އިސްލާމިކް ޝެފްސް ކަޕްގައި ދިވެހި ޝެފުން ތިންވަނައަށް!

އިސްލާމިކް ޝެފްސް ކަޕްގައި ދިވެހި ދެ ޝެފުން: ދިވެހި ދެ ޝެފުންނަށް މުބާރާތުން ތިންވަނަ ލިބުނު --- ފޮޓޯ/ ސީޖީއެމް

ތުރުކީގެ އިސްތަންބޫލްގައި ކުރިއަށް ދިޔަ ހަވަނަ އޯއައިސީ ހަލާލް އެކްސްޕޯގެ ހަވާސާގައި ބޭއްވި ކެއްކުމުގެ މުބާރާތުގައި ބައިވެރިވި ދިވެހި ޝެފުންގެ ޓީމުން ފަހުރުވެރި ތިންވަނަ ހޯދައިފިއެވެ.

އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހަލާލް އެކްސްޕޯއަކީ އެކި ދާއިރާތަކުގެ ހަލާލް އުފެއްދުންތައް މާކެޓުކުރުމަށް ކޮންމެ އަހަރަކުވެސް އިސްލާމީ ގައުމުތަކުން ބައިވެރިވާ މައުރަޒެކެވެ.

މި މައުރަޒުގެ ހަވާސާގައި "އިސްލާމިކް ޝެފްސް ކަޕް"ގެ ނަމުގައި ކެއްކުމުގެ މުބާރާތެއް ކުރިއަށް ގެންދިޔަ އިރު، އެ މުބާރާތުގައި ދިވެހި ޝެފުންގެ ޖަމިއްޔާ، ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް)ގެ ފަރާތުން ދެ ޝެފުން ބައިވެރިވިއެވެ. އެއީ ޝެފް އިބްރާހިމް ނާތިފްއާއި ޝެފް މުހައްމަދު އާދިލްއެވެ.

އިސްލާމިކް ޝެފްސް ކަޕްގައި ދިވެހި ދެ ޝެފުން: ދިވެހި ދެ ޝެފުންނަށް މުބާރާތުން ތިންވަނަ ލިބުނު --- ފޮޓޯ/ ސީޖީއެމް

ޝެފް ނާތިފް "ސަން"އަށް ބުނީ އެ މުބާރާތުގައި ދިވެހި ދެ ޝެފުން ބައިވެރިވީ، "ބްލެކް ބޮކްސް" ޗެލެންޖުގައި ކަމަށެވެ.

"މިސްޓްރީ އައިޓެމްތަކެއް ހުންނަނީ. އަޅުގަނޑުމެންނަށް ކުރިއާލައެއް ނޭނގެ ކޯއްޗެއް ކަމެއް ހުންނާނީ. އިންތިޒާމުކުރާ ފަރާތުން ޗޫޒްކޮށްފައި ދޭ ލިމިޓެޑް އައިޓެމްތަކެއް އެއީ. އޭގެން ކްރިއޭޓިވް ޑިޝްތަކެއް ހަދަންޖެހުނީ،" ނާތިފް ބުންޏެވެ.

ލިބުނު އިންގްރީޑިއެންޓްތަކާއެކު ދިވެހި ޝެފުންގެ ޓީމުން ވަނީ ވަރަށް ފުރިހަމަ ސްޓާޓާއަކާއި، މެއިން ކޯސްއެއްގެ އިތުރުން ދެ ޑެޒާޓް ޑިޝް ހަދާފައެވެ.

އޯއައިސީ ހަލާލް އެކްސްޕޯގައި ބައިވެރިވި 18 ގައުމުގެ ތެރެއިން 12 ގައުމަކުން މި ޗެލެންޖުގައި ބައިވެރިވި އިރު، ދިވެހިރާއްޖޭގެ ޓީމަށް ލިބުނީ ތިންވަނައެވެ. އެއްވަނަ ލިބުނީ އުޒްބެކިސްތާނަށެވެ. އަދި ދެވަނަ ލިބުނީ އަޒަރުބައިޖާނަށެވެ.

ދެ ޝެފުން މިއަދު މެންދުރު މާލެ އައި އިރު، ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ ޝެފް ނާތިފް އަދި ޝެފް އާދިލްއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔާފައެވެ.

އިސްލާމިކް ޝެފްސް ކަޕްގައި ދިވެހި ދެ ޝެފުން މިއަދު މާލެ އައުމުން އެއާޕޯޓުން މަރުހަބާ ކިޔަނީ --- ފޮޓޯ/ ސީޖީއެމް

ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް)ގެ ރައީސާ މަރިޔަމް ނޫރައްދީން (މަރީ) ވަނީ ދިވެހި ޝެފުންގެ ޓީމުން ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވިއެވެ.

މަރީ ވިދާޅުވީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުން މުބާރާތުގައި ބައިވެރިވީ ވޯލްޑް އިސްލާމިކް ޝެފް ސޮސައިޓީ (ވިކްސް)ގެ ދައުވަތެއްގެ ދަށުން ކަމަށެވެ. އަދި ދެ ޝެފުން މުބާރާތުގައި ބައިވެރިވުމަށް ދަތުރުކުރީ އަމިއްލަ ހަރަދުގައިކަން މަރީ ފާހަގަކުރެެއްވިއެވެ.

މަރީ ވިދާޅުވީ ބައިނަލްއަގުވާމީ ކަލިނަރީ މުބާރާތްތަކުގައި ބައިވެރިވާ ދިވެހި ޝެފުން އާންމުކޮށް އެނބުރި ރާއްޖެ އަންނަނީ ފަޚުރުވެރި ކާމިޔާބީތަކާ އެކުގައި ކަމަށެވެ.

"އަޅުގަނޑު ގޮވަލަން ރިސޯޓު މެނޭޖްމެންޓުތަކުން މިފަދަ ހުނަރުވެރި ޝެފުންނަށް ފުރުސަތުތައް ފަހިކޮށްދޭން. އަދި ރާއްޖޭގެ އާ ސަރުކާރާއި ޓޫރިޒަމް މިނިސްޓްރީންވެސް ޝެފުންގެ ކުރިއެރުމަށް އެއްބާރުލުން ދޭނެކަމަށް އުންމީދުކުރަން،" މަރިޔަމް ނޫރައްދީން ވިދާޅުވިއެވެ.

comment ކޮމެންޓް