އިސްލާމް ދީނުގެ ލުއިފަސޭހަކަމަކީ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައި ދިޔުމެއް ނޫން: ހުކުރު ހުތުބާ

އިސްލާމް ދީނުގެ ލުއިފަސޭހަ ކަމުގެ މާނައަކީ، އެ ދީނުގައި ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައި ދިޔުން ނޫން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދު ރާއްޖޭގެ މިސްކިއްތަކުގައި އިއްވާފައިވާ ހުތުބާ ބިނާކޮށްފައިވަނީ އިސްލާމް ދީނުގެ ލުއި ފަސޭހަ ކަމުގެ މަށްޗަށެވެ.

ހުތުބާގައި ބުނީ، އިސްލާމް ދީނަކީ ލުއި ފަސޭހަ ދީނެއްކަމަށް ބުނެ، ނަމާދު އޭގެ ވަގުތުގައި އަދާކުރުމުން އެއްކިބާވާން ނުޖެހޭ ކަމަށާއި އަދި ހަރާމް ތަކެތި ހަލާލު ތަކެތީގެ ގޮތުގައި ދެކެންވެސް ނުޖެހޭކަމަށެވެ.

އިސްލާމީ ޝަރިއަތުގައި ހުކުމްތައް ލައްވާފައިވަނީ، އަޅުތަކުންގެ މަސްލަހަތުތައް ރައްކާތެތި ކުރަން ކަމަށާއި، ގެއްލުން ހުރި ކަންތަކުން އެބައިމީހުން ރައްކާތެރިކޮށް، ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

އިސްލާމީ ޝަރީއަތުގައި ހަރާމް ތަކެތި، ހަރާމް ކޮށްފައިވަނީ ނިސްބަތުން ވަރަށް މަދު އެއްޗެއް ކަމަށާއި އެއީ ތިމާއަށް ނުވަތަ އަނެކާއަށް ލިބިގެންދާނެ ގެއްލުންތަކެއްގެ ސަބަބުން ޟަރޫރަތަކަށްޓަކައި ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އެ ތަކެތި ހަރާމް ކޮށްފައިވާ ސަބަބު އިސްލާމީ ޝަރީއަތް ދިރާސާ ކޮށްފި ކޮންމެ މީހަކަށް ސާފު ވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

އިސްލާމް ދީނަކީ ލުއި ފަސޭހަ ދީނެއްކަން ފާހަގަކޮށް އިސްލާމް ދީނުގެ ލުއި ފަސޭހަ ތަކުގެ މިސާލު ވަނީ ޖައްސަވާފައެވެ. އެގޮތުން، ތަހާރަތުހެ ތެރޭގައި ދެއްވާފައިވާ ލުއި ފަސޭހައާއި، ތައްޔަމަމް ކުރުމާއި، ވުޟޫކުރުމުގައި ދެއްވައިފައިވާ ލުއި ފަސޭހަތަކާއި އަދި އޭގެ އިތުރުން އެހެން ވެސް ބައެއް ލުއި ފަސޭހަތައް ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.

ހުތުބާގައި އިތުރަށް ބުނެފަައިވަނީ، އިސްލާމް ދީނަކީ އަދުލުވެރިކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާ ދީނެއްކަމަށާއި، ތިމާމެންނާ އަދާވާތްތެރިކަމެއް، ނުވަތަ ރުޅިވެރިކަމެއް ބަޔަކު މީހުންނާ މެދު އޮތުމަކީ އަދުލުވެރި ނުވުމަށް އޮތް އުޒުރެއް ނޫން ކަމަށެވެ.

"ހުރިހާ ހާލެއްގައި ވެސް އަދުލުވެރި މީޒާނަށް ރުޖޫއަވެގެން މެނުވީ، ދުނިޔެ އިސްލާހެއް ނުވާނެ. މީހަކަށް އަނިޔާވެރި ވެގެން ނުވާނެ. އަދި މީހެއްގެ ހައްގެއް ނިގުޅައިގަނެގެން ނުވާނެ،" ކަމަށް ހުތުބާގައި ވަނީ ގޮވާލަފައެވެ.

comment ކޮމެންޓް