ފީނަން އުޅުމުގެ ތެރޭގައި ހާލުދެރަވި މީހާ އިތުރު ފަރުވާއަށް ގެންދަނީ ބަނޑޮހަށް

ފީނައިގެން ހާލު ދެރަވި މީހަކަށް ފަރުވާ ދެނީ-- ފޮޓޯ: އެމްއެންޑީއެފް

ވައި ފުޅި އަޅައިގެން، އެން ހިފަން ފީނަން އުޅުމުގެތެރޭގައި ޑީކޯވި ތިން މީހުންގެ ތެރެއިން ހާލު ސީރިއަސްވި މިހާ އިތުރު ފަރުވާ ބަނޑޮހަށް ގެންނަން ނިންމާއިފިއެވެ.

ރޭ ފަތިހު، ގދ. އަތޮޅު "އައުޓްރިގާ ކޮނަންޓާ މޯލްޑިވްސް ރިސޯޓް" ކައިރިޔަށް "ހުޝިޔާރު" ނަމަކަށް ކިޔާ ދޯނިން އެންހިފުމަށްޓަކައި ފޭބި ހަތަރު މީހުންގެ ތެރެއިން އެކަކު ޑީކޯވެ މިއަދު ހެނދުނު ވަނީ ނިޔާވެފައެވެ.

މި ހާދިސާގައި ހާލު ދެރަވި، އުމުރުން 24 އަހަރުގެ އަހުމަދު ޝާކިރު ވަނީ ގދ. ތިނަދޫ، އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، މިއަދު ހެނދުނު އިތުރު ފަރުވާއަށް މާލެ ފުރުވާލާފައެވެ. ނަމަވެސް މިހާރު އޭނާ މާލެ ނުގެނެސް ބަނޑޮސް އައިލެންޑް ރިސޯޓަށް ގެންދަން ވަނީ ނިންމާފައެވެ.

ތިނަދޫ ހޮސްޕިޓަލުގެ އެސިސްޓެންޓް ޑިރެކްޓަރ އާމިނަތު ޢަބްދުލްޙަކީމް "ސަން" އަށް ވިދާޅުވީ، ހާލު ދެރަވި ޝާކިރު، އެމްއެންޑީއެފްގެ ލޯންޗެއްގައި މާލެ ފުރުވާލީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށެވެ.

އޭނާ ވިދާޅުވީ އެފަދަ ޑައިވިން ކޭސް ތަކުގައި ބަލި މީހުންނަށް އެހާ މަތީ އުސްމިނެއްގައި ދަތުރު ނުކުރެވޭނެ ކަމަށާއި ކަނޑު މަގުން ޝާކިރު މާލެ ފޮނުވާލީ އެހެން ވެގެން ކަމަށެވެ.

އަދި އެ އަތޮޅުގައި ބަލި މީހުން ކަނޑުމަގުން މާލެ ފޮނުވާނެ އުޅަނދެއް ނެތުމުން އެމްއެންޑީފް ލޯންޗްގައި އޭނާ ތ. ވޭމަންޑުއަށް ގެންގޮސް، އެރަށުން ސީއެމްބިއުލާސްގައި މާލެ ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާމިނަތު ވިދާޅުވީ، ޝާކިރު ސްޓޭބަލް ކަމާށާއި ނަމަވެސް ވީހާވެސް އަވަހަށް އޭނާއަށް ފަރުވާ ބޭނުންވާ ކަމަށެވެ. އެގޮތުން ޑީކޮމްޕްރެޝަން ޗެމްބާއަށް ޝާކިރު ލާން ޖެހޭ ކަމަށާއި ނަމަވެސް އައިޖީއެމްއެޗްގައި އެފަދަ ވަސީލަތެއް ނެތް ކަން އެނާ ފާހަގަ ކުރެއްވިއެވެ.

އެމްއެންޑީއެފް އިން ބުނީ، ހޮސްޕިޓަލްގެ އިރުޝާދާއެކު ކުރިން މާލެއަށް ދަތުރު ކުރަމުން ދިޔަ ނަމަވެސް، މިހާރު އޭނާ ބަނޑޮސް އައިލެންޑް ރިސޯޓަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އޭނާ ބަނޑޮހަށް ގެންދަން ނިންމީ ބަނޑޮހުގައި ހުންނަ ޑީކޮމްޕްރެޝަން ޗެމްބާގައި ފަރުވާ ދިނުމަށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ، ހޮސްޕިޓަލްގެ އިރުޝާދާއެކު މިހާރު ތ. ވޭމަންޑޫ އިން ސީ އެމްބިއުލާންސްގައި ބަނޑޮހަށް ދަތުރު ކުރަމުން ގެންދާ ކަމަށާއ،ި ސީއެމްބިއުލާންސް ބަނޑޮހަށް އާދެވޭ ވަރު ވާނީ އިރުއޮއްސި 6:15 ހާއިރު ކަމަށެވެ.

މި ހާދިސާ ތިނަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓް ކޮށްފައިވަނީ ރޭ ފަތިހު 5:14 ހާއިރުއެވެ. ހާދިސާގައި އެންނެގުމަށް ފޭބި އަނެއް ދެމީހުންގެ ހާލު ރަގަނޅެވެ.

comment ކޮމެންޓް