"40 ޕްލަސް"ގެ ޓްރެއިލާ ގިނަ ބަޔަކަށް ކަމުގޮސްފި

"40 ޕްލަސް"ގެ ޕޯސްޓަރެއް...

ކުޅަދާނަ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ޕްރޮޑިއުސްކޮށް ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ "40 ޕްލަސް"ގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ފިލްމުގެ ޓީމުން ބުނެފިއެވެ.

"ސަން" އާ ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު ޝަފީގު ބުނީ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލިތާ ހަފްތާއެއްގެ ތެރޭގައި 11،000 އަށް ވުރެ ގިނަ މީހުން އެ ޓްރެއިލާ ބަލާފައިވާ ކަމަށެވެ.

"ބޫސްޓު ނުކޮށް ޓްރެއިލާ ބޭންދީ، ވަރަށް ގިނަ ބަޔަކު ޓްރެއިލާ ބަލައިފި، މީހުންގެ ޕޮޒިޓިވް ކޮމެންޓްސް ގިނައިން ލިބެނީ،" ޝަފީގު ބުންޏެވެ.

ޝީލާ 40+ ގެ ޝޫޓިން ގައި --- ފޮޓޯ: 40+ ޓީމް

ޝަފީގު ބުނީ، ފިލްމަށް އިންތިޒާރުކުރާ ކަމަށް ވަރަށް ގިނަ ބަޔަކު ބުނަމުން އަންނަ ކަމަށާއި މިދިޔަ އަހަރު ގެނެސްދިން "ނޯޓީ 40" އަށް ލިބިގެންދިޔަ ވަރުގެ ބޮޑު ތަރުހީބެއް "40 ޕްލަސް" އަށް ވެސް ލިބޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"40 ޕްލަސް" އަކީ "ނޯޓީ 40" ގެ ސީކުއެލްއެކެވެ.

ހެއްވާ މަޖާ އަދި ބިރުވެރި އެތައް މަންޒަރެއް "40 ޕްލަސް" ގެ ޓްރެއިލާއިން ފެންނަ އިރު އެ ފިލްމު ވާނީ ރާއްޖޭގެ ސިނަމާތަކަށް އަންނާނެ ފުރަތަމަ ބިރުވެރި މަޖާ ފީޗާ ފިލްމަށެވެ.

ތ. ބުރުނީގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ "40 ޕްލަސް" ޕްރޮމޯޓް ކުރަނީ ހޭޝްޓެގް "ދަ ބިގެސްޓް މޫވީ އޮފް ދަ 2019" ގެ ގޮތުގައެވެ.

ޔޫއްޕެގެ އަމިއްލަ ސްލްރީންޕްލޭއަކަށް ހަދާފައިވާ އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ 27 ގައެވެ.

"40 ޕްލަސް" ގައި މެއިން ކާސްޓުންގެ ގޮތުގައި ފެންނާނީ ނޯޓީ ފޯޓީގެވެސް ލީޑުން ފެނިގެން ދިޔަ، ޔޫއްޕެ، އަހްމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަން އެވެ.

ކުޅަދާނަ ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ މަރިޔަމް ޝިފާ، އާނަންދު، މަރިޔަމް ޝަކީލާ އަދި އަލަށް ތައާރަފްވާ ބަތަލާ އިރްފާނާ އިބްރާހީމް ފަދަ ތަރިންގެ އެކްޓިންވެސް އެ ފިލްމުން ފެންނާނެއެވެ.

comment ކޮމެންޓް