އެމްއެމްޕީއާރުސީ މައްސަލައިގައި ގަވައިދާ ހިލާފު ކަމެއް ނުކުރަން: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތެއް ---

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގަވައިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތު މައްސަލާގައި ބޭންކުތަކާއި އެމްއެމްއޭއިން ކޮންމެވެސް ހިސާބަކުން ޒިންމާ ނަގަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިދިއަ ހަފްތާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން 'ސަން' އިން ސުވާލު ކުރުމުން ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި އެ ބޭންކުން ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

" މި ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ބޭންކިންގް އާ ގުޅޭ ގޮތުން ރާއްޖޭގައި ހެދިފައިވާ ގާނޫނާ ގަވާއިދުތަކާ އަދި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް." ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އަދި ބީއެމްއެލްއާ އެމްއެމްޕީއާރުސީ މައްސަލައާ ގުޅުވައި އެގޮތަށް ވާހަކަތަކެއް ދެކެވުނު ނަމަވެސް ގަވައިދުން ބޭރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެމްއެމްޕީއާރުސީ މައްސަލައަކީ މިހާރު ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު މައުލޫމާތު މިވަގުތު ހާމަ ކުރެވެން ނެތް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މިދިއަ ބުރާސްފަތު ދުވަހުގެ ރޭ ކުރީގެ ރައީސް ޔާމީން ވަނީ އެމްއެމްޕީއާރުސީއަށް ދޫކުރާ ޗެކެއް ބޭންކުތަކާއި އެމްއެމްއޭއަށް ނޭނގި އެސްއޯއެފްގެ އެކައުންޓަށް ޖަމާ ނުވާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވައިފައެވެ.

"މިއީކީއެއް ނަގުދު ފައިސާއެއް ނޫން ފޮށި ފޮށިގަނޑުގައި މި ގެންދިޔައީކީ. މިއީ ބޭންކިން ނިޒާމުގެ ތެރެއިން ހިންގާފައި ހުރި ކަންތައް. ބޭންކިން ނިޒާމުގެ ތެރެއިން މިވަރުގެ ކަންކަން ހިނގާފައިވާ ކަމަށް ވަންޏާ ބޭންކުގެ ކޮންމެވެސް ލެވަލްއަކުން މިކަމަށް ޒިންމާ އުފުލަން ޖެހޭނެ. އެއީ އެންމެ ޗެކަކުން ނޫން މި ފައިސާ މިހެން ބަދަލުވެފައި ހުރީ. ވަރަށް ބައިވަރު ޗެެކެއް މިހިރީ މިހެން ބަދަލުވެފައި،" ޔާމިން ވިދާޅުވިއެވެ.

"ތަކުރާރުކޮށް، މި ޗެކުތައް ޖަމާކުރަމުން މި ގެންދަނީ ބޭންކް އޮފް މޯލްޑިވްސް އަށް. ބޭންކް އޮފް މޯލްޑިވްސް އިން އެބަ ޖެހޭ ނޫންތޯ މި ޖަމާ ކުރާ މީހުން މިޔަށް އެއްޗެއް ބުނަން،"

"މީގެ މައްސަލައަކީ ކީއްވެގެން ހެއްޔޭ، ބޭންކުތަކުގެ ތެރެއިން މިކަން ކޮށްދިނީ؟"

ޔާމީން އެހެން ވިދާޅުވި ނަމަވެސް މީގެ ކުރިން ބީއެމްއެލްއިން ވަނީ އެމްއެމްޕީއާރުސީ މައްސަލާގައި ކަންކަން ހިނގާ ދިޔަ ގޮތް ސާފުކޮށްދީފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓަކަށް ބޭނުންވެގެން 2015 ވަނަ އަހަރު ދިން މައުލޫމާތުގެ ތެރޭގައި އެސްއޯއެފްގެ އެކައުންޓުތަކުގެ މައުލޫމާތު ހިމެނޭ ކަމަށާއި އެ މައުލޫމާތުތައް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގަކަށްވެސް ދީފައިވާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

އަދި އޭގެ އެއްއަހަރު ކުރިން 2014 އިން ފެށިގެން އެމްއެމްޕީއާރްްސީ އާއި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން ޝައްކު ކުރެވޭ މުއާމަލާތްތަކެއް ކޮށްފައިވާތީ އެކަން ކަމާބެހޭ ފަރާތްތަކަށް ހިއްސާކޮށްފައިވާނެ ކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.

comment ކޮމެންޓް