ސިޓީ ކައުންސިލުތަކަށް ބާރުދޭން ކެބިނެޓުން ނިންމައިފި

މިއަދު ބޭއްވެވި ކެބިނެޓު ބައްދަލުވުން -- ފޮޓޯ: ރައީސް އޮފީސް

ސިޓީ ކައުންސިލުތަކަށް ބާރުދޭން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

ރައީސް އޮފީހުން ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތައް ވަޒީރުންގެ މަޖިލީހުން މިއަދު އަލުން ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މިއަދު ބޭއްވި ކެބިނެޓު ބައްދަލުުވުމުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ ސަރުކާރުގެ ވުޒާރާތަކަށް ބަދަލުކުރައްވާފައިވާ، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ހިދުމަތްތައް، އަލުން ސިޓީ ކައުންސިލުތަކަށް ބަދަލުކުރުމުގައި، އެ ވުޒާރާއަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދިއުމަށެވެ.

މިއާއެކު އަލުން ސިޓީ ކައުންސިލަށް ބަދަލުކުރުމަށް ނިންމެވި ބާރުތަކުގެ ތެރޭގައި، އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި، ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި، އެ ސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމާއި، ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުމާއި، ރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުން ފަދަ ކަންކަން ބެލެހެއްތުންވެސް ވަނީ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް