ބޮސް، ޔޫސުފް އަދި 4426ގެ ޓިކެޓް ވިއްކަން ފަށައިފި

ބޮސް، ޔޫސުފް އަދި 4426 އެނބުރި އޮލިމްޕަހަށް---

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ، އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ ކާމިޔާބު ތިން ފިލްމު ބޮސް، ޔޫސުފް އަދި 4426ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

ނަހޫ ބުނީ ޓިކެޓް ވިއްކާނީ އޮލިމްޕަހުން ކަމަށާއި ޓިކެޓް ބުކް ނުކުރެވޭނެ ކަމަށެވެ. ޓިކެޓް ވިއްކުން ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން 12 އަށް، މެންދުރު 14:00ން 18:00 އަށް އަދި ރޭގަނޑު 20:00 ން 22:00 އަށް ކުރިއަށްދާނެ ކަމަށެވެ.

ފިލްމުގެ ޓިކެޓް ވިއްކުން ބާރަށް ކުރިއަށްދާ ކަމަށާއި ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑު ކަމަށް ނަހޫ ބުންޏެވެ.

މިހާތަނަށް ބޮސް އަދި 4426ގެ ތިން ފަހަރެއްގެ މަތިން ވަނީ ދައްކައިފަ އެވެ. އެއިން ކޮންމެ ފަހަރަކު ވެސް ޝޯތައް ދައްކަނީ ގާތްގަނޑަކަށް ހައުސްފުލްކޮށެވެ.

ފިލްމު އަޅުވަން ގަސްތުކުރީ އަތޮޅުތެރޭ ގިނަ ބަޔަކު މާލެ އަންނަ ދަނޑިވަޅާ ދިމާކޮށްކަމަށާއި އެ މީހުންނަށް ފިލްމު ބަލާލުމުގެ ފުރުސަތުދިނުމަށް ކަމަށެވެ. އަދި ފިލްމު ބަލާލުމުގެ ފުރުސަތު ނުލިބިފައިވާ މީހުންނަށް ފުރުސަތު ދިނުމަށް ކަމަށް ނަހޫ ބުންޏެވެ.

ޕިކްލް ރެސްޓޯރަންޓުގެ އޮފާ---

"ސަން" އާ ވާހަކަ ދައްކަމުން އިތުރަށް ނަހޫ ބުނީ ފިލްމުގެ ޓިކެޓްބުރި ހިފައިގެން މާލޭ ގްރޭންޑް ޓާޓާ ފްލެޓްތެރޭ، ނިކަގަސްމަގުގައި ހުންނަ "ޕިކްލް" ރެސްޓޯރަންޓަށް ދިޔުމުން މެންދުރު ކެއުމުގެ 30 ޕަސެންޓް ޑިސްކައުންޓް ލިބޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ މެންދުރު 12:00 އިން ރޭގަނޑު 19:00ގެ ނިޔަލަށެވެ.

މުޅިން ވެސް ލޯބީގެ އަސަރުގަދަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ނަހުލާގެ "4426" އަކީ އޭނާ ޑައިރެކްޓްކުރި ފުރަތަމަ ބިރުވެރި ފިލްމެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ ޑިމާންޑިން އެއް ބަތަލާ މަރިޔަމް އައްޒަ ލީޑު ރޯލުން ފެނިގެންދާ އެ ފިލްމަކީ ގެއެއްގެ ތެރޭގައި ބަންދުވެ، ބަޔަކަށް ދިމާވާ ރޫހާނީ ކަންތައްތަކެއް ދައްކައިދޭ ބިރުވެރި ފިލްމެކެވެ.

އައްޒަގެ އިތުރުން ފިލްމުގައި ޖުމައްޔިލް ނިމާލް، މުޙައްމަދު ޖުމައިހުގެ އިތުރުން މަޝްހޫރު އަދި ތަޖުރިބާކާރު ތަރިންގެ ތެރޭގައި ހިމެނޭ ޔޫސުފް ޝަފީއު، ޝީލާ ނަޖީބު، ފަދަ ތަރިން ހިމެނެ އެވެ.

ބޮސް އަކީ ނަހުލާގެ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް، އާއިޝަތު ރިޝްމީ ޑައިރެކްޓް ކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ. އައްޒަ ލީޑު ރޯލުން ފެނިގެންދާ ބޮސްގައި ހަރަކާތްތެރިވެފައި ވަނީ ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވި ބަތަލު މުހައްމަދު ޔުނާން އެވެ. ފާތިމަތު އާޒިފާ، އިބްރާހިމް ޖިހާދު، އަލީ އާޒިމް، އަލީ ޝަމީލްވެސް ބޮސްއިން ފެނިގެން ދިޔަ އެވެ.

ނަހޫގެ "ޔޫސުފް" އަކީ ރާއްޖޭގެ ރެކޯޑް އަދަދަކަށް މީހުން ބަލާފައިވާ ފިލްމެކެވެ. މާލޭގެ ސްރީނުގައި އެ ފިލްމުގެ 50 ޝޯއެއް ވަނީ ދައްކައިފަ އެވެ. އެ ފިލްމަކީ މަންމަން މީހެއްގެ ދިރިއުޅުން ދައްކުވައިދޭ ލޯބީގެ އަސަރުގަދަ ފިލްމެކެވެ. ފިލްމުގެ ލީޑް ރޯލުން ފެނިގެންދިޔައީ ނިއުމާ މުހައްމަދު އަދި ޔޫސުފް ޝަފީއު އެވެ.

comment ކޮމެންޓް