އެމެރިކާވަނީ މެދުއިރުމަތި ބަޑިބޭހުގެ ފީފާއަކަށް ހަދާފައި: އީރާން

އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް

ތެހެރާން (ޑިސެމްބަރ 8): މެދުއިރުމަތި ބަޑިބޭހުގެ ފީފާއަކަށް ހަދާފައިވަނީ އެމެރިކާގެ ހަތިޔާރުން ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވެއްޖެއެވެ.

އީރާނުގައި ކުރިޔަށްދާ ސަރަހައްދީ ހަގައުމެއްގެ ޕާލަމެންޓްގެ ރައީސުންގެ ބައްދަލުވުމުގައި ތަގްރީރު ކުރައްވަމުން ޒަރީފް ވިދާޅުވީ މެދުއިރުމަތީގެ ގައުމުތަކަށާ އަދި ޚާއްސަކޮށް ގަލްފުގެ އަރަބި ގައުމުތަކަށް އެމެރިކާ ހަތިޔާރު ވިއްކަނީ އެގައުމުތަކުގެ ދިފާއަށް ބޭނުންވާ މިންވަރަށްވުރެ މާގިނައިން ކަމަށާ މިކަމުގެ ބޭނުމަކީ މުޅި ސަރަހައްދު ހަނގުރާމައިގެ ތެރެއަށް ވައްޓާލައިގެން އޭގެ މާލީ އަދި ސްޓްރެޓީޖިކް ފައިދާ އެމެރިކާ ޙާސިލް ކުރުން ކަމުގައެވެ.

އެމެރިކާއިން ވިއްކާ ހަތިޔާރުން ފަނާވަމުންދަނީ އިސްލާމީ ގައުމުތަކުގެ ރައްޔިތުން ކަމަށާއި އަދި ހަލާކުވެ ވީރާނާވަމުންދަނީ އެގައުމުތަކުގެ އިންފްރާސްޓްރަކްޗަރކަން ޒަރީފް ފާހަގަކުރެއްވިއެވެ. އެމެރިކާގެ އިގްތިސާދުގެ ބޮޑުބައެއް ބިނާވެގެންވަނީ ހަތިޔާރަށްކަން ބަޔާން ކުރައްވަމުން އެމެރިކާ ހަތިޔާރުވިއްކައިގެން ނަފާހޯދުމަށް ރާވަމުންދާ ރޭވުންތަކުގެ ދަލުގައި އެންމެ ބޮޑަށް ޖެހެނީ އިސްލާމީ ގައުތައްކަން ޒަރީފް ފާހަގަ ކުރެއްވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ ހަތިޔާރުގެ އުފެއްދުންތަކުގެ ގާތްގަނޑަކަށް 18 އިންސައްތަ ޙިއްސާކުރަނީ ސައޫދީ އަރަބިޔާކަން ހާމަކުރައްވައި އެމެރިކާގެ ހަތިޔާރުގެ ބާޒާރަށް ސައޫދީގެ މުހިއްމުކަން ފާހަގަކުރައްވައި ވާހަކަ ދައްކަވާފައެވެ. ޔަމަންގެ ހަނގުރާމައަކީވެސް އެމެރިކާ ގެ ހަތިޔާރުގެ ބާޒާރު ފުޅާކުރުމަށްޓަކައި ސައޫދީ އަށް އެކިއެކި ޖާސޫސީ މައުލޫމާތު ދީގެން ފެއްޓުވި ހަނގުރާމައެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

ސޫރިޔާގައި 2011 ވަނަ އަހަރު ދާޚިލީ ވަރުގަދަ ހަނގުރާމައެއް ފެށުނީ އެގައުމުގެ އިދިކޮޅު ޖަމާއަތްތަކަށް އެމެރިކާއިން ހަތިޔާރު ފޯރުކޮށްދިނުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ސޫރިޔާގެ ވެރިކަން ގަދަބާރުން ވައްޓާލުމަށްޓަކައި ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް އެމެރިކާ ފޯރުކޮށްދިން ހަތިޔާރުގެ އަގު އެތަށް ބިލިޔަން ޑޮލަރަކުން ދެއްކީ ގަލްފުގެ ތިން ގައުމު ކަމަށްވާ ސައޫދީ، ގަތަރު އަދި ޔޫއޭއީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަމުގައި 1980 ވަނަ އަހަރު އިރާގުން އީރާނަށް އިސްވެ ހަމަލާދިނުމާއެކު އުފެދުނު އީރާން އިރާގު 8 އަހަރުވީ ހަނގުރާމައަކީވެސް އެމެރިކާ އަޑީގައި އޮވެގެން ގަލްފުގެ ފައިސާގައި ކުރިވި ހަނގުރާމައެކެވެ. މިހަނގުރާމައިގާ އިރާގަށް އީރާން ބަލިނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ގަލްފުގެ ގައުމުތަކާއި އިރާގު ޖެހި އިރާގުސިފައިން ކުވައިތަށް އެރިއެވެ.

އެއަށްފަހު އޮޕަރޭޝަން ޑެސެޓް ސްޓޯމްގެ ނަމުގައި އިރާގު ސިފައިން ކުވައިތުން ބޭލުމަށް 1990 ވަނަ އަހަރު އެމެރިކާ ކުރި ހަނގުރާމައިގެ ފަހަތުގައި ތިބީވެސް ގަލްފުގެ ގައުމުތަކެވެ. އަދި އެހަނގުރާމައިގެ ޚަރަދުތައްކުރީވެސް ގަލްފުގެ މުއްސަނދި އަރަބި ގައުމުތަކުންނެވެ. އެއަށްފަހު އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ އެމެރިކާ ދޮގު ހަދައިގެން 2003 ވަނައަހަރު އިރާގާ ދެކޮޅަށް ކުރި ހަނގުރާމައިގެ ހުރިހާ ޚަރަދުތަކެއްވެސް ކުރީ ގަލްފުގެ މުއްސަނދި އަރަބި ގައުމުތަކުންނެވެ.

އެ ހަނގުރާމައަށްފަހު އިރާގުވަނީ މުޅިން ހަލާކުވެ ޓެރަރިޒަމްގެ ހާއްޔަކަށް ބަދަލުވެފައެވެ. އަދި މިހާރު ސައޫދީ އާއި ޔޫއޭއީ އިސްކޮށް ތިބެގެން ކުރަމުން ގެންދާ ޔަމަންގެ ހަނގުރާމައަށް ދުވާލެއްގެ މައްޗަށް ސަތޭކަ އެތަށް މިލިޔަން ޑޮލަރެއް ސައޫދީން ޚަރަދުކުރާ ކަމަށާ އެއީވެސް އެމެރިކާ އަޑީގައި އޮވެގެން ކުރުވާ ހަނގުރާމައެއްކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް