އަލީ ހަމީދުގެ މަައްޗަށް ކުރި ހުކުމް ހައިކޯޓުން ބާާތިލުކޮށްފި

ސުޕްރީމް ކޯޓުގެ ކުރީގެ ފަަނޑިޔާރު އަލީ ހަމީދު-- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން މިއަދު ބާތިލު ކޮށްފިއެވެ.

އަލީ ހަމީދު ޖަލަށް ލާން ހުކުމް ކުރީ އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން، ތަހުގީގަށް އޭނާގެ ފޯނު ދޭން ދެކޮޅު ހެދުމުން އޭނާއާ ދެކޮޅަށް ކުރި، އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.

އެ ހުކުމް އޭނާގެ ފަރާތުން ހައިކޯޓު އިސްތިއުނާފުކުރި އިރު، މިއަދު ވަނީ އެ މައްސަލައިގައި ހައިކޯޓުގެ ހުކުމް އިއްވާފައެވެ. ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކުރުމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 147 ވަނަ މާއްދާގެ (ހ) އާއި 149 ވަނަ މާއްދާ އާ ހިލާފަށް އެ މައްސަލައިގައި ހެކިބަސް ނަގާފައިވާ ކަމަށް އަލީ ހަމީދުގެ ފަރާތުން ބުނި ނުކުތާއާ ގުޅޭ ގޮތުން ހުކުމުގައި ބުނެފައި ވަނީ އަލީ ހަމީދާ ދެކޮޅަށް ހަތަރު ފަރާތެއްގެ ހެކިބަސް ނަގާފައިވާ އިރު އެ ހެކީންގެ ނަޒާހަތްތެރިކަން ކްރިމިނަލް ކޯޓުން ބަލާފައިވާކަން އެނގެން ނެތް ކަމަށެވެ.

ޖިނާއީ މައްސަލަތަކުގައި، ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް ފަހު ޝަރީއަތް ފެށުމާ ދެމެދު 30 ދުވަހުގެ މުއްދަތެއް ދިނުން އިޖުރާއަތުގެ ގާނޫނުގެ 118 ވަނަ މާއްދާއިން ލާޒިމުކުރާ އިރު އެ ފުރުސަތު އަލީ ހަމީދަށް ދީފައި ނުވާކަމަށް ބުނާ ނުކުތާއެއްވެސް އޭނާގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

އެ ނުކުތާއާ ގުޅިގެން ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުން އެ މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ އިޖުރާއަތުގެ ގާނޫނުގެ 118 ވަނަ މާއްދާގެ ބޭނުން ހާސިލުނުވާ ގޮތަށް ކަމަށް ބަލަން ޖެހޭ ކަމަށެވެ.

ކްރިމިނަލް ކޯޓުން އަލީ ހަމީދުގެ މައްސަލަ ބެލި އިރު އޭނާގެ ވަކީލުން މައްސަލައިން ތަނާޒުލުވުމުންވެސް، ވަކީލުން އަލުން ނަގަން ފުރުސަތު ނުދީ އަޑުއެހުންތައް ބާއްވާފައި ވެއެވެ. އަދި އޭނާގެ ވަކީލެއް ހާޒިރުގައި ނެތް އިރު މައްސަލައިގައި ހެކިބަސްވެސް ނަގާފައި ވެއެވެ. އެހެންކަމުން އަލީ ހަމީދުގެ މައްސަލަ ކުރިއަށް ގެންދިޔައީ، ކުށުން ދިފާއުވުމަށް އެކަށީގެންވާ ވަސީލަތްތައް ނުދީ އަދި ގާނޫނީ ވަކީލުންގެ އެހީތެރިކަން ނުލިބޭ ގޮތަށް ކަމަށް ބުނެ އަލީ ހަމީދުގެ ފަރާތުން ހުށަހެޅި ނުކުތާއާ ގުޅިގެން ހުކުމުގައި ބުނެފައި ވަނީ އެ މައްްސަލަ ކުރިއަށް ގެންގޮސްފައި ވަނީ އަލީ ހަމީދަށް ކުށުން ދިފާއުވުމަށް އެކަށީގެންވާ ވަސީލަތް ދީގެން ކަމަށް ބެލެވެން ނެތް ކަމަށެވެ.

ތަހުގީގަށް ފޯނު ނުދިން މައްސަލައިގައި އަލީ ހަމީދުގެ މައްޗަށް ދައުވާ ކުރީ ގާނޫނުލްއުގޫބާތުގެ 530 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަމްބަރާ ރިއާޔަތްކޮށެވެ. ހުކުމުގައި ބުނެފައި ވަނީ، މީހަކު ގެންގުޅޭ ފޯނެއް ގެއްލިގެން، ނުވަތަ ފެންނަން ނެތިގެން ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން އެމީހަކު ގެންގުޅޭ ފޯނެއް ދެވެން ނެތުމަކީ ގާނޫނުލްއުގޫބާތުގެ 530 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަމްބަރުގައި ބުނާފަދަ ކުށެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ.

އަދި އަލީ ހަމީދުގެ ފޯނުގައި ހެކި ހުރި ކަމަށް ބުނެ ދައުވާކުރި ނަމަވެސް، އެހެން ބުނީ ކޮން ސަބަބަކާ ހުރެ ކަމެއް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށާއި އެކަން ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާން ބޭނުންވާ ވަރަށް ހެކި ވެސް ދައުލަތަށް ހުށަހެޅިފައި ނުވާކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުން އަލީ ހަމީދުގެ މައްޗަށް ކުރި ހުކުމުގައި ވަނީ އޭނާގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދައާއި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ބާތިލުކޮށްފައެވެ. އެހެން ނަމަވެސް މިއަދު ހައިކޯޓުގެ ހުކުމުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމުގެ އެ ބައި ވެސް ބާތިލުކޮށްފައެވެ.

ތަހުގީގަށް ފޯނު ނުދިން މައްސަލައިގައި ކުރީގެ ރައީސް މައުމޫނާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށްވެސް އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާކުރިއެވެ. އެ ތިން ބޭފުޅުންގެ މައްސަލަ ބަލައި، ތިން ބޭފުޅުންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ކުރި ހުކުމުގައި ރައީސް މައުމޫންގެ ބައިވެސް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މީގެ ކުރިން ވަނީ ބާތިލުކޮށްފައެވެ.

comment ކޮމެންޓް