އަމީރު އަހުމަދު މަގާއި މެދުޒިޔާރަތް މަގު އަލުން ހުޅުވުމަކީ އެންމެ ރަނގަޅުގޮތްބާ؟

އިސްލާމީ މަރުކަޒު ކައިރިން އަމީރު އަހްމަދު މަގު ހުޅުވަލުމުގެ ގޮތުން އެސަރަހައްދުގައި ޖަހާފައިވާ މާބްލްތައް ތަޅާލުމުގެ މަސައްކަތް ކުރިއަށްދަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މީހުންނާއި ދުއްވާތަކެތިން ތޮއްޖެހިފައިވާ މާލޭގައި ހަމަޖެހިގެން ހިނގާލާނެ ތަންކޮޅެއް ހޯދުމަކީ އުނދަގޫ ކަމެކެވެ. ކޮށިކޮށީގައި ބަންދުވެފައި ތިބޭ ދޫނިތަކެއްހެން މާލޭގެ ގޭގޭގައި މީހުން ދިރިއުޅޭއިރު މިނިވަންކަމާއެކު ބޭރަށް ނިކުމެ އުޅެލާނެ ފުރުސަތެއް މާލޭގައި ދިރިއުޅޭ މީހުންނަކަށް ނެތެވެ. ހިތްހަމަ ޖައްސާލަން މަޑުކޮށްލާނެ ތަންކޮޅެއް، ކުޑަކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާނެ ތަންކޮޅެއް މި ފަހަކާ ޖެހެންދެންވެސް މާލޭގައި ނެތެވެ.

ނަމަވެސް ކުރީގެ ސަރުކާރުން ވަނީ މާލޭގެ ބައެއް ސަރަހައްދުތައް ހިތްގައިމު ތަންތަނަށް ބަދަލުކޮށް ކުޑަކުދިންނާއި އާއިލާގެ މީހުން އުފާރެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ ތަންތަނަށް ބަދަލުކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަ ކުރެވެނީ އިސްލާމީ މަރުކަޒު މައިދާނުގެ ގޮތުގައި މެދުޒިޔާރަތް މަގުން ތަރައްގީކުރި ސަރަހައްދެވެ.

މާބުލް ޖަހައިގެން ތަރައްގީކުރި އެ ސަރަހައްދަކީ ހިނގާފައި އުޅޭ ސަރަހައްދެއްގެ ގޮތުގައި ހަމަޖައްސައި ދުއްވާ ތަކެއްޗަށް އެމަގު ބަންދުކުރިއެވެ. އެއާ ޖެހިގެން އޮތް އަމީރު އަހުމަދު މަގުންބައެއްވެސް ދުައްވާތަކެއްޗަށް ނުވަދެވޭގޮތަށް ބަންދުކޮށް، ޖުމްހޫރީ މައިދާނާ ގުޅުވާލައިގެން ހިތްފަސޭހަކޮށްލަން މަޑުކޮށްލާނެ ސަރަހަައްދެއްގެ ގޮތުގައި ހަމަޖެއްސިއެވެ.

އިސްލާމީ މަރުކަޒު ސަރަހައްދުގައި މާބުލް ޖަހާފައި --- ފޮޓޯ/ ޓްވިޓާ

މި ނިންމުމާމެދު އެންމެ ހިތްހަމަ ނުޖެހުނު އެއްބަޔަކީ ޓެކްސީ ޑްރައިވަރުންނެވެ. ޑްރައިވަރުންގެ ދަތުރު ދިގުވާ ވާހަކައާއި ޓްރެފިކްގެ މައްސަލައިގެ ޝަކުވާ ބޮޑުކުރިއެވެ. މިދެމަގު އަލުން ހުޅުވާލުމަށް ޓެކްސީ ޑްރައިވަރުން ވަނީ އަލަށް އުފެދުނު ސަރުކާރުގައި އެދިފައެވެ. ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހާސިލްކުރަން ނިންމާފައިވާ ކަންތަކުގެ ތެރޭގައި މާލޭގެ މަގުތަކުގެ މުޅި ޓްރެފިކް ފްލޯ އެނަލައިޒްކޮށް ގެންނަން ޖެހޭ ބަދަލު ގެނެސް، ހުޅުވަން ޖެހޭ މަގުތައް ހުޅުވަން ވަނީ ނިންމައިފައެވެ.

އަމީރު އަހުމަދު މަގުގެ ބަންދުކޮށްފައިވާ ސަރަހައްދު ވެހިކަލްތަކަށް ހުޅުވާލަން ނިންމައި އެސަރަހައްދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ސަރުކާރުން ވަނީ ފަށައިފައެވެ. އިސްލާމީ މަރުކަޒާ އިންވެގެން އޮންނަ އެ މަގުގައި ޖަހާފައިވާ މާބުލްތައް ނެގުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މަގު ހުޅުވާލެވޭނެކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ ބުނެފައެވެ. އަދި އެ މަސައްކަތް ނިމުމާއެކު މެދުޒިޔާރަތްމަގުގެ މާބުލްޖެހި ސަރަހައްދަށް ބަދަލުގެނެސް ހުޅުވާލަން ވަނީ ނިންމައިފައެވެ.

ސަރުކާރުގެ މި ނިންމުމާގުޅިގެން އާންމުންގެ ގިބަ ފަރާތްތަކުން ދަނީ ހިތްހަމަ ނުޖެހުންވެސް ފާޅުކުރަމުންނެވެ. އަދި ގިނަ އަދަދެއްގެ ސްކޫލްތަކެއް ހިމެނޭ ސަރަހައްދަކަށް މިތަން ވުމާއި، ދީނީ އަދި އިޖްތިމާއީ ތަފާތު ބޭނުންތަކަށްވެސް ޚާއްސަކުރެވޭ ގޮތަށް ތަރައްގީކޮށްފައިވާ، މާލޭގައި މިވަގުތު އޮތް އެންމެ ހިތްފަސޭހަ އެއް ސަރަހައްދު، މަދުބައެއްގެ އެދުމަށް "ތަޅާސުންނާފަތިކޮށްލާތީ" ގިނަބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

އިސްލާމީ މަރުކަޒުގެ ހަރިންމައަށް ވާ ސަރަހައްދު މެދުޒިޔާރަތް މަގުގައި މާބުލް ޖަހާފައި -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މެދުޒިޔާރަތްމަގުގެ ބަންދުކޮށްފައިވާ ސަރަހައްދަކީ ރަސްރަނި ބަގީޗާއަށް ވަދެ ނިކުތުމަށް ގިނަ އަދަދެއްގެ ކުޑަކުދިންވެސް ބޭނުންކޮށް ހަދާ މަގަކަށް ވާއިރު އެ މަގަކީ އެކުދިންނަށް "ރައްކާތެރި" މަގެއްގެ ގޮތުގައި ސިފަކުރެވެއެވެ. އެއްވެސް ދުއްވާއެއްޗެއްގެ އުނދަގުލެއް ނުޖެހި އާއިލާތަކާއެކު ހިނގާލާފައި ދެވޭ އެ މަގު ޓްރެފިކަށް ހުޅުވާލުމަކީ އެންމެ ރަނގަޅު ގޮތަށް ވެދާނެ ހެއްޔެވެ؟

ރަސްރަނި ބަގީޗާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑަކީ އާންމުކޮށްވެސް ދެދަރިން ގޮވައިގެން ރަސްރަނި ޕާކަށް ދާ މީހެއް. ލިލީމަގަކީ ކާރޫ ބާރު ބޮޑު މަގެއް. ޕާކަށް ދާއިރު މަގުހުރަސް ނުކުރެވި ހުންނަން އެބަޖެހޭ އެމަގުންދާނަމަ އެތައް އިރަކު. އެކަމަކު މެދުޒިޔާރަތް މަގުގައި މާބުލް ޖެހި ސަރަހައްދުގައި އެބައޮތް ކުދިން އުފަލާއެކު ދުވެ ހަދާނެ ތަންވެސް. އެތަން އަލުން ދުއްވާތަކެއްޗަށް ހުޅުވާލުމަކީ އެންމެ ރަނގަޅު ގޮތެއްނޫން،" ދެކުދިންގެ މަންމައަކު ބުންޏެވެ.

