ދީނުގެ ހަރުކަށި ފިކުރުތަކުގެ ސަބަބުން ވެސް އެތައް ޒުވާނުންނެއް މަގުއޮޅިގެންދޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ... ފައިލް ފޮޓޯ/ ރައީސް އޮފީސް

އިސްލާމްދީނުގެ ނަމުގައި ފަތުރަމުންދާ ނުރަނގަޅު މަޢުލޫމާތުގެ ސަބަބުން، އެތައް ދިވެހީންނެއް މަގުއޮޅި، ލޯބިވާ ޢާއިލާތަކާ ވަކިވެ، މި ދުނިޔެ ދޫކުރަމުންދާކަމީ، ދިވެހިން ނުހަނު ހިތާމަކުރާ ކަމެއްކަމަށާޢި ލާދީނީ ފިކުރުތައް ދިވެހި ޒުވާން ހިތްތަކަށް ނުފޫޒު ފޯރުވަމުންދާ ފަދައިން، ދީނުގެ ހަރުކަށި ފިކުރުތަކުގެ ސަބަބުން ވެސް އެތައް ޒުވާނުންނެއް މަގުއޮޅެމުންދާކަން މިއަދު ހަނދާނުގައި ބަހައްޓަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް އެ މަނިކުފާނު ރޭ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ވިދާޅުވީ އިސްލާމްދީނުގެ ސާފު ޢަގީދާއިން ބޭރުވެގެން ދަނީ ވެސް އަދި ދީނީގޮތުން ހައްދުފަހަނައަޅައި، ލާއިންސާނީ ހަރުކަށި ޢަމަލުތަކަށް އަރައިގަންނަނީ ވެސް އިސްލާމްދީނުގެ ލުއިފަސޭހަކަމާއި އިސްލާމްދީނުގައިވާ ރަޙްމާއި އޯގާތެރިކަމާއި ހަމްދަރުދީގެ މަތިވެރި އުސޫލުތަކާއި ހަމަތައް ނޭނގޭތީ ކަމަށެވެ.

އަދި "އެހެންކަމުން ދިވެހި ޅަދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ރަނގަޅު މަޢުލޫމާތު ހަރުލައްވައިދިނުމަށް" ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، ތަރުބަވީ މުއައްސަސާތަކާއި މުދައްރިސުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ދިވެހިންގެ ތެރޭގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އަސާސަކީ، އިސްލާމީ ޢަގީދާގެ އެއްބައިވަންތަކަންކަމަށާއި ދިވެހިންނާ ކުރިމަތިވާ ބޭރުގެ ލާދީނީ އޮއިވަރުތަކުން، މި ރާއްޖެ ޙިމާޔަތްކޮށް ދިފާޢުކޮށްދޭ އެންމެ ވަރުގަދަ އައްޑަނައަކީ ވެސް އިސްލާމީ ޢަޤީދާގެ ސާބިތުކަމާއި ހަރުދަނާކަން ކަމުގައި އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް