްތަކުގައި ހުޅުޖަހައި ވެހިކަލްތައް ހަލާކުކޮށް ސަލާމަތީ ބާރުތަކަށް ހަމަލާދިނުންފަދަ ހަރުކަށި އަމަލުތައް ހިންގިކަމަށް ފަރަންސޭސި ދާޚިލީ ވުޒާރާއިން ބުނެއެވެ. ފަރަންސޭސި ޚާރިޖީ ވަޒީރު ވަނީ ފަރަންސޭސި ރައްޔިތުން އެމީހުން ގެ އަމިއްލަ ހާލުގައި ދިރިއުޅުމުގެ ފުރްސަތު ދިނުމަށް ގޮވާލައްވައި ޓްރަމްޕަށް ފާޑުވިދާޅުވެފައެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު