"އަފްޣާން މެސީ" ސަލާމަތް ވާން ފިލަން ޖެހުނީ މެސީ ދިން ޖާޒީ ބާއްވާފައި!

އުމުރުން ހަތް އަހަރުގެ މުރުތާޒާ އަހުމަދީ---

ޕްލާސްޓިކް ކޮތަޅަކުން ހަދާފައި ހުރި މެސީގެ ޖޯޒީއެއް ލައިގެން އުޅެނިކޮށް ނެގި ފޮޓޯއަކުން "އަފްޣާން މެސީ"ގެ ނަމުން މަޝްހޫރުވި އަފްޣާނިސްތާނުގެ ކުޑަ ކުއްޖާގެ އާއިލާއަށް ތަލިބާނުންގެ ކިބައިން ސަލާމަތް ވާން ފިލަން ޖެހިއްޖެއެވެ.

އުމުރުން ހަތް އަހަރުގެ މުރުތާޒާ އަހުމަދީ މަޝްހޫރުވި ފޮޓޯގައި އޭނާ ލައިގެން ހުރީ އާއިއާޖެންޓީގެ ޖާޒީ ސިފަވާ ގޮތަށް ނޫކުލަ އާއި ހުދު ކުލައިގެ ރޮނގު ދަމާފައިވާ ހުރި ކޮތަޅެކެވެ. އެ ޖާޒީގައި މެސީގެ ނަން ޖަހާފައި އޮތީ މާކަރަކުންނެވެ. އެ ފޮޓޯ މަޝްހޫރުވުމަށް ފަހު މެސީ ވަނީ ގަތަރުގައި މުރުތާޒާއާ ބައްދަލު ކޮށްފައެވެ. އަދި މެސީ ސޮއި ކޮށްފައި އޮތް ޖާޒީއަކާއި ބޯޅައެއް ވެސް މުރުތާޒާއަށް ދިނެވެ.

އުމުރުން ހަތް އަހަރުގެ މުރުތާޒާ އަހުމަދީ މަޝްހޫރުވި ފޮޓޯ--

މުރުތާޒާގެ އާއިލާއިން ކުރިން ދިރިއުޅެމުން ދިޔައީ އަފްޣާނިއްސާނުގެ ގާޒްނީ ޕްރޮވިންސުގަ އެވެ. ނަމަވެސް މިހާރު އެ އާއިލާ ވަނީ ވެރިރަށް ކާބުލް އަށް ދިރިއުޅުން ބަދަލު ކޮށްފައެވެ.

އާއިލާއިން ބުނި ގޮތުގައި، އެމީހުން ކާބުލްއަށް ފިލީ ތާލިބާނު ޖަމާތުގެ ފަރާތުން ހަމަލާއެއް އައިސްދާނެ ކަމުގެ އިންޒާރު ލިބުމުންނެވެ. އަދި ކުއްލި ގޮތަކަށް ފިލަން ޖެހުމުން، ދާން ޖެހުނީ މެސީ ދިން ޖާޒީ އާއި ބޯޅަ ވެސް ބަހައްޓާފައި ކަމަށް މުރުތާޒާ ވަނީ ބުނެފައެވެ.

މުރްތަޟާގެ އާއިލާ އިން ބުނީ އެ މީހުންނަށް ލިބުނު މަޝްހޫރު ކަމާ އެކު އެމީހުން ތާލިބާނުންގެ އަމާޒަކަށް ވެފައިވާ ކަމަށެވެ. އަދި މެސީ އެ އާއިލާއަށް ގިނަ އަދަދެއްގެ ފައިސާ ދިން ކަމަށް ހީކޮށް އެ އާއިލާއަށް ފާރަލާ މީހުން ވެސް އުޅޭ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އެ އާއިލާ ކުރިން ވަނީ 2016 ވަނަ އަހަރު ޕާކިސްތާނުގައި ވެސް ކުޑަ ދުވަސްކޮޅަކު އުޅެފައެވެ. އެ އާއިލާ ޕާކިސްތާނަށް ދިޔައީ އެމެރިކާއިން ހިމާޔަތް ހޯދުމަށެވެ. އެކަން ނާކާމިޔާބުވުމުން އަނެއްކާވެސް ގާޒްނީއަށް ދިރިއުޅުން ބަދަލު ކުރީއެވެ.

comment ކޮމެންޓް