ބެލޮންޑިއޯ ލިސްޓްގެ ފަސްވަނައިގައި މެސީ ހިމެނުމުން ކޯޗު ހިތްހަމަނުޖެހުން ފާޅުކޮށްފި

މެސީ އަދި އޭނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ---

ބެލޮންޑިއޯ ލިސްޓްގެ ފަސްވަނައިގައި، ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އޮތުމަކީ ގޯހެއްކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

ބާސާގެ ކޯޗު އާނެސްޓޯ ބުނީ ލިސްޓުގެ ފަސްވަނައިގައި މެސީ ހިމެނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި އަދި އެއީ ގަބޫލުކުރަން ބޭނުންވާ ކަމެއްވެސް ނޫންކަމަށެވެ.

"މޮޑްރިޗަށް ބެލޮންޑިއޯ ލިބުމުން މަރުހަބާ ކިޔަން. އެކަމަކު މެސީ ފަސްވަނައިގައި ހިމެނުމަކީ އުންމީދުވެސް ކުރިކަމެއް ނޫން. އެއީ ބޮޑު ޖޯކެއް. އެވޯޑުގެ ސައްހަކަމާމެދު އެއްޗެއް ނުބުނާނަން،" ކޯޗު ބުންޏެވެ.

މިއީ 2006 ވަނަ އަހަރަށްފަހު މެސީ ބެލޮންޑިއޯ ލިސްޓްގެ ގަދަ ތިނަކުން ޖާގަ ނުލިބުނު ފުރަތަމަ ފަހަރެވެ. މެސީ ވަނީ މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ބެލޮންޑިއޯ އެވޯޑް ހާސިލްކޮށްފައެވެ. އޭނާ ވަނީ ބާސާއާއެކު 34 ގޯލް ޖަހައި ލަލީގާ އަދި ކޮޕާ ޑެލްރޭ އުފުލާލައިފައެވެ.

comment ކޮމެންޓް