މިއީ އާންމުކޮށް އެސަރަހައްދަށް ކުދިންނާއެކު ގޮސްހަދާ މައިންބަފައިންނާއި ބެލެނިވެރިންގެވެސް އިހުސާސްތަކެވެ. ރަސްރަނި ބަގީޗާގެ އެ ސަރަހައްދަކީ މާބޮޑަށް ބަންދުނުކޮށް އޮންނަ ސަރަހައްދަކަށް ވާއިރު ޓްރެފިކަށް މަގު ހުޅުވާލުމަކީ އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމެއްވެސް މެއެވެ.

މީގެ އިތުރުން އިސްލާމީ މަރުކަޒު މައިދާނުގެ ނަމުގައި ތަރައްގީކޮށްފައިވާ އެ ސަރަހައްދަކީ ދީނީ ދަރުސްތަކާއި ދީނީ އެކި ކަންތަކުގައި މިހާރު ބޭނުންކުރަމުންދާ ސަރަހައްދެކެވެ. އެފަދަ ކަންތަކަށް މާލޭގައި ބޮޑު "އޯޕަން ސްޕޭސް" އެއް ނެތްއިރު އެ ސަރަހައްދު "ގެއްލުވާލުމަކީ" އެންމެ ރަނގަޅު ގޮތްކަމުގައި ވެދާނެތޯއެވެ؟

ޓްވިޓާގައި މިކަމާ ގުޅޭގޮތުން ހިޔާލުފާޅުކުރި މީހަކު ބުނެފައިވަނީ މަގުތައް ހުޅުވާލަން ނިންމުމަކީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށެވެ. މަގު ބަންދުނުކޮށް ޓްރެފިކް މެނޭޖުކުރެވޭނެ ގޮތްތައް ހުންނާނެ ކަމަށް ހުސައިން ސަލްމާނުގެ ނަމުގައި ޓްވީޓުކުރި މީހަކު ބުނެފައިވެއެވެ.

އަމީރުއަހުމަދު މަގުން ބަންދުކޮށްފައިވާ ސަރަހައްދު ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މީގެ އިތުރުން އަމީރު އަހުމަދު މަގު އަލުން ހުޅުވާލި ނަމަވެސް މެދުޒިޔާރަތްމަގު މިހާރު އޮތްގޮތަށް ބޭއްވުމަކީ އެންމެ ރަނގަޅުގޮތްކަމަށް ނުންތުގެ ނަމުގައި ޓްވީޓުކުރި މީހަކު ބުނެފައިވެއެވެ. އޭނާގެ ޓްވީޓުގައި ބުނެފައިވަނީ އިސްލާމީ މަރުކަޒާއި ރަސްރަނި ބަގީޗާ އާއި ދެމެދު އޮންނަ ސަރަހައްދަކީ ކުޑަކުދިންނަށް މިނިވަންކަމާއެކު ދުވެ ކުޅެވޭނެ ގޮތަށް އޮތް ސަރަހައްދެއް ކަމަށާއި އެތަން އެގޮތަށް ބޭއްވުމަކީ އެންމެ ރަނގަޅުގޮތް ކަމަށެވެ.

މީގެ އިތުރުން އެ ސަރަހައްދަކީ ސަލާމަތީ ބާރުތަކުގެ ހެޑްކުއާޓަރުތައް ހުންނަ ސަރަހައްދަށްވާތީ އެ ސަރަހައްދު މިހާރު އޮތްގޮތަށް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ބުނެ މީހަކު ހިޔާލު ފާޅުކޮށްފައިވެއެވެ. މެދުޒިޔާރަތްމަގާއި އަމީރު އަހުމަދު މަގުން ބަންދުކޮށްފައިވާ ސަރަހައްދު އެގޮތަށް އޮތުމުން މުޖުތަމައަށް ކުރާ ފައިދާ ބޮޑު ކަމަށާއި އެއީ ބަޔަކަށް އުނދަގުލަކަށް ވުމަށްވުރެ ފަސޭހައަކަށް ހަދާފައި އޮތްތަނެއްކަމަށް ބުނެ އެހެން މީހަކު ވަނީ ހިޔާލު ފާޅުކޮށްފައެވެ.

"ސަން" ގެ ހަބަރަށް މީހަކު ކުރި ކޮމެންޓެއްގައި ބުނެފައިވަނީ މަގު ހުޅުވަނީ ސަރުކާރުން ވީ ވައުދެއް ފުއްދަން ކަމަށްވާނަމަ، މިއަށްވުރެ ޒިންމާދާރު ސަރުކާރެއް ބޭނުން ކަމަށެވެ. ސަރުކާރު ބަދަލުވިޔަސް ކުރީ ސަރުކާރުން ކޮށްފައި ހުންނަ ކަންތައް ބަދަލުކުރަން ނުޖެހޭކަމަށްވެސް މީހަކު ކޮމެންޓުކޮށްފައި ވެއެވެ.

އިސްލާމީ މަރުކަޒުގެ ގޯތި ތެރެއާއެކު، އެތަނާ ގުޅިފައިވާ ބައެއް މަގުތައް ހިމެނޭހެން 4200 އަކަ މީޓަރުގެ ސަރަޙައްދެއްގައި މާބުލް ޖަހާފައިވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބުނު 1.2 މިލިއަން ޑޮލަރާއެކު، ދައުލަތުގެ ބަޖެޓުން 5 މިލިއަން ރުފިޔާ ޚަރަދުކޮށްނެވެ. ބޮޑު އެއްޗެއް ހަރަދުކޮށްގެން ތަރައްގީކުރި އެ ސަރަހައްދު މަދުބަޔެއްގެ ހިތްހަމަ ނުޖެހުމުގެ ސަބަބުން ތަޅާލާ، ބޮޑު ހަރަދެއްކޮށް، އިސްރާފު ކުރުމަކީ އިންސާފުވެރި ނިންމުމަކަށް ވެދާނެތޯއެވެ؟

ޓްރެފިކްގެ ސަބަބުން ނުތަނަވަސްކަން ލިބެނީ ހަމައެކަނި ހަތަރުފުރޮޅީ ދުއްވާތަކެތީގައި އުޅޭ މީހުންނަކަށް ނޫނެވެ. ހިނގާފައި އުޅޭ މީހުންނަށާއި ކުޑަކުދިންނަށް އަދި ދޮށީއުމުރުގެ މީހުންނަށްވެސް މިއީ ތަކުލީފެކެވެ. ކުޑަކުދިންނާއި ބޮޑެތިމީހުން، އާއިލާތައް އެކި އުމުރުގެ މީހުންނަށް ބޮޑު ފަސޭހައެއް ގެނެސްދިން ހިތްފަސޭހަ ސަރަހައްދެއް ޓްރެފިކަށް ހުޅުވާލުމުގެ ކުރިން އެކަމާ ގުޅޭގޮތުން އާންމުންގެ ހިޔާލަށް ހުޅުވާލުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ.

މިކަމާ ގުޅޭގޮތުން، ސަރުކާރުން އިތުރަށް ވިސްނައި، ހަގީގަތުގައިވެސް މީގެ އެންމެ ރަނގަޅުގޮތް އިހްތިޔާރުކުރުމަކީ، ރައްޔިތުންގެ ވިންދާއި އިހްސާސް ސަރުކާރުން ބަލައިގަންނަކަމުގެ ހެއްކެއްގެ ގޮތުގައި ވެގެންދާނެއެވެ. ކަންކަން ރަނގަޅުކުރަންވާނެއެވެ. އެކަމަކު އެކަންކަން ވާންޖެހޭނީ މަދުބަޔެއްގެ ހިތްހަމަ ޖެހުމަށް ކޮށްލާ ކަމަކަށްވުރެ، މުޅި މުޖްތަމައަށް އޭގެ ފައިދާކުރާނެ ރަނގަޅު ބަދަލުތަކަކަށެވެ.

comment ކޮމެންޓް