އިނގިރޭސިވިލާތުގައި އިންޑިއާ އަންހެނަކު މަރާލީ ފިރިމީހާކަން ސާބިތުވެއްޖެ

ޖެސިކާ ޕަޓޭލް މަރާލީ އޭނާގެ ފިރިމީހާ މިތޭޝް ޕަޓޭލް ކަމަށް ކޯޓުން ވަނީ ނިންމާފައި -- ފޮޓޯ: ފޭސްބުކް

ލަންޑަން (ޑިސެމްބަރު 6): އިނގިރޭސިވިލާތުގައި މި އަހަރުގެ މެއި މަހު އިންޑިއާ އަންހެނަކު މަރާލާފައި ވަނީ އޭނާގެ ފިރިމީހާ ކަމަށް ކޯޓުގައި ސާބިތުވެއްޖެ އެވެ.

އެ މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވި ގޮތުގައި، ޖެސިކާ މަރުވުމުން މިތޭޝް އަށް ދެ މިލިއަން ޕައުންޑު (2,545,014 ޑޮލަރު)ގެ އިންޝުއަރެންސް ފައިސާ ލިބެން އޮތެވެ. އޭނާ ބޭނުންވީ އެ ފައިސާ އިން އޮސްޓްރޭލިއާގައި އާ ލޯބިވެރިޔަކާ އެކު ދިރިއުޅުމެއް ފަށުމަށް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

މިތޭޝް، ޖެސިކާ މަރާލީ ދެމަފިރިން ދިރިއުޅޭ ގޭގައި އޭނާ އަށް އިންސިއުލިން ދިނުމަށް ފަހު ޕްލާސްޓިކް ކޮތަޅަކުން ނޭވާ ހާސްކޮށްގެންނެވެ. އޭގެ ކުރިން މިތޭޝް ވަނީ އިންސިއުލިންގެ ސަބަބުން ހަށިގަނޑަށްވާ ގޮތްތަކާއި ނޭވާ ހާސްކޮށްގެން މީހުން މެރުމާ ބެހޭ ގޮތުން ގޫގުލް ސާޗްކޮށްފަ އެވެ.

އެ ދެ މީހުންނަކީ ވެސް އޮރިޖިން އިންޑިއަނުންނެވެ.

ޖެސިކާ ޕަޓޭލް މަރާލީ އޭނާގެ ގެއިން ވައްކަން ކުރި ބަޔަކު ކަމަށް ދެއްކުމަށް ޓަކައި، މިތޭޝް ވަނީ އެގޭގައި ހުރި ފަރުނީޗަރަށް ގެއްލުން ދީފަ -- ފޮޓޯ: ކްލީވްލޭންޑް ޕޮލިސް

މެއި މަހުގެ 14ގައި ޖެސިކާ މަރާލުމަށް ފަހު މިތޭޝް ވަނީ އޭނާ މަރާލީ އެގެޔަށް ވައްކަން ކުރަން ވަތް ބަޔަކު ކަމަށް ދެއްކުމަށް ޓަކައި ގޭގައި ހުރި ބައެއް ތަކެތި އުކައި، ފަރުނީޗަރަށް ގެއްލުން ދީފަ އެވެ.

އަދި މިތޭޝް ފުލުހުންނަށް އޮޅުވާލިކަން ހާމަވީ އެދެމަފިރިންގެ އައިފޯނުގައިވާ ހެލްތު އެޕުންނެވެ. އެއެޕުން ފޯނު ބޭނުން ކުރާ މީހާ ހެލިފެލިވާ މިންވަރު އެނގެ އެވެ.

އެ މައްސަލަ ތަހުގީގު ކުރި ފަރާތްތަކަށް އެނގުނު ގޮތުގައި، ޖެސިކާގެ މަރަށް ފަހު މިތޭޝްގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވި އެވެ. އެގޮތުން އޭނާ ގިނަ އަދަދަކަށް ދެމަފިރިން ދިރިއުޅޭ ގޭގެ ސިޑިން އަރައި ފައިބާފައިވެ އެވެ.

އަދި އޭނާ މަރުވުމަށް ފަހު، ޖެސިކާ 14 ފިޔަވަޅު އެޅި ކަމަށް ހެލްތު އެޕުން ފާހަގަވި އެވެ. އެއީ ޖެސިކާގެ ފޯނު ވަގަށް ނެގި މީހުންނަށް، އޮޅުމަކުން ގޭގެ ދޮރު މައްޗަށް ފޯނު ވައްޓާލެވުނީ ކަމަށް ދެއްކުމަށް މިތޭޝް އެފޯނު އެހާހިސާބަށް ގެންދިޔަ ގަޑީގަ އެވެ.

އެ މައްސަލާގައި މިދިޔަ މަހު ފެށި ޝަރީއަތަށް ފަހު، މިއަދު ކޯޓުން ވަނީ މިތޭޝް މަދުވެގެން 30 އަހަރުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

comment ކޮމެންޓް