އަޔޯދިޔާގައި ފައްޅިއެއް އެޅުމަށް ގޮވާލައި ދިއްލީގައި މުޒާހަރާކޮށްފި

ބާބްރީ މިސްކިތް ހުރި ބިމުގައި ފައްޅިއެއް ބިނާ ކުރުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފަ -- ފޮޓޯ: އީޕީއޭ

ދިއްލީ (ޑިސެމްބަރު 10): އިންޑިއާގެ އަޔޯދިޔާގައި މީގެ ކުރިން ބާބްރީ މިސްކިތް ހުރި ބިމުގައި ފައްޅިއެއް އެޅުމަށް ގޮވާލައި އެތައް ހާސް ހިންދޫން ވެރިރަށް ދިއްލީގައި މުޒާހަރާކޮށްފި އެވެ.

އެމުޒާހަރާ އިންތިޒާމު ކުރީ ވިޝްވާ ހިންދޫ ޕަރިޝާދު (ވީއެޗްޕީ ނުވަތަ ވޯލްޑް ހިންދޫ ކައުންސިލް)އިންނެވެ. އެއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ވަތަނީ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އާ ގުޅުން ހުރި ގުރޫޕެކެވެ.

ގާތްގަނޑަކަށް 200،000 މީހުން ބައިވެރިވި އެމުޒާހަރާގައި ހިންދޫ ފާދިރީން ވަނީ ވާހަކަ ދައްކާފަ އެވެ. އަދި ފައްޅި ނާޅާހާ ހިނދެއްގައި އެމީހުންގެ މުޒާހަރާތައް ނުހުއްޓާނެ ކަމަށް ބުނެފަ އެވެ. މީގެ ކުރިން ވީއެޗްޕީން ވަނީ އަޔޯދިޔާގައިވެސް ބޮޑު މުޒާހަރާއެއް ބާއްވާފަ އެވެ.

ހިންދޫން ބުނާ ގޮތުގައި ބާބްރީ މިސްކިތް އަޅާފައި ވަނީ އެތާ ހުރި ފައްޅިއެއް ތަޅާލުމަށް ފަހުގަ އެވެ. އަދި އެއީ 'ރާމް ކަލާނގެ' އުފަންވި ތަން ކަމަށް އެމީހުން ބުނެއެވެ.

ނަމަވެސް މުސްލިމުން ވަނީ، 1992 ވަނަ އަހަރު ހަރުކަށި ހިންދޫންގެ ބަޔަކު ބާބްރީ މިސްކިތް ތަޅާލީ އެމީހުން އެމިސްކިތް ބޭނުން ކުރާތާ 450 އަހަރުވެފައި ވަނިކޮށް ކަމަށް ބުނެފަ އެވެ.

ސޯޅަ ވަނަ ގަރުނުގައި ބިނާ ކުރި ބާބްރީ މިސްކިތް ތަޅާލުމާ ގުޅިގެން ކުރިއަށް ދިޔަ ހަމަނުޖެހުންތަކުގައި 2،000 މީހުން މަރުވި އެވެ.

ބާބްރީ މިސްކިތުގެ މައްސަލައިގައި ހިންދޫންނާއި މުސްލިމުން ވަނީ ކޯޓަށް ގޮސްފަ އެވެ. އަދި އެގައުމުގެ ސުޕްރީމް ކޯޓުން ވަނީ މައްސަލަ ނިންމުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް ބައެއް ހިންދޫން ދަނީ ޕާލިމެންޓު މެދުވެރިކޮށް، އެބިމުގައި ފައްޅިއެއް ބިނާ ކުރުމަށް ފާސް ކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

comment ކޮމެންޓް