އެއްލާލައިފައި އޮތް ކުއްޖާގެ ހާލު ރަނގަޅު: ހޮސްޕިޓަލް

ގދ. ވާދޫ --

ގދ. ވާދޫގައި މީހަކު އަމިއްލައަށް ފާހާނާގައި ވިހެއުމަށް ފަހު ބާލިދީ ތެރެއަށް ލާފައި އޮތް ކުއްޖާގެ ހާލު ރަނގަޅު ކަމަށް ތިނަދޫ ހޮސްޕިޓަލުން ބުނެފި އެވެ.

ވާދޫ ސިއްހީ މަރުކަޒުގައި ދެމައިންނަށް ފަރުވާ ދިނުމަށް ފަހު އެދެމައިން ވަނީ ރޭ ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި، އާމިނަތު އަބްދުލް ހަކީމް "ސަން"އަށް ވިދާޅުވީ ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށާއި އެ ކުއްޖާގެ ބޭރުފުށުން ވެސް އަދި އެތެރެފުށުން ވެސް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

"ބޭބީ ވެސް މަންމަ ވެސް ރަނގަޅު. ނޯމަލް ކުއްޖަކަށް ފަރުވާދޭ އުސޫލުން ފަރުވާދެނީ. ކޮންމެ ކުއްޖަކު ވެސް އުފަންވާތާ 48 ގަޑިއިރު ވަންދެން އެޑިމިޓްކޮށްގެން ބަލާނެ. ހަމައެގޮތަށް ކަންތައް މިކުރަނީ،"

ރޭ ހިނގި އެ ހާދިސާ އާ ގުޅޭ ގޮތުން ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ތަހުގީގު ކުރިއަށްދާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ކުއްޖާ ބާލިދީއަށް ލާފައި އޮއްވައި ފެނިފައި ވަނީ ރޭ 7:10 އެހާކަންހާއިރު އެވެ.

ޖެންޑާ މިނިސްޓްރީ އިން ބުނީ އެ މިނިސްޓްރީން އެ މައްސަލަ ބަލަމުން ދާ ކަމަށެވެ.

"ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ކުއްޖާގެ އާއިލާ އާއި ކަމާ ބެހޭ ދައުލަތުގެ އިދާރާތައް ގުޅިގެން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުން،" ޖެންޑާ މިނިސްޓްރީއިން ރޭ ނެރުނު ބަޔާނުގައި ބުންޏެވެ.

އަންހެން މީހާއަކީ މިހާރު މީހަކާ އިނދެގެން އުޅޭ މީހެއް ނޫނެވެ. ނަމަވެސް ކުރިން މީހަކާ އިނދެގެން ތިން ކުދިން ތިބޭ ކަމަށް ވެ އެވެ.

comment ކޮމެންޓް