އެއާ އިންޑިއާގެ ފްލައިޓެއް ތެރޭ ނުފުރި ތިބޭތާ ހަތަރު ގަޑިއިރު

އެއާ އިންޑިއާގެ ފްލައިޓެއް --

މިއަދު ހަވީރު 4:30 ގައި މާލެއިން ޓްރިވަންޑްރަމަށް ފުރަން ތައްޔާރުވި އެއާ އިންޑިއާ ފްލައިޓެއް ނުފުރި ބޯޓް އެތެރޭގައި ފަސިންޖަރުން ތިބޭތާ ހަތަރު ގަޑިއިރު ވެއްޖެ އެވެ.

ފަސިންޖަރުންނާއެކު ރަންވޭގައި މަޑުކުރުވާފައި އޮތީ، މާލެއިން ޓްރިވަންޑްރަމް އަދި ދިއްލީ އަށް މިއަދު ޝެޑިއުލްކޮށްފައި އޮތް އެއާއިންޑިއާގެ އޭ- 1264 ފްލައިޓެވެ.

އިންޖީނުގެ މައްސަލައެއް ޖެހިގެން ރަންވޭގައި މަޑުކޮށްފައިވާ އެ ބޯޓު ތެރޭގައި އިން ފަސިންޖަރަކު ކުރި ޓްވީޓެއްގައި ބުނީ ފްލައިޓް ތެރޭގައި ފަސިންޖަރުން މުޒާހަރާކުރަމުންދާ ކަމަށާއި ފްލައިޓް ބޯޑުކުރިތާ ހަތަރު ގަޑިއިރު ފަހުން "ޑީޕްލޭން"ކުރަން ނިންމައިފިކަމަށެވެ.

އަދި ފްލައިޓްގައި އެހާ ގިނައިރު ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ތިބެން ޖެހުމުން ބޯ އަނބުރާ ތިބީ ސީރިއަސް ހާލަތުގައި ކަމަށް އޭނާ ބުންޏެވެ.

އެމީހާ އިތުރަށް ބުނީ ފްލައިޓްގެ ކެޕްޓަންވީ ކޮކްޕިޓްގައި ކަމަށާއި ކެޕްޓަންގެ ހަބަރެއް ވެސް ނުވާކަމަށެވެ.

މިކަމާ ގުޅިގެން އެއާ އިންޑިއާއަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ.

comment ކޮމެންޓް