އިނގިރޭސި ސަރުކާރުން ޕާލިމެންޓުގެ ހުރުމަތް ކެނޑި ކަމަށް ފާސްކޮށްފި

އިއްޔެ އިނގިރޭސި ޕާލިމެންޓުން ވަނީ، އެގައުމުގެ ސަރުކާރުން މަޖިލީހުގެ ހުރުމަތް ކެނޑި ކަމަށް ފާސްކޮށްފަ -- ފޮޓޯ: ޕީއޭ

ލަންޑަން (ޑިސެމްބަރު 5): އިނގިރޭސިވިލާތުގެ ސަރުކާރުން އެ ގައުމުގެ ޕާލިމެންޓުގެ ހުރުމަށް ކެނޑި ކަމަށް އެމަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ޕާލިމެންޓުގެ ތިރީގޭގައި އިއްޔެ ނެގި ވޯޓުގައި، ސަރުކާރުން މަޖިލީހުގެ ހުރުމަތް ކެނޑި ކަމަށް 311 މެމްބަރުން ވޯޓު ދެއްވި އެވެ. އެއާ ދެކޮޅަށް ވޯޓު ދެއްވީ 293 މެމްބަރުންނެވެ.

އެވޯޓު ނެގީ އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަކިވުމާ ބެހޭ ގޮތުން ހަދާފައިވާ އެއްބަސްވުމާ ގުޅިގެން، އެގައުމުގެ އެޓާނީ ޖެނެރަލް ޖެފްރީ ކޮކްސް މިނިސްޓަރުންނަށް ދެއްވި ގާނޫނީ ލަފާގެ ހުރިހާ ތަފްސީލެއް ސަރުކާރުން ހާމަ ނުކުރާތީ އެވެ.

އެއީ އިނގިރޭސި ސަރުކާރަކުން މަޖިލީހުގެ ހުރުމަތް ކެނޑިކަމަށް ފާސްކުރި ފުރަތަމަ ފަހަރެވެ.

އެވޯޓާ ގުޅިގެން ޕާލިމެންޓުގައި ހުންނަވާ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު އެންޑްރިއާ ލެޑްސަމް ވަނީ އެޓާނީ ޖެނެރަލް ދެއްވި ގާނޫނީ ލަފާގެ ތަފްސީލު މިއަދު ހާމަ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި އެ މައްސަލަ މަޖިލީހުގެ 'ޕްރިވިލެޖްސް ކޮމިޓީ'އަށް ހުށަހަޅައި، މަޖިލީހުގެ ހުރުމަތް ކަނޑާފައި ވަނީ ސަރުކާރުގެ ކޮން މިނިސްޓަރުންނެއް ކަމާއި، އެމިނިސްޓަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭތޯ ނިންމާނެ ކަމަށް ވެސް ލެޑްސަމް ވިދާޅުވި އެވެ.

އެވޯޓަށް ފަހު، ބޮޑުވަޒީރު ތެރީސާ މޭ ވަނީ އިނގިރޭސިން އީޔޫއިން ވަކިވުމާ ބެހޭ ގޮތުން ހަދާފައިވާ އެއްބަސްވުމާ ބެހޭ ގޮތުން ޕާލިމެންޓުގައި ކުރާ ބަހުސް ފައްޓަވާދެއްވައިފަ އެވެ.

އެ އެއްބަސްވުމަށް ރުހުން ދިނުމާ ބެހޭ ގޮތުން މިމަހުގެ 11 ވަނަ ދުވަހު ޕާލިމެންޓުގެ ތިރީގޭގައި ވޯޓެއް ނަގާނެ އެވެ.

comment ކޮމެންޓް