ޕެސިފިކަށް އައި ބާރުގަދަ ބިންހެލުމަކާ އެކު ސުނާމީގެ އިންޒާރު ދީފި

ނިއު ކެލަޑޯނިއާއަށް ވަނީ ބާރުގަދަ ބިންހެލުމެއް އައިސްފައި -- ފޮޓޯ: އޭޕީ

ޕެސިފިކް ކަނޑުގައި އޮންނަ ނިއު ކެލަޑޯނިއާއަށް 7.5 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން، އެ ސަރަހައްދަށް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދީފި އެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި އެބިންހެލުން އައީ ނިއު ކެލަޑޯނިއާގެ ރަށްތަކެއް ކަމަށްވާ ލޯޔަލްޓީ އައިލޭންޑްސްއާ 155 ކިލޯމީޓަރު ދުރުން، އެންމެ 10 ކިލޯމީޓަރު އަޑިއަށެވެ.

އެބިންހެލުމާ ގުޅިގެން ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވަނީ ނިއު ކެލަޑޯނިއާ އާއި އަވަށްޓެރި ވަނުއަޓޫއަށް އެއް މީޓަރާއި ތިން މީޓަރާ ދެމެދުގެ ސުނާމީ އަރާފާނެ އިންޒާރު ދީފަ އެވެ.

އަދި ނިއު ކެލަޑޯނިއާގެ އޮފިޝަލުން ވަނީ ގޮނޑުދޮށާ ކައިރީގައި ދިރިއުޅޭ މީހުން އެސަރަހައްދުން ދުރަށް ދިޔުމަށާއި، ކަނޑުގެ ލޮނުގަނޑަށް ވުރެ 12 މީޓަރު އުސް ސަރަހައްދަކަށް ދިޔުމަށް އަންގައިފަ އެވެ.

ނަމަވެސް އޭއެފްޕީގައިވާ ގޮތުން ނިއު ކެލަޑޯނިއާ އާއި ވަނުއަޓޫގެ ބައެއް ރައްޔިތުން ވަނީ ބިންހެލުމެއް އިހުސާސުވެފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި އެބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުކޮށްފައި ނުވެ އެވެ.

comment ކޮމެންޓް