ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ދޭ ބިލު މަޖިލީހަށް

ގަލޮޅު އުތުރު ދައިރާގެ މެމްބަރު އީވާ އަބްދުﷲ --- ފޮޓޯ/ މަޖިލިސް

ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއެވެ.

ބިލުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ. ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. އަދި އެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާވެސް މާދަމާ ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. ބިލު މަޖިލީހަށް ބަލައިގަތުމާމެދު ވޯޓަށް އަހާނީވެސް މާދަމާއެވެ.

ކޮރަޕްޝަންުގެ މައްސަލަތައް ހާމަކޮށް ވިސްލްބްލޯކުރާ ފަރާތްކަށް ރައްކާތެރިކަން ދޭ ގާނޫނެއް އުފަންކުރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިން ދުވަސްވަރު ވައުދުވެ ވަޑައިގެންނެވިއެވެ.

އޭގެ ފަހުން ރައީސް ކަމުގެ ހުވާ ކުރައްވައި އެންމެ ފުރަތަމަ ވާހަކަފުޅު ދައްކަވަމުންވެސް ވިސްލްބްލޯކުރާ ފަރާތްތަކަށް ގާނޫނީ ހިމާޔަތް ދޭނެކަމަށް ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް