ސައުދީ ރަސްގެފާނު، ޖީސީސީ ސަމިޓަށް ގަތަރަށް ދައުވަތު އަރުވައިފި

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ވަނީ ޖީސީސީ ސަމިޓަށް ހާޒިރުވުމަށް ގަތަރަށް ދައުވަތު އަރުވާފަ -- ފޮޓޯ: ރޮއިޓާސް

ރިޔާޟު (ޑިސެމްބަރު 5): މިމަހު ސައުދީ އަރަބިއާގައި ބާއްވާ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)އަށް ހާޒިރުވުމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު، ގަތަރުގެ އަމީރު ޝޭހް ތަމީމް ބިން ހަމަދު އަލް ޘާނީއަށް ދައުވަތު އަރުވައިފި އެވެ.

ގަތަރު ނިއުސް އޭޖެންސީ (ކިއުއެންއޭ)ގައިވާ ގޮތުން ރަސްގެފާނުގެ ދައުވަތު، އެގައުމުގެ ފޮރިން މިނިސްޓަރު ސުލްތާން ބިން ސާދު އަލް މުރައިކީއަށް އެރުވީ ޖީސީސީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްލަތީފް ބިން ރަޝީދު އަލް ޒަޔާނީ އެވެ.

އަންނަ އާދީއްތަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެސަމިޓަށް ޝޭހް ތަމީމް ހާޒިރުވާނެ ކަމަށް ކިއުއެންއޭއިން އަދި ނުބުނެ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ސައުދީ އަރަބިއާ، ޔޫއޭއީ، މިސްރު އަދި ބަހްރެއިން އިން ވަނީ ގަތަރާ އެކު އޮތް ޚާރިޖީ ގުޅުންތައް ކަނޑާލައި، އެގައުމަށް ކަނޑުންނާއި، އެއްގަމުންނާއި، ވައިގެ މަގުން ކުރާ ދަތުރުތައް ހުއްޓާލައިފަ އެވެ. އެގައުމުތަކުން ގަތަރާ ގުޅުން ކަނޑާލީ އެގައުމުން ޓެރަރިޒަމަށް ހަރަދު ކުރާ ކަމަށާއި، ސަރަހައްދީ ގޮތުން އެގައުމުތަކާ އެންމެ ވާދަވެރި އީރާނާ ގާތް ގުޅުންތައް ބާއްވާ ކަމަށް ބުނެ އެވެ.

comment ކޮމެންޓް