ފަސްޓް ލޭޑީ (9)

ކުއްލިއަކަށް އިޝްކާންގެ ހަޅޭކުގެ އަޑު ގޭތެރޭ ގުގުމާލުމާއެކު ހަޔާތީގެ ޚިޔާލުގެ ވާފަށް ކަނޑައިގެން ހިގައްޖެއެވެ. މެޔަށް ފިނި ފެން އެއްޗެއް އޮއްސާލިފަދަ އިހުސާސެއް ކުރެވުނެވެ. މުޅި ހަށިގަނޑުވެސް ގަނޑުފެންކޮޅަކަށް ހަދާލިއެވެ. ފުންމައިގެން ތެދުވުނުއިރު ގައިގާ ވާ ހާ ލޯލިތައް ހުރީ ކޮޅަށެވެ. ދުއްވައިގަނެވުނުއިރު ހޭވެރިކަންވެސް ނެތެވެ. އިޝްކާންއަށް މީހަކު ހަމަލާދިނީހެއްޔެވެ. ވައްތަރުވީ ހަމަ ހަމަލާއަކާއެވެ. މީހުންނަށް ތޫނު އެއްޗެހިން ހަމަލަދިނުން އާއްމުކަމަކަށްވެފައިވާކަން ހަދާންވުމުން ހަޔާތީގެ ހިތް ފަޅައިގެންދާވަރުވިއެވެ.

ކޮޓަރިން ނުކުމެވުނުއިރު ނިދާބޮކީގެ ފަނޑު އަލިކަން ފެތުރިފާ އޮތް ނަމަވެސް އޭނަގެ ކޮއްކޮ އިޝްކަން ސޯފާ މައްޗަށް އަރާހުރިތަން ފެނުނެވެ. ހަޔާތީ ބޮކިތައް ދިއްލައިލުމުން ލޯ ތަރަތަރަޖަހައިގެން ދާ ފަދަ ހުދު އައްޔެއް ފެތުރި ތަން އުޖާލާކޮށްލައިފިއެވެ.

"އެޕާޓްމެންޓަށް ވަންތަނާ މިއޮތް މީހަކާއި މުޑި އަރާފައި އަނގަވަތަށް ނުވެއްޓުނީ ހަމަ ކިރިޔާ. އަދި ދެލޯ ދިއްލާލައިގެން." އިޝްކަން ސޯފާމަތިން ފުންމާލައިފިއެވެ. ކަފަލޮލީ ދޮރުމަތީގައި ދެއަތް ދަމާލައިގެން އޮތްތަން ފެނި މިވީގޮތް ރޭކާލިއެވެ. ހަޔާތީ ހޭންފެށިއެވެ.

"ބުޅާދެކެ ބިރުގަންނަ ބޯއި އެއް މިނޫނީ މި ދުނިޔެއަކު ނެތް. މިގަޑީގައި ޝޭން ތިއައީ ކީއްކުރަން........." ހަޔާތީ އިޝްކަންއައި ދިމާލަށް ބަލަން ހުރީ ލާނެތް ނަޒަރަކުންނެވެ. މިކާލް ބުޅާދެކެ ލޯބިވާއިރު އޭނަ ނަފްރަތުކުރެއެވެ. އިޝްކަން ބިރުގަނެއެވެ. ތިންމީހުންގެ އިހުސާސް ބުޅަލާމެދު ކިހާ ތަފާތުހެއްޔެވެ؟

"އެޕާޓްމެންޓް ތަޅުދަނޑި ދޮންތަ ހަދާންނެތި މޭޒުމަތީ ބާއްވާފައި ދިޔައީ. އެހެންވެ ދޭން އައިއިރު އަދި މި މޮންސްޓާ މިއޮތީ.........."

"އަދިވެސް މިކާލް ނާދޭ. ހިނގާބަލަ ތި ރޫމަށް. ވީޑިއޯ ގޭމެއް ކުޅެލާނީ......"

"މޯޓަލް ކޮމްބެޓް. އެ ސަޅި އެއްޗެކޭ." އިޝްކަން އެންމެ ފޯރި ހުންނަ ގޭމްގެ ނަން ކިޔާލިއެވެ.

"ޔޭ..........." ކުޅޭހިތުން ކެތްމަދުވިކަން ހަޔާތީގެ ހަރަކާތްތަކުން ހާމަވިއެވެ.

ދެކުދިން އެތައް ދަމެއްވާންދެން ގޭމްކުޅުމުގެ ފޯރި ހިފާލާފައި ތިބިއިރު ވަގުތު ދިޔަގޮތެއްވެސް ނޭގުނެވެ. ފޯނު ކޮޓަރީގައި ބާއްވާފައި އައި ހަނދާނެއް ހަޔާތީ ނެތެވެ. ތިނެއްޖަހަނިކޮށް މީހަކު ދޮރުގައި ޓަކިދިނުމުން ދޮރު ހުޅުވީ އިޝްކަންއެވެ. ދޮރުމަތީގައި ނުދަންނަ ޒުވާނަކު ހުރިތަން ފެނިފަ ކާކުހެއްޔޭ އަހައިލިއެވެ.

"ކާކު ހޯދަން ތިއުޅެނީ؟ " އިޝްކަން ލޯ ކުޑަކޮށްލިއެވެ. ހަޔާތީވެސް އެއްޗެއް ވިސްނިގެން އަވަހަށް ފެންނަ ހިސާބަށް ނުކުތެވެ. މިކާލް ފެނުމާއިއެކު އިތުރު އޮޅުމެއް ނާރަނީސް ދެކުދިން ތައާރަފުކޮށްދިނެވެ. މިކާލް އިޝްކަންއާއި ސަލާމްކޮށްލީ އަރަބިގޮތަށް ބައްދާލާފައެވެ. ކަފަލޮލީ ފެނިފާ އިޝްކަން ބިރުން އުޅުނު ވާހަކަ ހަޔާތީ ކިޔާދިނީ ހީހީފައެވެ. މިކާލް ހިނިތުންވެލީ ކުޑަކޮށެވެ. ސީރިޔަސްގޮތެއް ހުއްޓަސް މޫނު އަލިކަމުން އިޝްކަންގެ ހިތުން ޚާއްސަ މަގާމެއްހޯދިއެވެ. އޭނަގެ ދޮންތައާއި ހާދަ ގުޅެއޭ ހިތަށް އެރިއެވެ. ކެތްނުވެގެން އެހެން ބުނެލެވުނެވެ.

"ދޮންތަގެ އިންލޯސް އިން އެހާ ރަގަޅު. ހަޒްބެންޑްވެސް އެހާ ކޫލް. ދެން ކީއްވެގެންނޯ މަންމަ އެހާ ރުޅިއަންނަނީ؟ އައި ތޯޓް އެޑިކްޓުން އުޅޭ ކަހަލަ ގެއެއްގެ މީހަކާއޭ ދޮންތަ މެރީކުރަނީ. މަންމަ އެހާ ނުރުހޭނީ ދެން އެކަހަލަ މީހަކާއި އިނީމަކަމަށް ވިސްނީ. އެހެނެއްނުވި. މަންމަ މާލެ ގެންނަންވީނު. ވަގުތުން މިފެމިލީ އެކްސެޕްޓްކުރާނެ.." އިޝްކަން ދޮރަށް ލެނގިލައިގެން ހުރެ ހިތުގައިވާ އެއްޗެއް ބުނެލައިފިއެވެ. މިކާލްގެ އަތުގައި ހިފައިލި ހަޔާތީގެ މޫނަށް ކަންބޮޑުވުމުގެ ކުލަވަރު ވެރިވި ނަމަވެސް ގަދަކަމުން ހީލިއެވެ.

"ދޯ ދޫނި. ދެން ދޮންތަ ނިދަން ދިޔައީ..ގޭމް ކުޅެން ނީދެ ދެން ނިދާލާ. ހެދުނު އޮފީހަށް ދާން ގޮވާނަން...."

"އެލާމް މިކޮށްލަނީ....ގުޑް ނައިޓް " އިޝްކަން ހިނިތުންވުމެއް ދީފައި ދެމީހުންގެ މޫނަށް ބަލައިލިއެވެ. މިކާލްގެ ނަމުން ގޮވާކަށް އިޝްކަންއަށް ފަސޭހައެއްނުވިއެވެ. އެދޭތެރޭގައި އަދި ދުރުހިލޭކަމެއްވިއެވެ.

ހަޔާތީ ފުން ނޭވައެއްދޫކޮށްލިއެވެ. މަންމަގެ އެ ސިއްރު އެނގޭނީ ހަމައެކަނި އޭނައަށެވެ. މަންމަ އޭނަ ކައިރީ އެ ވާހަކަތައް ހާމަކުރީ މަޖުބޫރުވެގެންނެވެ. ޔާސިރުގެ ދަރިއަކާއި އިންނަން އުޅޭކަން އެނގުމުން މަންމަގެ ހިތަށް ކެތްނުވީއެވެ. ނަމަވެސް މަންމަގެ ނުރުހުމުގައި ކައިވެނި ކުރަން މަޖުބޫރުވީ އޭނަގެ ހިތުގައި މިކާލްއަށްޓަކާ އޮތް ލޯތްބާއި ގަދަރެވެ. މައިންބަފައިންގެ "ބްލެސިން" ނެތި ކުރެވޭ ކައިވެންޏެއް ބާއްޖަވެރި ނުވާނެއޭ ބުންޏަސް އަދި ގައިމު އޭނަ މިއުޅެނީ އުފަލާއި އަރާމުގައެވެ. މިކާލްއާއި ކައިވެނިނުކުރިނަމަ ރަގަޅު ވަޒީފާއެއް ހޯދުން ފަސޭހަކަމަކަށްނުވާނެއެވެ. ކޮއްކޮ މާލޭގައި ބަހައްޓާނެ ތަނެއް ނެތިގެން އުޅެން ޖެހޭނެއެވެ. މަންމަ އެހާ ރައްކާތެރިކަމާއިއެކު ބަލާބޮޑުކުރި ފިރިހެންދަރިފުޅު މާލެތެރެއަށް ދޫކޮށްފައި ހުންނަން މައިމީހާގެ ލަނގޮޑިއަށް ކެތްވީ ކިހިނެއްބާވައޭވެސް ހަޔާތީ ހިތަށް އެރިއެވެ. އިޝްކަންއަށް އަޅާލަ ރައްކާތެރިކަން ދޭން އެންމެ ގާތުގައި ފާރަވެރިއަކަށް ހުންނާނެ ދެވަނަ މީހަކީ ޔަގީނުންވެސް ހަޔާތީއެވެ. މާލޭގައި އެކުވެރިއަކާއި އެއްކޮށް އުޅޭކަން އެނގުމާއިއެކު ހިތަށް ކެތްނުވީ އެހެންވެއެވެ. ކޮއްކޮ ގޯސްމަގަކުން ހިގާ ޑްރަގް ނެގުންފަދަ ކަމެއް ކޮށްގެން ނޫނީ މާރާމާރީއެއް ހިންގައިފިނަމަ އޭނައަށް އެމަންޒަރު ބަލާކަށް ކުޅަދާނަވާނެހެއްޔެވެ. އެއަށްވުރެ މާ ޚާއްސަފަރާތެކެވެ. ކޮއްކޮ މޮޅުކުއްޖަކަށްވެގެން ޔޫކޭ ނުވަތަ އެމެރިކާގައި އުޅޭފަދަ ދުވަހެއް ދެކުން ހިތް ކެތްމަދުވެފައިވާތާ ކޮންދުވަހެއްހެއްޔެވެ.

ފަތިސްނަމާދުކުރަން މިކާލް ގޮވުމުން ކަންނެތްވެފައި އަލުން ރަޖާތެރޭ ބޮނޑިވެލިއެވެ.

"އޮފީހަށް ދާން ޖެހުނީމަ ތިހެން އޮތްނަމަ އޯކޭ އެކަމަކު...." މިކާލް ފައިތިލަ ކަހާލާފައި ހެދުމުގެ މަތިން ބަނޑުގައި ކޮށްޓާލުމުން ހީލިކަރުވައިގެން ގޮސް ހަޔާތީ ހަލާކުވާވަރުވިއެވެ. ހެމުންގޮސް ބަނޑަށްތަދުވާވަރަށް ހެވުނެވެ. ނިދިވެސް ފިލައިފިއެވެ. އިސްތަށިގަނޑު ނިއުޅިގެން ފައިބައިގަތުމުން ހުޅިއެއް ޖަހާލުމަށްފަހު މިކާލްއާއި ދިމާލަށް ކުޑަކޮށް ކަޅި އަޅައިލިއެވެ.

"ނަމާދުކޮށްގެން ނިދާނީ...." މިކާލްގެ ހިނިތުންވުމުގައި ސަމާސާގޮތެއް ހުއްޓެވެ.

ކަންނެތްވެފައި ހުރެ ހަޔާތީ ނަމާދުކޮށްގެން ނިމިގެން މުސައްލަމަތީ އިށީދެފައި މިކާލްއާއި ދިމާލަށް އެނބުރުނެވެ. މިކާލް ރީތ ރާގަކަށް ގުރުއާން ކިޔަވާއިރު އަޑުއަހާލަން ހާދަ ހިތްގައިމެވެ. ކޮންމެގޮތެއްވިޔަސް އަޑުގެ ޖާދޫގައި ޖެހިގެން ނަމަވެސް އަތުން ހީބިހި ނެގިއެވެ. އަތަށް ފިނިވާންފެށުމުން އަތުގައި އަތް ހާކާލެވުނެވެ. ގުރުއާން އަޑުއިވިގެން މިފަދަ އަސަރެއްކޮށް ހިތަށް މަޑުމޮޅިކަމެއް ލިބުމުން ހަޔާތީއަށް ހައިރާންކަމެއް ލިބުނެވެ. އޭނަ ރަމަޟާންމަހު ނޫނީ ގުރުއާންގައި އަތެއް ނުލައެވެ. އަތްލިޔަސް ކިޔަވައިލެވެނީ ދެލިގަނޑެވެ. ވިސްނާނުލާ ކިޔާ އެއްޗެއް ދޭހަނުވާހާ ހަލުވިކޮށް ކިޔަވާފައި ބޭއްވުމުން ހިތަށް ކުރާނީ ކޮން އަސަރެއްހެއްޔެވެ؟ ޝެލްފް ޒީނަތްތެރިކުރަން އޮންނަ އެއްޗެއްކަމުގައި ޚަތިމްވަނީ ވެފައިވާއިރު ފޯނަށް ގުރުއާން އެޕެއް އަޅާފައި ހުއްޓަސް މާބޮޑު ތަފާތެއްނުފެނެއެވެ. ހަޔާތީ ބެލްކަނީގެ ދޮރު ހުޅުވާލައިފިއެވެ. ފަޒާއޮތީ ދުންފިނިގަނޑެއް ހެންނެވެ. ގަނޑުފެނުގެ އަސަރުއެކުލެވޭ ފިނި ވައިރޯޅިއެއް އޭނަގެ ގައިގާ ބީހިލާފައި ދިޔައެވެ. ރަތުގެ އެންމެ ގަދަ ޝޭޑުން ދިއްލިފައިވާ އުޑުމަތި މަޑު ފިޔާތޮށިކުލައާއި އެކުވިއެވެ. ގުދުރަތީ ފުރިހަމަކަން ފެނިފާ ސަމާ ބުނާހެން "ސުބުހާނަﷲ" އޭ ހިތާހިތުން ކިޔާލެވުނެވެ. ހެއްދެވި ފަރާތުގެ "އާޓިސްޓްރީ" ގެ ފުރިހަމަ ކަމާއެވެ. ސަމާގެ މައުސޫމް މޫނު ހަދާންވުމުން އެހެން ކަހަލަ އަސަރެއްކޮށް ލޮލުން ކަރުނަ ހިލުނެވެ. ހަޔާތީ ނުކުމެ ކޮފީ މަގެއް ހެދުމުގާ އަވަދިނެތި އުޅުނުއިރު އައިސް މިކާލްގެ އަތަށް ދިނެވެ. މިކާލް ޝުކުރު އަދާކުރިއެވެ.

"މިކާ. ސުވާލެއްކޮށްލަންތަ؟ "

"ނަމާދުކުރުމުން ހެއްދެވިފަރާތާއި ކްލޯޒްވާނެއޭ ބުނެއެއްނު. އެކަމަކު އެކަހަލަ އިހުސާސެއް ނުކުރެވޭ. ނަމާދުން ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭ ވާހަކަ މިކާ ބުނީމެއްނު. ސްވީޓްނެސް އޮފް ޕްރެޔާ ހޯދާނެ ގޮތެއް ބުނެބަލަ. މިކާ ކަހަލަ ރަގަޅުމީހަކަށް ވެވޭނީ ކިހިނެއްތަ؟ އެކްސްޓްރީމިސްޓަކަށް ނުވިޔަސް އެޓްލީސްޓް ނަމާދުކުރަންވާ ގޮތަށް ކޮށްގެން ސްޕިރިޗުއަލް ކަނެކްޝަން ބާއްވަން ބޭނުން. މިކާ ތިހެން އުޅޭތަން ފެނުނީމަ މިއަދު އެކަހަލަ އެއްޗެހި ހިތަށް އަރައިފި. މިކާއައި ދެމީހުންގެ އުޅުން ހާސްބައި ތަފާތޭ ހިތަށް އަރަނީ. އައިމް ނަތިން ލައިކް ޔޫ. މިކާފަދަ ރަގަޅު މީހަކާ އެކަށީގެންވޭ ހެއްޔޭވެސް ހިތަށް އެރި. އެކަމަކު މިކާއައިއެކު މިދުނިޔޭގަ އެކަނިއެއްނޫން. ސުވަރުގޭގައިވެސް ބައިވެރިޔަކަށް ވުމަކީ އެންމެ ބޭނުންވާގޮތް........" ހަޔާތީ މިކާލްގެ ގަޔަށް ލެނގިލައިގެން ސޯފާގައި އިށީނެވެ. މިގަޑީގައިވެސް ސެންޓުގެ ވަސް މިކާލްގެ ހަށިގަނޑުން އަރަ އަރާ ހުއްޓެވެ. އެހެންވާނެ ނޫންހެއްޔެވެ؟ ފަތިހުތެދުވެވެސް ނަމާދުކުރަން ފެންވަރާނެއެވެ.

"ހަޔާ ތިހެން އެހީމަ ބުނެފާނަން. އަހަރެން ވަރަށް ދެރަވޭ ހަޔާގެ ތި ޑްރީމް ފުރިހަމަކޮށްދޭން ބާރު ނާޅާ އަމިއްލަ ނަފުސާއިމެދު އެކަނި ވިސްނީމަ. ހަޔާ އުޅޭނެގޮތަށް އުޅެން ދޫކޮށްގެން ހުރެވުނުކަމީ އަހަރެންގެ ނާގާބިލުކަމަށް ވެދާނެ. ނަމާދުކުރާ މީހާ އެހެން ހުރިހާ ފާފަތަކުން ދުރުވެ ރަގަޅުވާނެއޭ ބުނަނީ ކީއްވެކަން އެނގޭތަ؟ ނަމާދުކުރާ މީހާއޭ އެބުނަނީ ނަމާދުކުރަމޭ ކިޔާފައި މަޖުބޫރުވެގެން ގޮސް ނިތް ތަޅާލާފާއި އަންނަ މީހުންނަކަށްނޫން. ޚުޝޫއަތް ތެރިކަމާއިއެކު ފުރިހަމައަށް ނަމާދުކުރާމީހަކަށްވާން ޖެހޭނެ. އެނަމާދު މާތް ﷲ ގަބޫލުކުރެއްވުމުން ނޫނީ ނަމާދު ނަމާދަކަށްވާނެތަ. ހަޔާ ނަމާދުކުރާގޮތް އަހަންނަށް ފެނިފައި މިހިރީ. ހަޔާ ބުނެބަލަ. އެހެން ނަމާދުކޮށްގެން ނަމާދުން ހިތަށް ފިނިކަމެއްލިބޭތަ. ނަމާދުގައި ކިޔާ އެއްޗަކަށް ވިސްނައިގެން ތަ ނަމާދުކުރަނީ......" މިކާލް ބުމަ އަރުވައިލިއެވެ.

"ތެޅިފޮޅިގެންގޮސް ގިނަފަހަރު މެންދުރާއި އަސުރު އެއްކޮށް. މަޣުރިބާއި އިޝާ އެއްކޮށް. މިކާއާއި މެރީކުރުމުގެ ކުރިން ފަތިސް ނަމާދަށް ތެދުވުނު ހަދާނެއް ނުވޭ...." ހަޔާތީ ހަގީގަތަށް ބުނެލިއިރު ކުށްވެރިކަމުގެ އިހުސާސްތައް ހިތުގެ ފުންމިނުގައި ހިނގައިލުމުން އިސްޖަހާލެވުނެވެ.

"ހޫމް. ހަޔާ އެކަންޏެއްނޫން. ޖޮބްތަކުގައި އުޅޭ ބައެއް މީހުންގެ ހާލު ކަން ނޭގޭ. ޖޮބާއިހެދި ނަމާދު ފަސްވިޔަސް އޯކޭ ކަމަށް ވާނީ. ނަމާދަށްވުރެ ވަޒީފާ ފުރިހަމައަށް އަދާކުރުމަށް އިސްކަންދޭ. ބޮސް ރުޅިނާރުވަން ވެގެން. ބޮސްދެކެ ބިރުން. ސެލެރީ މަދުވެދާނެތީ. ކަނޑާލަފާނެތީ. ނަމާދުން ލިބޭނެ ސަވާބު ދުނިޔެއަކުން ފެންނާނަކަށް ނެތެއްނު. ދެން އޮންނާނީ ސިޔާސީ ކަންތައްތަކާއި ހެދި މަރުދަންޖެހި އެކަމާއި އަރައިރުންވެ ބަހުސްކޮށް ވަގުތު ބޭކާރުގޮތުގައި ދޫކޮށްލުން. ހަތަރުދަމު އެ ބޭކާރު ކަންތައްތަކާއި އުޅުމަށްވުރެ ހަޔާއަށްވެސް ހަމަ ބެލިދާނެ ލެކްޗާސްތައް؟ މިއުޒިކް އަޑު ނަހާ ގުރުއާން އަޑުއެހީމަ ....ޓްރަސްޓްމީ ލިބޭ ރޫހާނީ ހިތްހަމަޖެހުމާއި ތިމާ ހެއްދެވިފަރާތާއި އޮތް ގުޅުން ކްލޯޒްވީމަ އެލިބޭ އުފާވެރިކަން ކާންޓް އެކްސްޕްލެއިން. އެހާ ޕީސްފުލްވާނެ. އެ ފީލިން ވަރަށް ތަފާތު......"

"އާވް........" ވިސްނަން ހުރެފައި ހަޔާތީއަށް ބުނެވުނެވެ.

"ޔެސް.....މްމް...ހަޔާ ބޭބީ. އަދި އެނގޭތަ؟ ޒިކުރުކުރުމަކީވެސް އެކަހަލަ ކަމެއް. އެހެން ޚިޔާލުތަކެއްގައި އިނދެ ތަސްބީހަ ކިޔައިގެން އަދި ކަމަކުނުދާނެ. ސިކުނޑިން ހުރިހާ ޚިޔާލުތަކެއް ނެރެލާފައި ދެން ޒިކުރުކުރީމަ އޭގެ ސަވާބު އެތައްގުނަ އިތުރުވާނެ. އަހަރެމެން އެހެން މީހުންނާއިމެދު ވިސްނާގޮތަކަށްނޫން ދޯ ހެއްދެވިފަރާތާއިމެދު ވިސްނާނީ. ކޯޒް އަވާ ކްރިއެޓާ އިޒް އިންކޮމްޕްރަބްލް ސޯ ޒިކުރުކުރުމުގައި އިންނާނީ ތަފާތުގޮތަކަށް. މުޅި ސިކުނޑި އެހެން ހުރިހާ ޚިޔާލުތަކުން ހުސްކޮށް ވަކި ސްޓޭޓަކަށް މައިންޑް ގެންގޮއްސަ ސުބުހާނަﷲ ކިޔުމުން ހާދަ ތަފާތޭ. ބުނަން މިއުޅެނީ އަހަރެމެންނަށް މިއުޅެވެނީ އަދި ވަރަށް ފަހަތުގައޭ. ވަރަށް ގިން ކަންތައްތައް ކުރަން ޖެހޭ ހެއްދެވިފަރާތާއި އޮތް ގުޅުން ވަރުގަދަ ކުރަން. ފަސްޓް ހަޔާ ނަމާދަށް ފަރުވާތެރިވޭ. އޭރުން ބޭނުންވާނެ ނަމާދުގައި ކިޔަވާ އުޅޭ އެއްޗިއްސާއި ގުރުއާންގެ މާނަ. ތަފުސީރުވެސް ބަލަން ބޭނުންވާނެ. އެނީވޭސް އޮފީސް ހަރުގަނޑުގައި ހުރިހާ ފޮތްތަކެއް ހުންނާނެ. ހަޔާ ދަސްކުރޭ.." މިކާއިލް ހަޔާތީގެ ކޮލުގައި މަޑުމަޑުން ވިކައިލަމުން ހިނިތުންވެލިގޮތުން ހިތަށް ލިބުނު އުފާވެރިކަން ލަފުޒުތަކަކުން ބަޔާންކޮށެއްނުދެވޭނެއެވެ. އެ ލުއި ބީހިލުމުން ހަޔާތީއަށް ދެލޯ މަރައިލެވުނެވެ.

މިކާލްއާއި އޭނަގެ އޮތް ގުޅުން ވަކި ހައްދެއްގައި އޮތީ އޭނަ އިސް ނުނަގައިގެންނޭ ހިތަށް އެރިއެވެ.

މިކާލް ތަފާތެވެ. ވަރަށް ތަފާތެވެ. އިސްވެ ލޯބި ހުށަހެޅީވެސް ހަޔާތީއެވެ. ވީއިރު ކޮންމެ ކަމަކަށް އޭނަ އިސް ނުނަގަންޏާ މިކާލް އުޅޭނީ ދުރުންނެވެ.

ހަޔާތީ މޭޒުމަތި ތައްޔާރުކޮށްލާފައި އިޝްކަންއަށް ތަބައް ތައްޔާރުކޮށްގެން ޖެހިގެން ހުރި އެޕާޓްމެންޓާއި ދިމާލަށް މިސްރާބުޖެހިއެވެ. ޓަކިދޭންފެށުމުން ކަންނެތްކޮށް ދޮރު ހުޅުވައިލިއެވެ.

"މޯނިން ދޫނި. އޮމްލެޓް އެންޑް ސެންވިޗް...."ހަޔާތީ ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. ކޮއްކޮދެކެ ވާ މަތިވެރި ލޯބި އެދެލޮލުން ފައުޅުވާން ހުއްޓެވެ. އިޝްކަންގެ ލޯ ރަގަޅަށް ހުޅުވައިނުލެވެއެވެ.

"ތެންކިއު....." އިޝްކަން ހަޔާތީގެ ކޯތާފަތަށް ބޮސްދިނެވެ.

"އޮފީހަށްދާން ގަމީހާއި އެއްޗެހި ގެނޭ އިސްތިރިކޮށްލަދޭނަން. ތިއްތިވާން އަންހެންކުއްޖަކަށްވުރެ މި ކުއްޖާ ގިނަ ވަގުތުނަގާނެ........" ހަޔާތީ އަލަމާރި ހުޅުވާފައި އޭނަ ބޭނުންވި ހެދުމެއް ނެގިއެވެ. އިޝްކަން ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ.

ދެބެން އެއްކޮށް އޮފީހަށް ވަނުމުން އެތައް ބަޔެއްގެ ނަޒަރު ހުއްޓުނެވެ. މި ރީތި ޒުވާނާއަކީ ކާކުތޯ ހިތުގައި ސުވާލު އުފެދުނެވެ. ހަޔާތީ ފަޚުރުވެރިކަމާއިއެކު ސްޓާފުންނަށް ކޮއްކޮ ތައާރަފުކޮށްދިނެވެ. ސަޖަލްވެސް އިނީ ދެލޯ ބޮޑުވެފައެވެ. އާއިދުއަށް ފަހުން އޭނަގެ ހިތަށް ލޮޅުން އަރުވައިލި ދެވަނަ ޒުވާނާކަމުގައި މިކުއްޖާ ހިމެނުނެވެ. ޚާއްސަކޮށް އެ ޕްލެޓިނަމް އިސްތަށިގަނޑާއި ގަދަ ބުމައިގެ ސަބަބުން ތަފާތު ރީތިކަމެއް އިޝްކަންއަށް ލިބިފައިވިއެވެ. ހަރުވާން އުޅުނަސް ޅަ ޒުވާނަކަށްވުމުން ވަކިން ޚާއްސައެވެ. އިޝްކަން އެކުވެރިކަމުން އެންމެނާއި ސަމާސާކޮށް ވާހަކަދެއްކިގޮތުން ފުރަތަމަ ނަޒަރުން ޖަޖްކޮށްގެން ނުވާނެކަމަށް ސަޖަލްވެސް ގަބޫލުކުރިއެވެ. އެންމެ ކުރިން ހީކުރެވުނީ އިޝްކަން ބޮޑާވާނެކަމަށެވެ. ނަމަވެސް ހަޔާތީފަދަ ހިތްހެޔޮކަމެއް އެކުއްޖާގެ ވެއެވެ. އިޝްކަން އޮފީހުގެ އެންމެނާއި ބައްދަލުކޮށް މަސައްކަތާއިބެހޭގޮތުން އޮޅުން ފިލުވިއެވެ. ޚާއްސަކޮށް އައިޓީ ޓީމާއެވެ.

އެގާރަޖަހާ އެހާކަށްހާއިރު މިކާލް ހަޔާތީއާއި ބައްދަލުކޮށްލަން އައެވެ. ކެބިނަށް ވަނީ އަތް ފުރަގަހަށްލައިގެން ހުރެއެވެ. އެންމެ ކުރިން ދިއްކޮށްލީ ރަތްކުލައިގެން ފިނިފެންމަލަކާއިއެކު ބޮޑު ސިޓީއުރައެކެވެ. ހަޔާތީ އެމާ މޫނުގައި ޖައްސާލަމުން ލޯ މަރައިލިއެވެ. މިކާލްގެ "ސްވީޓް"ކަމުން ހިތް ފުރިގެން އައެވެ. ކޮންފަދަ ލޯބިވާ ފިރިއެއްހެއްޔެވެ. އަދި ސިޓީ އުރައިގާ ވަނީ ކޮންފަދަ ސަޕްރައިޒެއްކަމެއްވެސް ނޭގެއެވެ.

"މި ރޯޒްގެ ރީތިކަން ސިފަކުރަންޏާ މަގޭ ބިއުޓިފުލް ވައިފް ހިތަށް ގެނެވެނީ އެހެންވެ މި މާ ނުގަނެ ނުހުރެވުނު.........." މިކާލްގެ ޖުމްލައިން ހަޔާތީގެ ހިތް އުފަލުން އުދުހިގަތެވެ.

"މިކާލް ޔޫ އާ މޭކިން މީ ފޯލް މޯ އިން ލަވް ވިތް ޔޫ......" ހަޔާތީ ފޮނިވާގޮތްވިއެވެ. މިކާލް އަނެއް އަތުން ދިއްކޮށްލި އައިސްކްރީމް ވިރިގެން ފައިބަފާނެހެން ހީވުމުން މިކާލް އެތިކޮޅެއް ކާލާފައި ހަޔާތީއަށް ދިނެވެ. ހަޔާތީ އައިސްކްރީމްގައި ލޮވެލަމުން ހީލިއެވެ.

"ވައި. އިޒް ދެޓް ރޯންގް؟ ވީ އާ މެރީޑް.." މިކާލް އެއް މިޔަކަނުން ހީލިއެވެ.

"މެރީކުރިޔަސް އައި ފޯލް ފޯ ޔޫ މޯ އީޗް ޑޭ މިކާ" ހަޔާތީ ހިނިތުންވެލިއެވެ. މިކާލް ހަށަން ބަދެލައިގެން ބަލަން ހުރީ ހިތްގައިމު ނަޒަރަކުންނެވެ. ހަޔާތީއަށްވެސް އިރުކޮޅެއްވާންދެން އެ ކަނޑެއްފަދަ ފުން ލޮލަށް ގެއްލިފައި ހުރެވުނެވެ. އައިސްކްރީމް ކާލަ ކާލައެވެ. ނަޒަރު ވަކިކޮށްލަން ނޭގިފައި ތިބެވުނު ވަގުތުކޮޅު އެތައް ގަރުނަކަށް ދެމިގެން ދިޔަފަދައެވެ.

"ތެންކިއު ފޯ ދަ ގިފްޓްސް މިކާ. ޔޫ ރިއަލީ ހޭވް އެ މިސްޓީރިއަސް ޕާސެނެލިޓީ އެހެންވެކަން ނޭގޭ އެހާ ޗާމިންއީ.. ސިޓީއުރައިގާ ކާޑެއްތަ؟ " ހަޔާތީ ރަކިވާގޮތްވުމުން ދުރަށް ބަލައިލިއިރު ކޮންމެވެސް ވަރަކަށް ލޮލުން ފެން އައިސްފާ ހުއްޓެވެ. އެލޮލަށް ބަލަން ހުރުމަކީ ފިރިހެނަކަށްވެސް ކުޅަދާނަކަމެއް ނޫނެވެ. ލޮލުގައި ހުންނަ ބާރަކުން މީހުން ފެންކަޅިކޮށްލުވައެވެ. ހަޔާތީ އައިސްކޯންގެ އެންމެ ފަހު އެތިކޮޅު ކާލާފައި މޭޒަށް ލެނގިލައިގެން ހުއްޓުނެވެ. މިކާލް އޭގައި ހުރި އެއްޗެއް ބުނެދިނުމުން ހަޔާތީ އަނގަ ހުޅުވުނުގޮތަށް ލައްޕާލާކަށްވެސް ނޭގުނެވެ. މިކާލް އެ އިމާރާތުގެ ދެ ފްލޯ ހުރިގޮތަށް އެޗްއެމްއަށް ގަނެލީއެވެ. އެގްރިމެންޓް ފޯމްތަކެވެ. މިކާލް އޭނަގެ ޕްލޭންތައް ކޮންމެވެސް ވަރަކަށް ހަޔާތީއާއި ހިއްސާކުރިއެވެ. އޭނަ ބޭނުންވަނީ އަވަހަށް ދީނީ ޗެނެލްއެއް ފެށުމަށެވެ. އަނެއް ފްލޯ ގަތުމުގެ ޚިޔާލުއައީވެސް ޓީވީ ޗެނެލްއެއް ހުޅުވުމުގެ ޚިޔާލު ހިތަށް އައީމައެވެ. ހަޔާތީއަށް ލިބުނު އުފަލުގެ ސަބަބުން މިކާލްގެ ގައިގާ ހިފާލެވުނުގޮތަށް ލޮލުން ފޭބި ކަރުނައަކީ އުފާވެރިކަމުގެ ކަރުނައެވެ. ލޮލުން ފެން ފޭބިއިރު ހެވުނެވެ. އެތައްފަހަރު ޝުކުރު އަދާކުރިއެވެ. ދީނީ ޗެނެލްއަކަށްވިޔަސް އެއީ އޭނަ ބޭނުންވާފަދަ ސިޔާސީ ކަންތައްތައްވެސް ގެނެސްދެވޭނެ ޗެނެލްއަކަށް ވާނެކަން ޔަގީނެވެ. މިކާލް ހާދަ ރަގަޅެވެ. ހާދަ އަޅާލައެވެ. ޖާނަލިސްޓެއްގެ ހުވަފެންތަކުގައި ކުލަ ޖައްސައިދެވޭނީ މިހާވަރަށް ނޫންހެއްޔެވެ؟ މިކާލްއަށް ފަންޑުކުރަނީ ކާކުކަން ކޮން ބަޔެއްކަން ނޭގުނަސް ހަޔާތީގެ ފަރުވާލެއްނެތެވެ. މިކާލްއަށްޓަކާ ހިތުގައިވި ގަދަރު ހާސްބައި ބޮޑުވިއެވެ.

ދެމީހުންނަށް ދުރުވެވުނީ ދޮރުމަތީގައި ހުރެ އިޝްކަން ކަރުކެހިލުމުންނެވެ. ހަޔާތީ ފުޅާ ހިނިތުންވުމެއް ދެމުންގޮސް ކޮއްކޮގެ ދެއަތުގައި ހިފައިލިއެވެ.

"ޝޭން. އައިމް ލިވިން މައި ލައިފް. ދޮންތަބެ ހަތަރުވަނަ ފްލޯވެސް ގަނެފި. ޓީވީ ސްޓޭޝަނެއް އެބައިގާ ހުޅުވަން. އަދިވެސް ހީވަނީ ހުވަފެނެއްގައިހެން މިއުޅެވެނީ................" ހަޔާތީ އިޝްކަންއަށް އެ އުފާވެރި ޚަބަރު އިއްވާލުމުން އިޝްކަން މަރުހަބާކިއެވެ. މިކާލް ބުނީ އެޗްއެމް ޗެނެލް އިޝްކަން އިސްމީހެއްގެ ގޮތުގައި ހުރެ ހިންގުމެވެ. މިހާ ޅަ އިރު ސީއީއޯކަން ލިބުމުން އިޝްކަންއަށްވެސް އާސްމާނުގައި އުދުހެވުނުފަދަ އިހުސާސްތަކެއް ކުރެވުނެވެ.

"ހިނގާ ބްރޯ. ކޮފީއަކަށް. އަދި ދެމީހުން ދިމާވެފައެއް ނެތެއްނު....."މިކާލް އިޝްކަންގެ ބުރަކަށީގައި އަތްޖައްސައިލިއެވެ. ދެމީހުން އެކީ ނުކުތްތަން ބަލަން ހުރެފައި ހަޔާތީއަށް ދެއަތް ހިއްލައިލަމުން ކުޑަކޮށް ނަށައިލެވުނެވެ. އުފަލުންގޮސް ކުރާނެ ނުކުރާނެކަމެއްވެސް ނޭގުނެވެ. ސަޖަލްއަށް ގޮވާ ގެނެސްގެން އެންމެ ކުރިން އެ ޚަބަރު ބުނެފައި ސަޖަލްގެ ގައިގާވެސް ބައްދައިލެވުނެވެ. ހަޔާތީ އެލިޔުންތައް ބެލުމަށްފަހު ރައްކާތެރިކަމާއިއެކު ވަތްގަނޑަށް ލާފައި ތަޅުލިއިރު ތުންފަތްމަތީގައި ހުރި ހިނިތުންވުން ފިލައިގެނެއްނުދެއެވެ. އެތައްފަހަރު ރަތް ފިނިފެންމާ ގެނެސް މޫނުގައި ޖައްސައިލެވުނެވެ. ހުރިހާ އުފާތަކެއް އޭނަގެ އުނގަށް އެޅެން ފަށައިފިއެވެ.

"ޕިއްޒާއިން ސެލެބްރޭޓްކުރަމާ ހިނގާ..."ސަޖަލް ޚިޔާލެއްދިނެވެ.

ހަޔާތީގެ އެޗްއެމް ކާމިޔާބުގެ ދެވަނަ ހަރުފަތް ގިރާކުރީއެވެ. ކުއްލިއަކަށް އެންމެ މައްޗަށް ނޭރުނަސް އުއްމީދާއި އެކު ބުރަ މަސައްކަތްކުރުން ޕޮޒިޓިވް ވިސްނުން އަދި ނަސީބު އެމީހަކާއިއެކު ވަންޏާ އެންމެ އުހަށް އެރިދާނެއެވެ. ހަޔާތީގެ އަޒުމަކީ އެއީއެވެ. އަމްރާންއަށް އޭނަގެ ކާމިޔާބީ އެނގިއްޖެއްޔާ އެ ބޮޑާ ހިނިތުންވުން ފިލައިގެން ގޮސް ބަލިކަށިވާނެކަން ޔަގީނެވެ. މާ ގަދަކޮށްލާފައި އޭނަ ރޮއްވާލާ ދެރަކޮށްލިގޮތަށް އަމްރާން އޭނަގެ ފައިބުޑަށް ވެއްޓޭނެ ދުވަހެއް ދެކޭހިތްވެއެވެ. އެހާ މޮޅަށް ކިޔަވާ ކުރިއަށްދާން އަސްލު ހިތްވަރު ލިބުނީވެސް އަމްރާން އޭނަ ނިކަމެތިކޮށްލި ވަރުންނެވެ.

ޖެހިގެން އައި ދުވަހު ޗެނެލް ހުޅުވުމަށްޓަކާ އޮފީހުގައި ކުރަން ޖެހޭ މަސައްކަތްތައް ފެށުނެވެ. ޗެނެލްއަށް ބޭނުންވާ ޚަބަރު ކިޔާމީހުންނާއި ރިޕޯޓަރުން ޕްރޮޑިއުސަރުން ނިއުސްޑިރެކްޓަރުން ކެމެރާމަނުން އަދި އެޑިޓަރުންފަދަ މަގާމުތަކަށް މީހުން ހޯދަން އިއުލާންކުރެވުނެވެ. އެ ހަފްތާވެގެން ދިޔައީ ބުރަ ދުވަސްކޮޅަކަށެވެ. ހަޔާތީއާއި ސަޖަލްއަށް އެހީތެރިކަން ފޯރުކޮށްދޭން ދޭތެރެއަކުން މިކާލްއާއި އިޝްކަން ވަދެލިޔަސް އެދެމީހުންގެ ކޮފީ ގަޑިތައް އޮންނަނީ ދިގުވެފައެވެ. ދެމީހުން ގިނައިން މަސައްކަތްކުރަނީ ކޮންފެރެންސްރޫމްގައި ވަކިންނެވެ. ފިރިމީހާއާއި ކޮއްކޮއާއި ދެމެދު އޮތް ގުޅުން އެންމެ ހަފްތާއަކުން ބަދަހިވީތަން ފެނި ހަޔާތީ ހިތާހިތުން އުފާކުރިއެވެ. މިކާލްއާއި އެކީ އުޅެންޖެހުމުން އިޝްކަންގެ ޝަޚުސިއްޔަތަށް ފުދޭވަރެއްގެ ބަދަލެއް އައެވެ. ކޮލެޖަށް ދަމުން މަސައްކަތްކުރަން ޖެހުމުން އިޝްކަންއަށް ގޭމްކުޅެ ގަޑި ދުއްވާލާނެ ވަގުތެއްނުވެއެވެ. އެހާ ޅައިރު ހަރުދަނާކޮށް މަސައްކަތާއިގެން އުޅެންޖެހިއްޖެއެވެ.

ހަޔާތީ މިކާލްގެ އޮފީސް ކޮޓަރިއަށްވަނެވެ. ސިފައިން އެގެއަށް އަންނަންވާއިރަށް އެތަނުން މިކާލްއާއި ބެހޭ އެއްވެސް މައުލޫމާތެއް ނެގެވަރަށް މިކާލް އެބައި ސާފުކޮށް ނައްތާލަން ބޭނުންވާ އެއްޗެހި ނައްތައިލިއެވެ. ނައްތައިލީ ކޮންފަދަ ހެކިތަކެއްކަން ނޭގުނަސް އެނގެނީ މިކާލް އޭނައަށް ފޮރުވާފައިވާ ބޮޑު ސިއްރެއްވާކަމެވެ. ހަރުގަނޑުގައި ގިނަ އަދަދެއްގެ ދީނީ ފޮތްތަކާއި ތަފުސީރުފޮތްތައް ރީތިކޮށް އަތުރާލާފައިވާއިރު ކުޑަ ލައިބްރަރީއެއްފަދައެވެ. ދީނީ ފޮތްތައް ގިނަކަމުން ވިސްނާލިމީހަކަށް މިކާލްގެ ދީންވެރިކަން ލަފާކޮށްލެވިދާނެއެވެ. ދީނީ ކޮންމެ މީހަކީ ޓެރެރިސްޓަކަށް ނުވާނެއެވެ. ޓެރެރިސްޓުންނަށްވާނީ އެމެރިކާއައި ޔަހޫދީން ޓެރެރިސްޓުންކަމުގައި ކަނޑައަޅާ ބަޔެކެވެ. ނޫނީ ޖަމާއަތެކެވެ. ހަގީގަތުގައި އެންމެކުރީގައި އެލިސްޓުގައި އޮންނަންވާނީ އިޒްރޭލުގެ ނަން ނޫންހެއްޔެވެ؟ ކޮންމެގޮތެއްވިޔަސް އޭނަގެ މިކާލް ޓެރަރިސްޓަކަށް ނުވާނެއެވެ. ދީންވެރި ޒުވާނަކަށް ވުމަކީ ދެދުނިޔޭގެ ނަސީބެވެ. ހަޔާތީގެ ފޯނު ދިއްލެންފެށުމުން ބަލައިލިއިރު މިކާލް ފޮނުވި މެސެޖެކެވެ.

"ހަޔާ ބޭބީ. ގުރުއާން އަޑުއެހުމުން ހިތަށް ލިބޭނެ ފިނިކަން އެނގޭނެ. މާނައަށް ވިސްނައިގެން މި އާޔަތްތައް އަޑުއަހާބަލަ.......ލޯބިވޭ.." މިކާލް ފޮނުވައިލި ލިންކުގައި އިނީ ގާރީ މުހައްމަދު ހާދީ މުލްކު ސޫރަތް ކިޔަވާފައިވާ އާޔަތްތަކެވެ. މިކާލް ބުނިފަދައިން ވިސްނައިގެން ފުރަތަމަ ދެ އާޔަތް އަޑުއެހުމާއެކު ހަޔާތީ ހައިރާންވެ އަންތަރީސްވާވަރުވިއެވެ. އެތައްފަހަރު މި އާޔަތްތައް އޭނަ ކިޔެވިއިރުވެސް މި އާޔަތުގައި ހުރި ފޮނިމީރުކަން ދެނެގަނެވިފައެއް ނެތެވެ. އެއާޔަތް ކިޔަވާފައި ހިތަކަށް އެއްޗެއް ނާރައެވެ. ނަމަވެސް މިވަގުތު އަޑު އެހުމުން ތަފާތު އިހުސާސެއް ކުރެވުނެވެ. އެހާ އަސަރުގަދައެވެ. ބަލާޣަތްތެރިކަމުގެ މިސާލެކެވެ. ކޮންފަދަ ފުރިހަމަ އާޔަތެއްހެއްޔެވެ. ތަކުރާރުކޮށް އެ ދެއާޔަތް އަހަން ކައުޗްގައި އިށީދެލެވުނުގޮތަށް ސްކްރީނުން ލޯ ވަކިކޮށެއްނުލެވުނެވެ.

"ބްލެސްޑް އިޒް ހީ އިން ހޫޒް ހޭންޑްސް އިޒް ދަ ސޮވެރެންޓީ އެންޑް ހޫ ހޭޒް ޕަވާ އޯވާ އެވްރީތިންގް. ހީ ހޭޒް ކްރިއޭޓެޑް ޑެތް އެންޑް ލައިފް ޓު ޓެސްޓް ޔޫ އޭޒް ޓު ވިޗް އޮފް ޔޫ އިޒް ބެޓާ އިން ކޮންޑަކްޓް. ހީޒް ދަ އޯލްމައިޓީ ދަ ފޮގިވިން"

މިކާލްއާއި އިޝްކަން އެކީ ކޮޓަރިއަށް ވަންއިރުވެސް ހަޔާތީއަށް އިނދެވުނީ އެ އާޔަތްތަކާމެދު ވިސްނާށެވެ. ހުވަފެނެއްގައި ކަހަލަގޮތަކަށް އޭނަ ބަލައިލިއެވެ.

"ދެކުދިން އެއްޗެއް ކައިގެންތަ ތިއައީ؟ " ހަޔާތީ އަތުކުރީގައި އޮތް ލެވެންޑާ ގަޑިއަށް ބަލައިލަމުން ކޮޅަށް ތެދުވެއްޖެއެވެ.

"ކޮފީ ބޯލީ....އެކަމަކު ދޮންތައާއިއެކު ސައިބޯން ކޮންމެހެންވެސް ޖެހޭނެ..."

ތިން ޒުވާނުން އެކީގައި ސައިބޯން ތިބިއިރު ސިޔާސީ ވާހަކަތައް ކޮންމެވެސް ވަރަކަށް ދެކެވުނެވެ. އެތީސްޓުން ރާއްޖޭގައި ގިނަވާތީ އެވާހަކަ އިޝްކަން ފެށުމުން ހަޔާތީ ނުތަނަވަސްވިއެވެ. ޝައުން މަރާލެވުނު ވާހަކަ ދެއްކިއިރު އެ ޕާޓީގެ ލާދީނީކަމުގެ ވާހަކަތައް ދެކެވުނެވެ. އެޕާޓީ ވެރިކަމަށް އަޔަނުދޭން މިއަށްވުރެ ފުޅާކޮށް މަސައްކަތްކުރަން ޖެހޭނެކަމަށާއި ޝައުންއާއި އެއްކޮޅަށް ހަޔާތީވެސް ލިޔުންތައް ނުލިޔަން އިޝްކަން އެދުނެވެ. އޭނަވެސް އެލްޑީޕީވެރިކަމަށް ގެނައުމާއި ދިމާ އިދިކޮޅެވެ. އަމްރާން އަބުދުލްއަޒީޒުގެ ޕާޓީއަށް ދުވަހެއްގެ ކޮޅުންވެސް ތާއީދެއްނުކުރެވޭނެއެވެ. އެބުނާހެން ޝައުންގެ މަރަށް އިންސާފު ހޯދަން ގޮވާލަންޏާ ނޭގިނަމަވެސް އަމްރާންގެ ޕާޓީއަށް ތާއީދުކުރެވެނީއެވެ. އަލަށް ހުޅުވާ އެޗްއެމް ޗެނެލްއާއިއެކު އޭނަ ޖެހެނީ ސަރުކާރު ޕްރޮމޯޓްކޮށް އިދިކޮޅަށް ގެއްލުންވާނެހާ ޕްރޮގްރާމްތައް ގެނެސްދޭށެވެ. ނަމަވެސް އިޝްކަން އެހާ ބޮޑަށް އެލްޑީޕީގެ ލާދީނީކަން ނަގައިގެން ވާހަކަދެއްކީ މިކާލް އެއްޗެކޭ ބުނެގެންބާވައޭ ހިތަށް އެރިއެވެ. ހަޔާތީ ވިސްނަނީ "މޮޑެރޭޓް" ކޮށެވެ. އާއިދު އޭގެ ދިމާ އިދިކޮޅެވެ. އެއީ ސީދާ އައިއެސްގެ ފިކުރެވެ. ސޫރިޔާއަށްގޮސް "ޝަހީދު"ވެސް ވީއެވެ. އެންމެން ޝަހީދުންނޭ ކިޔަސް ހަޔާތީ އެކަން ގަބޫލެއްނުކުރެއެވެ. ޝަހީދުވާނީ ދީނަށްޓަކާ ޖިހާދުކުރީމަ ނޫންހެއްޔެވެ؟ ސީރިޔާގައި އޮތީ ދީނީ ޖިހާދެއްހެއްޔެވެ؟ އޭނަ ދެނެހުރިގޮތުން އަހުލީ ހަގުރާމައެވެ.

ޔާސިރުއާއި މުފުތިހާ އައުމުން ހަޔާތީ ސައިހަދާދިނެވެ. މުފުތިހާ ހެޔޮ ދުޢާކުރިއެވެ. ގަޑިން ގަޑިއަށް ކައްކާ ސުފުރާ ތައްޔާރުކޮށް އަދި ގެ ބަލަހައްޓާ ސާފުކުރަމުން ވަޒީފާއަށްދާތީ މިފަހަކަށް އައިސް މުފުތިހާ އެކަންތައް ފާހަގަކޮށް މިކާލް ކައިރީ ތައުރީފުކުރެއެވެ. ދެރައީ ހަމައެކަނި ދީނީ ބައި ތަންކޮޅެއް ދަށްވީމަ ކަމުގައި މުފުތިހާ ބުނެއެވެ. އެކަން ރަގަޅުކުރަން މިކާލް ބާރު އަޅަން އެދުނެވެ.

ހުކުރު ދުވަހެވެ. ދުވަސްކޮޅަކަށް މޫސުން ސަކަރާތްވެފައި އޮތުމަށްފަހު މިއަދު އޮތީ ގަދަޔަށް އަވި ދިއްލާފައެވެ. ހެދުނު ސައިގެ ކަންތައް ނިންމާލާފައި ހަޔާތީ އުޅުނީ އެންމެންގެ ދާ ހެދުންތައް ދޮވުމަށެވެ. ހަޔާތީއަށް ތަފާތުކަމެއް ފާހަގަކުރެވުނެވެ. މިކާލްގެ ހެދުންތައް މާ މަދީއެވެ. މިކާލްގެ ހެދުންތައް ދާ ނުވަނީހެއްޔެވެ؟ އެހެންވާން ވީ ކީއްވެހެއްޔެވެ؟ އެކަމާއި ވިސްނާލަން މަޖުބޫރުވިއެވެ. މިކާލްއާއި އިޝްކަން ސަޔަށްފަހު ކޮންމެވެސް މަސައްކަތެއްކުރަން އޮފީސް ބައިގާ ތިއްބާ ހަޔާތީ ކޮފީ އާއި ޗިޕްސް ގެންގޮސްދިނެވެ. ހިއްކަން އަޅާފައި ހުރި ހެދުންތައް ނަގައިގެން ތިރިއަށް އައެވެ. އިޝްކަންގެ ކޮޓަރިއަށް ވަދެފާ ހެދުންތައް އަލަމާރިއަށް ލާ ނިމިގެން ހިންދެމިލިއެވެ. މާ ބުރަކޮށް މަސައްކަތްކުރެވުނީކަން ނޭގެއެވެ. އުނަގަނޑަށް ކޮންމެވެސް ވަރަކަށް ތަދުވިއެވެ.

"ނިއުސް ޗެކްކޮށްލަންވީ....." އިޝްކަން ގެ ލެޕް ހުޅުވާފައި ހުރިތަން ފެނިފާ ހަޔާތީ ހިތަށް އެރިއެވެ. އެއާއިއެކު ސިހުނުވަރުން އަނގަމަތީ އަތް އަޅާލެވިއްޖެއެވެ.

(ނުނިމޭ... )

https://sun.mv/112389

comment ކޮމެންޓް
ގުޅޭ ޚަބަރު