ގަލްފުގެ ގައުމުތަކުގެ ގުޅިފައިވާ އަސްކަރީ ކޮމާންޑެއް އުފެއްދުމަށް ގޮވާލައިފި

ސައޫދީ ރަސްގެފާނު ގަލްފުގެ ސަމިޓްގައި --

ރިޔާޟް (ޑިސެމްބަރު 10) : ސައޫދީ ގެ ވެރިރަށް ރިޔާޟްގައި އިއްޔެފެށި ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ އިސްވެރިންގެ 39 ވަނަ ސަމިޓް ނިންމާލައިފިއެވެ.

މިސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި އިސްކަން ދީފައިވަނީ ގަލްފުގެ އަމަނާއި ދިފާއުގެ އިތުރުން ގަލްފުގެ ގުޅިފައިވާ ޚާރިޖީ ސިޔާސަތެއް ބައްޓަން ކުރުމުގެ މައްޗަށެވެ. މީގެއިތުރުން ޖީސީސީގެ ގައުމުތަކުގެ މެދުގައި އިގްތިސާދީ އެއްބައިވަންތަކަން ގާއިމްކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްވެސް ރިޔާޟްގެ ސަމިޓުން ނެރުނު ބަޔާން ގޮވާލާފައިވެއެވެ. އަސްކަރީގޮތުން ބަލާއިރު ޖީސީސީގެ ގައުމުތަކަށް ޚާއްސަ ޢަސްކަރީ ކޮމާންޑެއް ގާއިމްކުރުމަށް ސަމިޓުން ނިންމާފައިވެއެވެ.

މިއީ ޖީސީސީ ގައި ހިމެނޭ ތިންގައުމު ކަމަށްވާ ސައޫދީ، ޔޫއޭއީ އަދި ބަހްރައިން މިސްރު ގުޅިގެން ގަތަރާ ގުޅުންތައް ކަނޑާލައި ގަތަރާދެކޮޅަށް ޙިސާރުގެ ފިޔަވަޅުތައް އެޅިފަހުން ބޭއްވި އެޖަމްއިއްޔާގެ ފުރަތަމަ ސަމިޓެވެ. މި ސަމިޓްގައި ގަތަރު ތަމްޘީލް ކޮށްފައިވަނީ ވަރަށް ދަށުފެންވަރެއްގައެވެ. ސަމިޓްގައި ބައިވެރިވި ގަތަރުގެ ވަފްދުގެ އިސްވެރިއަކަށް ހުންނެވީ އެގައުމުގެ ޚާރިޖީ ކަންތައްތަކާބެހޭ ދައުލަތުގެ ވަޒީރު ސުލްތާން ބިން ސަޢްދުލްމިރީޚީ އެވެ.

ސަމިޓަށް ވަޑައިގަތުމަށްޓަކައި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ފަރާތްޕުޅުން ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދް އަށް ދައުވަތު އަރުވާފައިވެއެވެ. މިއީ މިހާ ދަށް ލެވެލް އެއްގައި ގަތަރުން ޖީސީސީ ގެ އިސްވެރިންގެ ސަމިޓެއްގައި ތަމްޘީލްކުރި ފުރަތަމަ ފަހަރެވެ. ގަތަރުގެ އަމީރު ސަމިޓްގައި ބައިވެރިވެވަޑައިނުގެންނެވީ ޖީސީސީ ގެ ތިން ގައުމުން އެގައުމާ ގުޅުންތައް ކަނޑާލައި އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތަކާ ގުޅިގެން ކަމަށްވަނީ ބެލެވިފައެވެ.

ޖީސީގެ ތިން ގައުމާއި މިސްރު ގުޅިގެން ގަތަރާދެކޮޅަށް ފިޔަވަޅުތައް އަޅާފައިވަނީ ގަތަރުން ޓެރަރިސްޓް ޖަމާއަތްތަކަށާ އަދި އެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކަށް އެހީތެރިވާ ކަމަށް ތުހުމަތުކުރުމަށްފަހުއެވެ. ގަތަރުން އެތުހުމަތުތަކަށް އިންކާރުކޮށްފައިވާއިރު މައްސަލަ ހައްލުކުރުމަށް އެގައުމުތަކުންހުށަހެޅި ޝަރުތުތައް ގަބޫލުކުރުމަށްވެސް ގަތަރުންވަނީ ދެކޮޅު ހަދާފައެވެ.

މިއީ ޖީސީސީގެ ގައުމުތަކުގެ މެދުގައި ޖެހުނު މިބާވަތުގެ ފުރަތަމަ މައްސަލަކަމަށްވެފައި މިފަދަ މައްސަލަތައް ހައްލުކުރުމުގެ މުއައްސަސާތައް ޖީސީސީގައި ހުރިނަމަވެސް މިމައްސަލަ ހައްލުކުރަން އެޖަމްއިއްޔާއިން އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައެއް ނުވެއެވެ. ރިޔާޟް ގައި ބޭއްވި ޖީސީސީ ގެ އިސްވެރިންގެ ސަމިޓްގެ އެޖެންޑާގައިވެސް ގަތަރުގެ މައްސަލަ ހައްލުކުރުން ހިމެނިފައެއް ނުވެއެވެ. މިމައްސަލައާއެކު ޖީސީސީގެ ބަލިކަށިކަން ހާމަވެގެން ގޮސްފައިވާއިރު އެ ޖަމްއިއްޔާއިން ވަކިވުމުގެ ޚިޔާލު ގަތަރުން ކުރަމުން ގެންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖީސީސީގައި ހިމެނެނީ ސައޫދީގެ އިތުރުން ބަހްރައިން، ޔޫއޭއީ ، ކުވައިތު، އުމާން އަދި ގަތަރެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު