މާފަރު އަތުން ހޮޅުދުއަށް ތަފާތު ބޮޑު މޮޅެއް

ސިޔާމް-މައުރޫފް ސޮކަރ ކަޕް 2018ގައި މާފަރާއި ހޮޅުދޫ ބައްދަލުކުރި މެޗުގެ ތެރޭން-- ފޮޓޯ: އެސްއެމްއެސްސީ

ސިޔާމް-މައުރޫފް ސޮކަރ ކަޕް 2018ގެ ގްރޫޕް "ބީ"ގައި އިއްޔެ ހަވީރު، މާފަރާއި މާފަރު ފުޓްބޯލް ކްލަބާ ވާދަކޮށް 4-1ގެ ނަތީޖާއަކުން ހޮޅުދޫ ފުޓްބޯލް ކްލަބު މޮޅުވެއްޖެއެވެ.

ނ. ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 11 ވަނަ މިނިޓްގައި މާފަރުގެ އަފްރާހު މުހައްމަދު ޖަހައިދިން ލަނޑުން އެޓީމުން މެޗުގެ ލީޑު ނެގިއެވެ. ނަމަވެސް 15 ވަނަ މިނިޓްގައި ހޮޅުދޫ ޓީމުގެ މުޙައްމަދު ފާރިޝް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް، ހޮޅުދޫން ވަނީ ކައިރިކައިރީގައި އިތުރު ދެ ލަނޑު ކާމިޔާބުކޮށް ނަތީޖާ ފުޅާކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހޮޅުދޫގެ ދެވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ފާރިޝްއެވެ. އަދި އޭގެ މިނިޓެއް ފަހުން އެޓީމުގެ ތިން ވަނަ ލަނޑު ޖަހައިދިނީ މޫސާ އިބްރާހީމްއެވެ.

ދެވަނަ ހާފް ފަށައިގެންވެސް ރަނގަޅަށް ކުޅެމުން އަދި ހޮޅުދޫން އިތުރަށް ލީޑު ފުޅާކުރީ މެޗުގެ 64 ވަނަ މިނިޓްގައެވެ. އެޓީމުގެ ފަހު ލަނޑު ޖަހައިދިނީ މޫސާ މުސްފިގެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ، ހޮޅުދޫ ޓީމަށް ދެ ލަނޑު ޖަހައިދިން ފާރިޝްއެވެ.

comment ކޮމެންޓް