އިންޑިއާގެ ބައެއް ހިސާބުތަކުގައި "ކެދާރްނާތު" މަނާކޮށްފި

ކެދާރްނާތުގެ މަންޒަރެއް --

އިންޑިއާގެ ބައެއް ހިސާބުތަކުގައި 'ކެދާރްނާތު' މަނާކޮށްފި އިންޑިއާގެ އުއްތަރަކަންޑްގެ ހަތް ޑިސްޓްރިކްޓެއްގައި ސުޝާންތު ސިންގ ރާޖްޕުތު އަދި ސާރާ އަލީ ޚާންގެ ފިލްމު 'ކެދާރްނާތު' ރިލީޒްކުރުން މަނާކޮށްފި އެވެ.

ޑިސްޓްރިކްޓް މެޖިސްޓްރޭޓް ތަކުން އެ ނިންމުން ނިންމައިފައި ވާއިރު، އުއްތަރަކަންޑް ހައިކޯޓުން ވަނީ ފިލްމު ރިލީޒް ކުރުން މަނާ ނުކުރާނެ ކަމަށް ބުނެފަ އެވެ. ހައިކޯޓުން ބުނެފައި ވަނީ ފިލްމު މަނާކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ފިލްމު ބަލަން ބޭނުން ނޫން ނަމަ ނުބެލީމާ ނިމުނީ ކަމަށެވެ. ފިލްމު ދެއްކުން މަނާކޮށްފައި ވަނީ ފިލްމާ ދެކޮޅަށް މުޒާހަރާ ކުރި ހިސާބުތަކުގަ އެވެ. އެއީ ދެހެރާދޫން، ހަރިދްވާރް، ނައިނިތާލް، އުދަން ސިންގް ނަގަރް، ޕައުރީ، ތެހްރީ އަދި އަލްމޯރާގަ އެވެ. ދެހެރާދޫންގެ ހުރިހާ ސިނަމާއެއްގައި 'ކެދާރްނާތު' އަށް ކުރިން ދިން ސްލޮޓްތައް މިހާރު ވަނީ އަކްޝޭ ކުމާރު އަދި ރަޖްނީކާންތުގެ '2.0' އަށް ދީފައެވެ.

ފިލްމާއި ދެކޮޅަށް މުޒާހަރާ ކުރަމުން އަންނަނީ ފިލްމުގައި ހިންދޫ ދީނުގެ އަސްލުތަކާއި އަދި އެމީހުންގެ ގަބޫލުކުރުންތަކާ ޚިލާފު ވާހަކަތަކެއް ހުރި ކަމަށް ބުނެ އެވެ. އަދި ފިލްމުގެ ނަމާއި ދޭތެރޭ ވެސް ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

'ކެދާާރްނާތު' އަކީ ހިންދޫ ދީނުގެ އަންހެން ކުއްޖަކާއި، މުސްލިމް ފިރިހެން ކުއްޖެއްގެ ދެމެދުގައި އުފެދޭ ލޯބީގެ ގުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އަދި 2013 ވަނަ އަހަރު ހިނގައި ދިޔަ ފެންބޮޑުވުމުގެ ހާދިސާ ވެސް ފިލްމުން ފެނިގެން ދާނެ އެވެ.

comment ކޮމެންޓް