ފަރަންސޭސި ރައްޔިތުން އުތުރިއެރީ އެމީހުންގެ އަތްމަތި ދަތިވެ ގޮތް ހުސްވުމުން

ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން

ފަރަންސޭސިވިލާތުގައި ތެލުން ނަގާ ޓެކްސް އުވާލިކަން އެގައުމުގެ ސަރުކާރުން އިއްޔެ ވަނީ އިޢުލާންކޮށްފައެވެ. ބޮޑުވަޒީރު އެޑުއަޑް ފިލިއްޕޭ ވިދާޅުވީ ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ފަރަންސޭސިވިލާތުގައި ކުރިޔަށްގެންދާ އިޙްތިޖާޖްތަކަށް އިޖާބަ ދިނުމުގެ ގޮތުން ތެލުގެ ޓެކްސް ހަ މަސްދުވަހަށް ހުއްޓާލުމުގެ ބަދަލުގައި އެ ޓެކްސް އެއްކޮށް އުވާލުމަށް ރައީސް އެންމަނުއެލް މެކްރޯން ނިންމަވައިފި ކަމުގައެވެ.

މެކްރޯން މިގޮތަށް ނިންމެވީ ތެލުގެ ޓެކްސް ހަ މަސްދުވަހަށް ހުއްޓާލުމަކީ އެ މައްސަލައިގެ ޙައްލު ނޫންކަމަށް ބުނެ ޓެކްސް އެއްކޮށް ކަނޑާނުލާނަމަ އިޙްތިޖާޖްތައް އަދިވެސް ކުރިޔަށް ގެންދާނެކަމުގެ އިންޒާރު "ޔެލޯވެސްޓް" ހަރަކާތުގެ އެކްޓިވިސްޓުން ދިނުމުންނެވެ. ފިލިއްޕޭ ވިދާޅުވީ 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް އެކުލަވާލީ އެ ޓެކްސް ހިމަނައިގެން ކަމަށާ އެ ޓެކްސް އުވާލުމުން ބަޖެޓަށްވެސް ބަދަލުގެންނަންޖެހޭތީ އެކަންވެސް ކުރާނެކަމުގައެވެ.

މިދޔަ ނޮވެމްބަރު ސަތާރަވަނަ ދުވަހު "ޔެލޯވެސްޓް" ހަރަކާތުގެ ނަމުގައި ފަރަންސޭސި ރައްޔިތުންގެ ގިނަ ބަޔަކު ޕެރިހުގެ މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފަށާފައިވަނީ ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ކަމަށްވިޔަސް އެކަމުގެ ފަހަތުގައިވާ ހަގީގީ މައްސަލައަކީ ފަރަންސޭސި ރައްޔިތުންގެ ގިނަބައެއްގެ އަތްމަތި ދަތިވުމާއި ދިރިއުޅުމުގެ ދަތިތައް އާދަޔާ ޚިލާފަށް ބޮޑުވެގެންދިޔުމެވެ. މުޒާހަރާތަކުގައި އެތަށް އިމާރާތެއްގައި ހުޅުޖަހައި ވެހިކަލްތައް ހަލާކުކޮށް ސަލާމަތީ ބާރުތަކަށް ހަމަލާދިނުންފަދަ އަމަލުތައް ހިންގާފައިވެއެވެ. އަދި ޕެރިސް ވަނީ ހަނގުރާމައިގެ މައިދާނަކަށް ބަދަލުކޮށްފައެވެ.

ފަރަންސޭސިވިލާތަކީ ސިނާއީ ގައުމުތަކުގެ ތެރެއިން ރައްޔިތުންގެ އަތުން އެންމެ ގިނައިން ޓެކްސް ނަގާ ގައުމެވެ. މިކަމުގެ ސަބަބުން ފަރަންސޭސި ރައްޔިތުންގެ ގިނަބައެއްގެ އަތްމަތި ދަތިވެ ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭ ހިސާބަށް ގޮސްފައިވާތީ ރައްޔިތުންގެ ގިނަބަޔަކު ރުޅިއައިސްފައިވާތާ އަހަރުތަކެއް ވެއްޖެއެވެ.

ފަރަންސޭސި ލީޑަރުން ކުރިންވަނީ ތެލުގެ ޓެކްސް އުވާލުމަށް ގޮވާލައި "ޔެލޯވެސްޓް" ހަރަކާތުގެ އެކްޓިވިސްޓުން ފެށި އިޙްތިޖާޖްތަކަށް އިޖާބަ ދިނުމަށް ފާޅުގައި ދެކޮޅު ހައްދަވާފައެވެ. ނަމަވެސް އިޙްތިޖާޖްތައް އާދަޔާ ޚިލާފަށް ބޮޑުވެ އެކަން ހުއްޓުވުމަކީ ކުރެވޭނެ ކަމެއްނޫންކަން ކަށަވަރު ވުމުންނާއި އެއިޙްތިޖާޖްތަކަށް ރައްޔިތުންގެ 70 އިންސައްތަ މީހުންގެ ތާއީދުއޮތްކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވުމުން ރައީސް މެކްރޯން ނިންމެވީ ތެލުގެ ޓެކްސް ހަ މަސްދުވަހަށް މެދު ކަނޑާލުމަށެވެ. ނަމަވެސް "ޔެލޯވެސްޓް" އެކްޓިވިސްޓުންބުނީ މިވަރުން ނުފުދޭކަމަށާ ތެލުން ނަގާ ޓެކްސް އެއްކޮށް އުވާލަންޖެހޭ ކަމުގައެވެ. މިއާއެކު މެކްރޯން މިހާރު މިވަނީ އެކަމަށް ވެސް އިޖާބަ ދެއްވައި އެޓެކްސްވެސް އުވާލައްވާފައެވެ.

"ޔެލޯވެސްޓް" މިހާރު ބުނަނީ މިވަރުންވެސް ނުފުދޭ ކަމަށާ ރައްޔިތުންގެ ޖީބަށް ލުއިކުރުމުގެ ގޮތުން އެހެން ބައެއް ޓެކްސްތައްވެސް ކަނޑާލަންޖެހޭ ކަމަށެވެ. ތެލުގެ ޓެކްސް އުވާލުމުން"ޔެލޯވެސްޓް" އެކްޓިވިސްޓުންގެ މުޒާހަރާތައް ވަނީ މައިތިރިވެފައެވެ. ނަމަވެސް އިޙްތިޖާޖްތައް ހުއްޓުމަކަށް އައިސްފައެއްނުވެއެވެ. އަދި ދިރިއުޅުމުގެ ހާލަތު ރަނގަނޅުކުރުމަށް އިތުރުފިޔަވަޅުތަކެއް އަޅަންދެން އިޙްތިޖާޖްތައް ކޮންމެވެސް ސިފައެއްގައި ކުރިޔަށް ގެންދާނެކަމުގެ އިންޒާރު "ޔެލޯވެސްޓް" އެކްޓިވިސްޓުން ވަނީ ދީފައެވެ. އަދި އިޙްތިޖާޖްތަކާއެކު މެކްރޯންގެ މަގްބޫލުކަން ފަރަންސޭސި ރައްޔިތުންގެ މެދުގައިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

comment ކޮމެންޓް