ރައީސް ނަޝީދު މައްޗަންގޮޅީ މެދުދާއިރާ އަށް ވާދަކުރައްވަން ނިންމަވައި ކެމްޕޭން ފައްޓަވައިފި

އެމްޑީޕީއިން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި ކެމްޕެއިން ފައްޓަވައިފި އެވެ.

ނަޝީދު ވާދަކުރައްވަނީ މައްޗަންގޮޅީ މެދު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގަ އެވެ. މި ދާއިރަގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ދެން އިއުލާނުކޮށްފައި ވަނީ އެމްޑީޕީގެ މެންބަރު އާއިޝަތު އަލައިކާ އަދުނާނެވެ.

ނަޝީދުގެ ކެމްޕެއިން އިއުލާނު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އާއި ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވި އެވެ.

މައްޗަންގޮޅީ ދެކުނު ދާއިރާ އަކީ އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި އަލަށް އުފެއްދި ދާއިރާއެކެވެ. މަޖިލީހުގައި ހިމެނޭ 87 ދާއިރާ އަށް ވާދަކުރަން އެމްޑީޕީ އިން ވަނީ ނިންމައިފަ އެވެ.

ނަޝީދު ވަނީ މީގެކުރިންވެސް މަޖިލީހުގެ މެންބަރުކަން ކުރައްވައިފައެވެ. 1999 ވަނަ އަހަރު ބޭއްވި އާންމު އިންތިހާބުގައި މާލޭގެ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ނަޝީދު ވަނީ ކާމިޔާބު ކުރައްވައިފައެވެ. ނަމަވެސް ވައްކަމުގެ މައްސަލައެއް ސާބިތުވެ 2001 ވަނަ އަހަރު އެ ގޮނޑި ގެއްލުނީއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައިވެސް އެމްޑީޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި ފުތަރަމަ ނިކުންނަވަން ނިންމެވީ ނަޝީދެވެ. ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވީ ނަޝީދު އެކަންޏެވެ. ނަމަވެސް އެމަނިކުފާނު އޭރު 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާނީ ޝަރުތު ހަމަނުވާކަމަށް ވަނީ ކަނޑައަޅައިފައެވެ.

ނަޝީދު ވިދާޅުވީ މަޖިލީހަށް ވާދަކުރައްވަނީ 13 އަހަރުގެ ޖަލުހުކުމް ސުޕްރީމު ކޯޓުން ބާތިލް ކުރުމުންނެވެ. މީގެ ކުރިން އެކިފަހަރު މަތިން ނޫސްވެރިން ސުވާލުކުރުމުން ނަޝީދު ވިދާޅުވެފައިވަނީ މަޖިލީސް އިންތިހާބުގައި ވާދަކުރެއްވުމާގުޅޭގޮތުންް އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.

comment ކޮމެންޓް