މާލެ އަލުން ބިނާ ކުރުން ނޫން ގޮތެއް އެބައޮތްތަ؟

ޑިސެމްބަރު 5، 2018: ބޯ ވިއްސާރަޔާއެކު މާލެ އާދަޔާ ހިލާފަށް ފެންބޮޑުވެ، ގޭގެއަށް ބޮޑެތި ގެއްލުންތަކެއްވުން:-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސޯޅަ އޮކްޓޯބަރު 2014ގައި މާލެޔަށް ވަރަށް ބޮޑަށް ވިއްސާރަ ވެ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ޗާންދަނީ މަގުގައި ހުންނަ އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ތެރެޔަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ގެއްލުންތަކުގެ ތެރޭގައި، މަދަރުސާގެ އެންމެ މަތީ ބުރީގައި ހުންނަ މުދައްރިސުންގެ ކޮޓަރީގައި ފެން ބޮޑު ވެ، ކޮންޕިޔުޓަރުތައް ވެސް ކޮންމެވެސް ވަރަކަށް ހަލާކު ވުމާއި، މުދައްރިސުންގެ ކޮޓަރިޔާއި ލީޑިންގ ޓީޗަރުންގެ ކޮޓަރިޔާއި، ސައި ކޮޓަރީގެ ފަންގިފިލާޔަށް ފެން ވަދެ ފަންގިފިލާގެ ބައިތައް ފޯ ވެ ހަލާކު ވެގެން ފެއިބުން ހިމެނެއެވެ.

ހަމަ އެ ވިއްސާރައިގައި ރައްޔިތުން ދިރިއުޅޭ ގޭގެޔަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ސޯޅަ އޮކްޓޯބަރު 2014 ވީ ބުރާސްފަތި ދުވަހަކަށެވެ. އެ ދުވަހުގެ މެންދަމު 1:15 ހައި އިރުން ފެށިގެން ފަތިހު 4:00 ހައި އިރު ވާންދެން މެދުނުކެނޑި ބޯކޮށް ވެހުނު ވާރެޔާ އެކު މާލޭގެ ގިނަ މަގުތަކެއްގައި ކަކޫތާފެނަށް ފެން ބޮޑު ވިއެވެ. ބައެއް ގޭގޭގައި، ފުރަތަމަ ބުރީގެ ތަޅުންގަނޑުގައި ގޮދަޑި އަޅައިގެން ނިދާން ތިބި މީހުންނަށް ހެއި ލެވުނީ ގޭތެރޭގައި ފެން ބޮޑު ވެ، ގޮދަޑިގަނޑު ތެމި ފޯ ވެގެންނެވެ. އައިސް އަލަމާރިޔާއި ދޮންނަ މެޝިން ފަދަ ތަކެތި ހަލާކު ވެ، ހިފައި ގެންގުޅޭ އެހެން ބައެއް ތަކެތި ވެސް އުކައިލާން ޖެހުނީއެވެ. އެ ރޭ އަޅުގަނޑުގެ ރައްޓެއްސެއްގެ ގޭގައި ކަކުލާ ހަމަޔަށް ފެން ބޮޑު ވެ، ކަރަންޓު ގޮސްގެން ސްޓެލްކޯއަށް ގުޅުމުން ސްޓެލްކޯއިން ދެއްވި ޖަވާބަކީ މާލޭގެ ކޮންމެވެސް ދިމާޔަކުން ކޭބަލެއްގެ މައްސަލަ ޖެހިގެން ފަންނީ މީހުން އެ ހިސާބުގަނޑުގައި އަވަދިނެތި އުޅޭ ކަމަށާއި، އެ ވަގުތު އެހީތެރިކަމެއް ފޯރު ކޮށްދެވޭ ވަރަށް ފަންނީ މީހުން ނެތް ކަމުގައެވެ. ގޭތެރޭގައި ބޮޑު ވެފައި އޮތް ފެންގަނޑުގައި ފަތަފަތައި، ޅަދަރީން އުރައިގެން، އެ ގޭގެ ކުދިބޮޑު އެންމެން އެރޭ ތިބީ ކަނުއަނދިރީގައި ނުނިދައެވެ.

މި ދައްކަނީ ގަސްގަހާގެއްސާއި ފުރާޅުތައް އެއްލައިލާ ފަދަ ގަދަފަދަ ވަޔާއި ހޮނުގުގުރިޔާއި ނަގޫރޯޅި ފަދަ ތޫފާނީ މުސީބާތްތަކެއްގެ ވާހަކައެއް ނޫނެވެ. މި ދައްކަނީ ހަމައެކަނި މެދުނުކެނޑި ތިން ހަތަރު ގަޑިއިރު ވާންދެން ވާރޭ ވެހުމުން މާލޭގައި ވާ ގޮތުގެ ވާހަކައެވެ.

ހަތަރު އަހަރު ފަހުން، މި ދިޔަ ބުދަ ދުވަހު ވެސް ހަމަ ތަކުރާރު ވީ އެ ކަންތަކެވެ. ތޫފާނެއް އައުން ފަދަ ބޮޑު ކަމެއް ލައިގަތީއެއް ނޫނެވެ. ހަމައެކަނި ވީ ކަމަކީ މެންދުރުން ފެށިގެން އަސުރެއްހައި އިރު ވާންދެން މެދުނުކެނޑި ވާރޭ ވެހުމެވެ. ނަތީޖާއަކީ މާލެ ހުއްޓުމެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ގާތްގަނޑަކަށް ހުރިހާ ކަމެއް ހުއްޓުމެވެ. އެތައް ގެޔަކަށް ފެން ވަނދެފައި ވާ އިރު، 160 އާއިލާޔަކަށް އެހީތެރިކަން ބޭނުން ވިއެވެ. ބައެއް ގޭގެއިން ކަރަންޓު ކެނޑި، މީހުން އުޅޭން ޖެހިފައި އޮތީ ގޭތެރޭގައި އޮތް ފެންގަނޑެއްގައެވެ. މަގުތަކުގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އަޅުގަނޑުގެ ރައްޓެއްސެއްގެ ސައިކަލު ފަހު ދުވަހު ގަރާޖަށް ގެންގޮސް ހެއްދީ 3000 ރުފިޔާ ޚަރަދު ކޮށްފައެވެ. ދިވެހިރާއްޖޭގައި ކަންކަން ހުންނަ ގޮތުން، މި ކަހަލަ ހާލަތެއްގައި ރައްޔިތުންނަށާއި އަދި އެހެނިހެން ފަރާތްތަކަށް ލިބޭ ގެއްލުމުގެ ތަފާސްހިސާބުތައް އެކަށީގެން ވާ ގޮތަކަށް ބަލައި ދިރާސާ ކޮށް ހާމަ ކުރުން އެއީ ކުރެވޭ ކަމަކަށް ނުވާތީ، އެ ދުވަހު ލިބުނު ގެއްލުމުގެ ހިސާބުތަކެއް އަދިވެސް ނޭނގެއެވެ.

ބުދަ ދުވަހުގެ ބޮޑުފެނުގެ ޚަބަރުތައް ބަލަމުން ދިޔަ އިރު، އެންމެ ކަންބޮޑު ވާން ޖެހުނު އެއް ޚަބަރަކީ މަގުތަކުގައި ދެމެމުން ދިޔަ އަދި ބައެއް އިމާރާތްތަކުގެ އެތެރެޔަށް ވަދެފައި އޮތް ފެންގަނޑުގައި ކަރަންޓުގެ އަސަރު ހުރެއްޖެ ނަމަ ލަސް ނުކޮށް އެކަން ސްޓެލްކޯއަށް ރިޕޯޓު ކުރުމަށް ފުލުހުންގެ އިދާރާއިން އެދުނުކަމުގެ ޚަބަރެވެ. ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައި އޮތީ މަގުތަކުގައި އޮތް ފެންގަނޑުގައި ކަރަންޓުގެ އަސަރު ހުރިކަމުގެ ރިޕޯޓުތަކެއް ލިބެމުން ދިޔަ ކަމަށާއި، ފުލުހުން އެކަން ބަލަމުން ދިޔަ ކަމަށާއި، އެ ކަމަށް ސަމާލު ވުމަށެވެ. އަދި އެފަދަ ކަމެއް ފާހަގަ ކުރެވޭ ނަމަ ސްޓެލްކޯގެ 104 އަށް ރިޕޯޓު ކުރުމަށެވެ. ފުލުހުންގެ ޓުވީޓާ އެކު އަޅުގަނޑަށް ވިސްނުނު އެއްޗަކީ، މަގުތަކުގައި އޮތް ފެންގަނޑުގައި ކަރަންޓު ހުރި ކަމުގެ ރިޕޯޓުތަކަކީ ހަގީގަތް ކަމުގައި ނުވިޔަސް، އެފަދަ ކަމެއް މެދުވެރި ވުމުގެ ހަނި ނޫން ފުރުސަތެއް އޮތް ކަމެވެ. މިއީ ބޮޑު މައްސަލައެކެވެ. އިތުރު މާބޮޑު ކަމެއް ނުވެ، ހަމައެކަނި ތިންހަތަރު ގަޑިއިރަށް ވާރޭ ވެހުމުން، މާލޭގެ މަގުތައް ބޮއްކުރާ ދުއްވޭ ވަރުގެ ފެންއާރުތަކަކަށް ބަދަލު ވެ، އެ ފެންގަނޑަށް ކަރަންޓު އައިސް، އެ ކަރަންޓުން މީހުން މަރު ވެ ރައްޔިތުންގެ ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުން ލިބުމުގެ އިހުތިމާލު އޮންނާނޭ ގޮތަށް މާލެ ބިނާ ކުރެވިފައި އޮތުމަކީ ކުޑަކުޑަ ކަމެއް ނޫނެވެ. އެއީ ފާއިތު ވި ހުރިހާ ޒަމާނެއްގައި ރާއްޖޭގައި ވެރިކަން ކުރި ހުރިހާ ސަރުކާރުތަކެއްގެ ފޭލިވުމެކޭ ވެސް ބުނެވިދާނެއެވެ.

ކޮންމެ ފަހަރަކު އަންނާނީ ތިންހަތަރު ގަޑިއިރުގެ ވާރޭގަނޑެއް ކަމުގެ ޔަގީންކަމެއް ނޯންނާނެއެވެ. މިދިޔަ 2017 ވަނަ އަހަރުގެ ނޮވެންބަރާއި ޑިސެންބަރުގެ ތެރޭގައި އިންޑިއާ ކަނޑުގައި އުފެދުނު ސައިކްލޯން އޯޝީއާ ގުޅިގެން ދިވެހިރާއްޖޭގައި މޫސުމާ ބެހޭ ކަންކަން ދިރާސާ ކުރައްވައި މައުލޫމާތު ދެއްވާ މެޓް އޮފީހުން ޔެލޯވ އެލާޓެއް ނެރުއްވިއެވެ. އެ ސައިކްލޯނުގެ އަސަރު ރާއްޖެޔަށް ނުހަނު ބޮޑަށް ކުރިއެވެ. ނަމަވެސް ނަސީބު ރަނގަޅުކަމުން ނުވަތަ މާތްރަސްކަލާނގެ އަޅުގަނޑުމެންގެ މި ކުޑަކުޑަ ގައުމަށް ލައްވާ ރަޙުމަތްޕުޅެއްގެ ގޮތުން، މިފަދަ އެއްވެސް ތޫފާނެއް އަދިއެއް ރާއްޖޭގެ ރަށަކަށް ސީދާކޮށް ލައެއްނުގަނެއެވެ. ނަމަވެސް މާދަމާ ވާނެ ގޮތެއް ހަމަ އެކަކަށް ވެސް ނޭނގޭނެއެވެ. ވަރުގަދަ ތޫފާނެއް މާލެޔަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް އަރައިފި ނަމަ ވާނީ ކިހިނެއް ބާވައެވެ! ނަގޫރޯޅިޔާއި، ހޮނު އަޅައިގެން ލިބޭ ގެއްލުންތަކާއި، ކަނޑު ގަދަ ވެގެން ރަށުތެރެޔަށް އުދަ ނުވަތަ ބޮޑުރާޅު އެރުން ފަދަ ކަންކަމާ އެކު އަންނަ ތޫފާނީ ވިއްސާރައެއް ނަމަ ހަދާނީ ކިހިނެއް ބާވައެވެ!

ކުޑައިކޮށް ވިސްނައިލަމާ ހިންގަވާށެވެ!

އެފަދަ ގުދުރަތީ ކާރިސާއެއް މެދުވެރި ވެއްޖެ ނަމަ އެތައް އިމާރާތެއް ހަލާކު ވުމަކީ ކައިރި ކަމެކެވެ. މަގުތަކުގައި މިހާރު ފެންބޮޑު ވާ ވަރަށް ވުރެ ބޮޑަށް ފެންބޮޑު ވާނެއެވެ. މާލޭގެ މަގުތަކުގެ ދުވާރުތަކަށް އުކައިލައިފައި ހުންނަ ބީދަޔަކުން ހުންނަ ކަރަންޓުފޮށިތަކަށް ގެއްލުން ވުން ފަދަ ކަންކަމުގެ ސަބަބުން ކަރަންޓު ޝޯޓު ވުމާއި އަލިފާނުގެ ބޮޑެތި ހާދިސާތަކެއް ވެސް އޭގެ ތެރެއިން އުފަން ވުން އޮންނާނީ މާ ދުރަކު ނޫނެވެ. ހާލުގައި ޖެހޭ ރައްޔިތުން ވަގުތީ ގޮތުން ބައިތިއްބާނެ ތަންތަން ވެސް މާލެޔަކު ނެތެވެ. އަނެއްކާ އެފަދަ ހާލަތެއްގައި ފޭރޭ މީހުންނާއި ލޫޓުވާ މީހުން ނުކުމެ ރައްޔިތުންގެ މުދަލާއި ފިހާރަތަކަށް ގެއްލުން ދޭން ކުރާ މަސައްކަތް ހުއްޓުވައި ހާލަތު ރަނގަޅަށް މެނޭޖު ކުރުމުގެ ގާބިލުކަން ކަމާބެހޭ ފަރާތްތަކުގެ ކިބައިގައި ހުރިތޯ މިއީ ވެސް ސުވާލެކެވެ. އެފަދަ ހާލަތެއްގައި ފެން ކުންފުނީގެ ނިޒާމަށް ލިބޭ ބޮޑު ގެއްލުމެއްގެ ސަބަބުން، 2014 ޑިސެންބަރުގައި މާލެޔަށް ޖެހުނު ފަދަ މުސީބާތެއް ވެސް ކާރިސާ ލިސްޓަށް އިތުރު ވެއްޖެ ނަމަ، ނުވަތަ ސްޓެލްކޯގެ އިންޖީނުތައް ހުންނަ އިމާރާތްތަކަށް ލިބޭ ގެއްލުންތަކެއްގެ ސަބަބުން ކަރަންޓު ކެނޑުން ނުވަތަ އެޔަށްވުރެ ވެސް ނުރައްކައުތެރި ހާދިސާއެއް ހިނގައިފި ނަމަ ހަދާނީ ކިހިނެއްތޯއެވެ؟ މި ކަންކަމުގެ މައްޗަށް، ރާއްޖޭގެ ސަރަހައްދަށް އަރާ ތޫފާނެއްގެ އަސަރު ރާއްޖޭގެ އެތައް ރަށަކަށް އެއްފަހަރާ ކޮށްފި ނަމަ، ދެން ހަދާނީ ކިހިނެއްތޯއެވެ؟

މާލޭގެ ހަސްފަތާލުތައް ހެދިފައި ހުންނަ ގޮތާއި، ހަސްފަތާލުތައް ހުންނަ ތަންތަނަށް ބަލާ އިރު، އެއިން ތަނަކީ މި ދަންނަވާ ފަދަ ގުދުރަތީ ކާރިސާއެއްގެ ހާލަތުގައި ސިއްހީ ޚިދުމަތް މެނޭޖު ކުރުމުގެ ގާބިލިއްޔަތު އެއްވެސް މިންވަރަކަށް ހުރި ތަންތަނެއް ނޫނެވެ. އާއްމު ހާލަތުގައި އެ ތަންތަނުގެ ޚިދުމަތް ހޯދާން ދާ ބަލި މީހުންނަށް ވެސް އެތައް މަހެއް ވާންދެން ޚިދުމަތުގެ އިންތިޒާރުގައި މަޑު ކުރާން އެބަ ޖެހެއެވެ. ގުދުރަތީ ކާރިސާއެއްގައި އަނިޔާ ވާ މީހުންނާއި، އަދި އެ ކާރިސާގެ ފަހަތްމަތީގައި ރޯނގާއެއް ފެތުރިގެން އެތައް ހާސް މީހުން ކުއްލި ސިއްހީ ފަރުވާޔަށް މުހުތާދު ވެއްޖެ ހާލަތެއްގައި، ރާއްޖޭގެ ހަސްފަތާލުތައް މަރުބަލާ ސެންޓަރުތަކަކަށް ބަދަލު ނުވެއްޖެއްޔާ ކިތަންމެހައި ވެސް ރަނގަޅެވެ. ތޫފާނެއް ކަހަލަ ކަމެއް މެދުވެރި ވެއްޖެ ހާލަތެއްގައި، ސިއްހީ ޚިދުމަތާ ގުޅިގެން ދިމާ ވާނެ އެންމެ ބޮޑު އެއް މައްސަލަ މިދިޔަ ބުދަ ދުވަހުގެ ބޮޑުފެނުގެ ތެރޭގައި ވެސް ފެނިގެން ދިޔައެވެ. އެންމެ ބޮޑަށް ފެންބޮޑު ވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ދެވޭ މަގުތަކުގައެވެ. ފެނުގައި ކަރަންޓު ހުރިކަމުގެ އިންޒާރު ލިބުނީ ވެސް އެ ހިސާބުގަނޑުގައެވެ. އެ ގަޑީގައި އައިޖީއެމްއެޗަށް އޮތް "އެކްސެސް" ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ގާތްގަނޑަކަށް މުޅީންހެން ގެއްލުނެވެ. މާލޭގައި އާއްމު ދަތުރުފަތުރުގެ ޚިދުމަތް ދޭ ހަމައެކަނި ނިޒާމު ކަމަށް ވާ ޓެކްސީތައް، ވާރޭކޮޅެއް ވެހިލާ އިރަށް ޕާކު ކުރާ ވާހަކަޔާއި، ވިއްސާރަ ވުމާ އެކު ޓެކްސީ ސެންޓަރުތަކުގެ ފޯނުތަކުގެ އަތްގަނޑުތައް ނަގައި އެލުވައިފައި ބަހައްޓާ ވާހަކަޔާއި، އޭގެ ސަބަބުން އާއްމު ދަތުރުފަތުރުގެ ޚިދުމަތަށް ރައްޔިތުން އެންމެ ބޭނުން ވާ ވަގުތު އެ ޚިދުމަތް މުޅީންހެން ހުއްޓައިލެވޭ ވާހަކަޔަކީ އައު ވާހަކައެއް ނޫނެވެ. ތޫފާނީ ކާރިސާއެއް މެދުވެރި ވާ ހާލަތުގައި، އެންމެ ކުޑަ މިނުން ދުރު ހިސާބުތަކުން ހަސްފަތާލުތަކަށް މީހުން ގެންދާނެ ގޮތަކީ ވެސް ކޮބައިބާވައެވެ؟

ހަނދުމަފުޅު ހުރި ނަމަ، ޑިސެންބަރު 2014 ގެ ކާރިސާގައި މާލެއިން ފެނުގެ ޚިދުމަތް ކެނޑުނު އިރު، ފެން ކުންފުނީގެ ރިޒާވްގައި ހުރީ 4-6 ގަޑިއިރަށް ފުދޭހައި ފެނެވެ. އަޅުގަނޑުމެން ޕްލޭން ކުރާ ގޮތަކީ މިއެވެ. ރާއްޖޭގައި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރެއް ހެދުނީ އަޅުގަނޑުގެ މައުލޫމާތު ކުށް ނޫން ނަމަ 2004 ގައެވެ. ނަމަވެސް އެ ސެންޓަރުގެ ފަރާތުން ކާރިސާގެ ހާލަތަކަށް ރާއްޖޭގެ ރަށްތައް ތައްޔާރު ކުރުމަށް ޓަކައި، ކާރިސާޔަކާ ކުރިމަތި ލައި "ސަރވައިވް" ކުރެވޭ ވަރުގެ "ރޯބަސްޓް" އަދި ރަނގަޅަށް ބިނާ ކުރެވިފައި ވާ ރަށްތަކަކަށް ރާއްޖޭގެ ރަށްތައް ބަދަލު ކުރުމަށް ޓަކައި ކުރެއްވި ދިރާސާތަކާއި ހެއްދެވި ޕްލޭންތަކާއި ކުރެއްވި މަސައްކަތްތައް ބަލައިލާން އަޅުގަނޑު ވަރަށް ބޭނުމެވެ.

