ދިރާގުން ވާވޭ މޭޓް 20 އަދި 20 ޕްރޯ ލޯންޗުކޮށްފި

ދިރާގުން ވާވޭ ޕީ20 ސީރީޒްގެ ފޯނުތައް ތައާރަފު ކުރުން -- ފޮޓޯ: ދިރާގު

އެންމެ ޒަމާނީ ސްމާޓް ފޯނެއްގައި ހުންނަންޖެހޭ ހުރިހާ ފީޗާ އެއް ހިމަނައިގެން ވާވޭ އިން އެންމެ ފަހުން ތައާރަފު ކުރި މޭޓް20 ސީރީޒްގެ ފޯނުތައް ދިރާގުން ތައާރަފުކޮށްފިއެވެ.

މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުން ވަނީ އެކުންފުނި މެދުވެރިކޮށް ވާވޭ މޭޓް20 އަދި 20 ޕްރޯ އަށް ޕްރީ އޯޑަރު ކުރި ކަސްޓަމަރުންނަށް ފޯނު ހަވާލުކޮށްފައެވެ.

ވާވޭ ސްރީލަންކާގެ ޖެނެރަލް މެނޭޖަރު ވިދާޅުވީ ދިރާގާ ގުޅިގެން މި ފޯނު ރާއްޖެއަށް ތައާރަފު ކުރުމަކީ އުފަލެއް ކަމަށެވެ. މި ފޯނުގައި ސްމާޓު ފޯނަކަށް އަލަށް ތައާރަފުކުރެވޭ ގިނަ ފީޗާތައް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދިރާގުން ވާވޭ ޕީ20 ސީރީޒްގެ ފޯނުތައް ތައާރަފު ކުރުން -- ފޮޓޯ: ދިރާގު

ދިރާގުން ބުނީ ފަހުގެ ފޯނުތަކާއި ޓެކްނޮލަޖީތައް ދިވެހިންނާ ހަމައަށް ގެނައުމަކީ އެކުންފުނީގެ އަމާޒު ކަމަށެވެ.

ވާވޭ މޭޓްް 20، 128 ޖީބީގެ ފޯނަކަށް އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ދައްކަން ޖެހެނީ 2999 ރުފިޔާ އެވެ. މަހަކަށް ދައްކަންޖެހެނީ 988 ރުފިޔާ އެވެ.

ދިރާގު ޕޯސްޓުޕެއިޑް ކަސްޓަމަރުން މޭޓް 20 ޕްރޯ، 128 ޖީބީގެ ފޯނަކަށް އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ދައްކަން ޖެހެނީ 2999 ރުފިޔާ އެވެ. މަންތްލީ އިންސްޓޯލްމެންޓުގެ ގޮތުގައި 1148 ރުފިޔާއެވެ.

ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ޕްރީ އޯޑަރު ދީގެން ފޯނު ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެގޮތުން މޭޓް 20 އަށް އެޑްވާންސް ޕޭމެންޓުގެ ގޮތުގައި 10،999 ރުފިޔާ އަދި މެޓް 20 ޕްރޯ އަށް 15،999 ރުފިޔާ ދައްކަން ޖެހެއެވެ.

ދިރާގުން ބުނީ ޕްރީ އޯޑަރަށް ފޯނު ގަންނަ ކަސްޓަމަރުންނަށް ހިލޭ ހަދިޔާއެއްގެ ގޮތުގައި ފްލިޕް ކަވަރެއް އަދި މެޓް 20 ޕްރޯ ގަންނަ ކަސްޓަމަރުންނަށް ފްލިޕް ކަވަރާއެކު ވަޔަލަސް ޗާޖަރެއް ދޭނެ ކަމަށެވެ. މި ހަދިޔާތައް ދޭނީ ސްޓޮކް ހުސްވަންދެން ކަމަށް ދިރާގުން ބުނެއެވެ.

ވާވޭ މޭޓް 20 ސީރީޒްގައި ދުނިޔޭގެ އެންމެ ފުރަތަމަ 7އެންއެމް މޮބައިލް އޭއައި ޗިޕްސެޓް ހިމަނާފައިވާއިރު މި ފޯނުގައި އަލްޓްރާ ވައިޑް ތިން ކެމެރާ ލެންސް ހިމެނެއެވެ.

މީގެ އިތުރުން މިއީ ފުރަތަމަ އޭއައި ސިނަމޮޓޯގްރަފީ ފޯނެވެ. ފާސްޓް ޗާޖިން އާއެކު މި ފޯނު ރީތި ކުލަތަކަކުން ގަންނަން ލިބޭނެއެވެ.

ވާވޭ އަކީ ސްމާޓްފޯނުގެ ބާޒާރުގައި މިހާރު ދެވަނައަށް އެންމެ ބޮޑު ކުންފުންޏެވެ.

comment ކޮމެންޓް