ގުދުރަތީ ކާރިސާއެއްގެ ހާލަތު މެނޭޖު ކުރުމުގެ އެއްވެސް ގާބިލިއްޔަތެއް އަޅުގަނޑުމެންގެ ކިބައިގައި ނެތުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، އަޅުގަނޑުމެންގެ ރަށްތަކާއި ޝަހަރުތައް އެއްވެސް ޕްލޭނެއް ނެތި ބިނާ ކޮށްފައި އޮންނަ އޮތުމެވެ. މާލެޔަށް ބަލައިލާ އިރު، މާލޭގެ މަގުތައް ހަނިކަމުން ދިމާ ވާ މައްސަލަތައް ވެސް ސަތޭކައިން ގުނައިލެވިދާނެއެވެ. އިމާރާތްތައް އެއް އިމާރާތް އަނެއް އިމާރާތާ ޖެހި ފިތިގެން ހުންނަ ހުރުމުގެ ނަތީޖާއެއްގެ ގޮތުން ނުކުންނަ މައްސަލަތައް ވެސް ވަކި މަދެއް ނުވާނެއެވެ. އިމާރާތެއް ތަނެއްގައި އަޅާ އިރު، އެފަދަ އިމާރާތެއް ހުރުން އެންމެ އެކަށީގެން ވާ ތަނަކީ އެއީތޯ ވިސްނައިލުން ވެސް އެއީ އަޅުގަނޑުމެން ކުރާ ކަމެއް ނޫނެވެ. މާލޭގެ މެދުތެރޭގައި، ޓްރެފިކް ބޮޑު މަގުތަކަށް ދޮރޯށި ހުންނަ ގޮތަށް، އެއް ތަނެއްގައި އެތައް މަދަރުސާއެއް އެ ހުންނަނީ މި ދެންނެވި ސަބަބާ ހުރެއެވެ. މާލޭގެ ހަނި މަގުތަކުގެ ދުވާރުމައްޗަށް އިމާރާތްތަކުގެ ބެލްކަނިތައް ނެރެ، އެ ތަންތަނުން އެކި ކުލަކުލައިގެ، އެކި ވަސްވަހުގެ ފެންތިކިތައް ހިނގާ މީހުންގެ ބޮލަށް ޖަހަޖަހައި ހުންނަ ހުރުމަކީ ވެސް ހަމަ މި ދެންނެވި މައްސަލައިގެ ނަތީޖާއެވެ. ޖެހި ފިތިފައި ހުންނަ ދެ އިމާރާތުގެ ދެމެދުގައި ފެން ހަރުލާ ގޮތް ވެ، އެ ފެނުން މަދިރި އާލާ ވެގެން ފެތުރި، ކޮންމެ އަހަރަކު އެކިދެތިން ފަހަރު ޑެންގޫގެ ރޯނގާތައް ލައިގަންނަނީ ވެސް މި ދަންނަވާ މައްސަލައިގެ ނަތީޖާއެއްގެ ގޮތުންނެވެ.

ޒަމާނީ ޝަހަރެއް ޕްލޭން ކުރަނީ މި ދެންނެވި ފަދަ ހުރިހާ ކަމަކަށް ވިސްނައިގެންނެވެ. މަގުތައް ހަދަނީ ދުއްވާ އެއްޗެއްސަށާއި، ހިނގާ މީހުންނަށާއި، ހިޔާ ދޭ ގަސްގަހަށާއި ކުނި މެނޭޖު ކުރުމާއި، މަގުތަކުން އަޅައިފައި އޮންނަ އެކި ކަހަލަ ހޮޅިތަކާއި ކޭބަލްތައް ފަދަ ތަކެތީގެ އޮނިގަނޑު ފަދަ އެތައް ކަމަކާ މެދު ކުރާން ޖެހޭ ކަންކަން ކޮށްގެންނެވެ. އަޅާ ކޮންމެ އިމާރާތެއް ހަދަނީ ގަދަވަޔާއި ވިއްސާރަޔާ ކުރިމަތި ލެވޭފަދަ ވަރުގަދަ ތަނެއްގެ ގޮތުގައެވެ. "ސްޓޯރމްވޯޓަރ" މެނޭޖު ކުރެވޭ ފަދަ ތަނެއްގެ ގޮތުގައެވެ. ހޮނު އެޅުން ފަދަ ކަމެއް ދިމާ ވިޔަސް ގެއްލުން ނުވާނެ ގޮތަށެވެ. އަލިފާނުގެ ހާދިސާއެއް ފަދަ ކަމެއް ހިނގައިފި ނަމަ، ނުވަތަ ސަލާމަތީ ޚިދުމަތްތަކުން އެ ތަން ބަންދު ކުރާން ބޭނުން ވެއްޖެ ނަމަ، އިމާރާތުގެ ވަށައިގެން ހުރިހާ ދިމާޔަކުން ވެސް އިމާރާތާ ހަމަޔަށް އުނދަގުލެއް ނެތި ވާސިލު ވެވޭ ފަދަ ގޮތަކަށެވެ.

ހަގީގަތަކީ، މި ދެންނެވި ކަންކަމަށް ވިސްނައިގެން ދިވެހިރާއްޖޭގެ ރަށްތައް ޕްލޭން ކޮށް، މުސީބާތްތަކުގެ ހާލަތުތަކަށް ތައްޔާރު ވެފައި ވާ ތަންތަނުގެ ގޮތުގައި، ރައްޔިތުންނަށް ރައްކައުތެރިކަމާއި ސަލާމަތްތެރިކަމާ އެކު އުޅެވޭނެ ތަންތަނުގެ ގޮތުގައި ރަށްރަށް ބިނާ ކުރުމަށް ދިވެހި ސަރުކާރުތަކުން އެއްވެސް އިރަކު މަސައްކަތެއް ނުކުރެއެވެ. ކުރި ކަމެއް ނަމަ ކޮށްފައި ވަނީ އަމާ ބުނީތީ ފަރަށް ދާ އުސޫލުންނެވެ. ކޮންމެ ކަމެއް ކުރުމުގައި ވެސް އޮންނަނީ ރިޝްވަތު ހިފުމާއި ބާރާއި މަގާމާއި ނުފޫޒުގެ ބޭނުން ކުރުން ފަދަ ވިޔާނުދާ ކަންކަމެވެ. މިސާލަކަށް، މާލޭގައި އިމާރާތް ކުރެވޭނީ ގޯތީގެ 80 އިންސައްތައިގައޭ އެއް ދުވަހު ގަވާއިދުގައި އޮތިއްޔާ، އަނެއް ދުވަހު އެކަން ބަދަލު ވެ މުޅި ގޯތީގައި އިމާރާތް ކުރެވިދާނެ ކަމަށް ކަނޑައެޅެއެވެ. ގޯއްޗެއްގައި ހުންނަ އިމާރާތް ހުންނާން ވާނީ މަގުފާރު ނުވަތަ މަގުއިމަށް ވުރެ ފަސް ފޫޓު އެތެރޭގައޭ އެއް ދުވަހު ގަވާއިދުގައި އޮތިއްޔާ، އަނެއް ދުވަހު އެ މާއްދާއެއް ވެސް ނޯވެއެވެ. މާލޭގައި އިމާރާތް ކުރެވޭނީ އެންމެ އުސް ވެގެން 10 ބުރިޔަށޭ އެއް ދުވަހު އޮތިއްޔާ، އަނެއް ދުވަހު އެ އަދަދު ވެސް އޮންނާނީ 25 އަށް ބަދަލު ވެފައެވެ. މި ވާ ގޮތާ ބެހޭ ތަފްސީލުތައް ދެންނެވުމުގެ ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.

އަޅުގަނޑު ވެސް އެއްބަހެވެ. ކިތަންމެ ރަނގަޅަށް ތައްޔާރު ވެގެން ތިއްބަސް، އިންސާނާގެ ބާރަށް ވުރެ އެތައް ލައްކަ ގުނައެއް ވަރުގަދަ ގުދުރަތީ ބާރުތައް މުސީބާތުގެ ސިފައިގައި ލައިގަތުމުން، އެ ވާ ގޮތެއް ވާނެއެވެ. ނަމަވެސް ކާރިސާތަކަށް ވީ ވަރަކުން ތައްޔާރު ވެގެން، ގެއްލުން ވީހައި ކުޑަ ކުރެވޭނެ ގޮތަކަށް ޕްލޭންތައް ކޮށް މަސައްކަތްތައް ކުރުމަކީ ވެސް އޮންނަ ކަމެކެވެ. އެފަދަ ޕްލޭނެއް ނެތި، "އަމިއްލަޔަށް ބިނާ ވާން ދޫ ކޮށްފައި އޮތް" މާލެޔަކީ ހަގީގަތުގައި މީހުން ދިރިއުޅޭ އެއްވެސް ގޮތަކުން އެކަށޭނަ ތަނެއް ނޫނޭ ބުނެވިދާނެހައި، މި ތަނުގެ އުމްރާނީ ނިޒާމު ގޯހެވެ. އަޅުގަނޑު މި ދެއްކީ ގުދުރަތީ ކާރިސާއެއްގެ ހާލަތުގައި މާލޭގައި ދިމާ ވެދާނެ ކަންކަމުގެ ވާހަކައެވެ. އެއްވެސް ޕްލޭނެއް ނެތި، ގޮތެއް ފޮތެއް ނެތި ބިނާ ކުރެވިފައި އޮތުމުގެ ސަބަބުން މާލޭގައި ގުދުރަތީ ރީތިކަމެއް، ފެހިކަމެއް، ބިނާފަރުމާގެ އެއްވެސް ކަހަލަ ފުރިހަކަކަމެއް ނެތް ވާހަކަ، އަދި މި ކަހަލަ ގޮނގުރެޓުގެ ޖަންގައްޔެއްގައި ބޮޑު ވާ ކުދީންނާއި އުޅޭ ބައެއްގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް ލިބޭ ގެއްލުންތަކުގެ ވާހަކަ އިހަށް ބާއްވާނީއެވެ. ކުރުކޮށް ދަންނަވާ ނަމަ، މާލެޔަކީ "އާރބަނައިޒްޑް ސްލަމް" އެކެވެ. މި "ސްލަމް" ގައި 100 މިލިއަން ރުފިޔާގެ "ސްޓޯރމްވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް" ހަރު ކުރުމަކީ ބައު ވެ ހަސްފަސް ނެތިފައި ހުރި އިމާރާތެއްގައި ލައްކައިން ޚަރަދު ކޮށްގެން ދިޔަދޮވި ހަރު ކުރުން ފަދަ ކަމެއް ކަމަށް މެނުވީ އަޅުގަނޑަކަށް ނުފެނެއެވެ.

ދެން އޮތް ގޮތަކީ ކޮބައިބާވައެވެ؟

ވިސްނައިވިސްނައި ސިކުނޑީން ތެޔޮ ހޭނިގެން ދިޔަ އިރު ވެސް، މާލެ އެކަށް ރޫޅައިލައި، ފުރިހަމަ ޕްލޭނެއްގެ ދަށުން މުޅި ޝަހަރު، 50000 ވަރަކަށް މީހުން ދިރިއުޅޭ، ހިތްފަސޭހަ ބަގީޗާ ޝަހަރެއްގެ ގޮތުގައި އަލުން ބިނާ ކުރުން ފިޔަވައި އެހެން ގޮތެއް އަޅުގަނޑަކަށް ނުފެނުނެވެ. މި ދަންނަވަނީ ކުޑަ ކަމެއްގެ ވާހަކައެއް ނޫނެވެ. މިކަން ކުރެވޭނީ ނިކަން ދުރަށް ރާވައިގެން، މާލޭގެ އާބާދީ ހުޅުމާލެޔަށް ބަދަލު ކުރަމުން، ބަދަލު ކުރެވޭ ވަރަކުން މާލޭގެ އާ ޕްލޭން ތަންފީޒު ކުރަމުން ގޮހެވެ. އެފަދަ ޕްލޭނެއް ކުރެވި، މާލެ އަލުން ބިނާ ކުރެވޭ ގޮތެއް ވެއްޖެ ނަމަ، އަޅުގަނޑުގެ ހުވަފެނަކީ ދިވެހިރާއްޖޭގެ ރަސްކަމުގެ ޝާހީ ގަނޑުވަރު، އަސްލު ހުރި ގޮތަށް، އެއްވެސް ތަފާތެއް ނެތި، އެ ގަނޑުވަރުގެ މަގާމުގައި އަލުން ބިނާ ކުރެވިގެން ދިޔުމެވެ. ކަޅުވަކަރު މިސްކިތް ވެސް އެ މިސްކިތުގެ ހަގީގީ މަގާމުގައި، މަޖީދީމަގުގައި އަލުން ބިނާ ކުރެވުމެވެ. އަދި މާލޭގެ ތާރީޚީ ހުރިހާ މުހިއްމު ތަންތަން، ބަލައި ފޫހި ނުވާނޭ ފަދަ ރިވެތި ތަންތަނުގެ ގޮތުގައި އަލުން އިމާރާތް ކުރެވުމެވެ. މި ކަން ކުރަންޏާ، ކުރެވޭނީ މި ދަނޑިވަޅުގައެވެ. ހުޅުމާލޭގައި ހިއްކިފައި ވާ ސަރަހައްދު ހުހަށް އޮއްވައެވެ.

comment ކޮމެންޓް