ބްރެކްސިޓްގެ އެއްބަސްވުން ޔޫރަޕުން ގަބޫލުކުރުމަކީ ދެފަރާތަށްވެސް ލިބުނު ކާމިޔާބީއެއް

ތެރީސާ މޭ އާއި ޔޫރަޕިޔައން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓުސްކު

އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުން (ބްރެކްސިޓް)ގެ އެއްބަސްވުން ޔޫރަޕްގެ ލީޑަރުން އިއްޔެވަނީ ގަބޫލުކުރައްވައިފައެވެ. މިއާއެކު އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވުމާބެހޭގޮތުން ޔޫރަޕްގެ އިއްތިޙާދުން ނިންމަންޖެހޭ އެންމެ ބޮޑު ސިޔާސީ ނިންމުން މިވަނީ ނިންމާފައެވެ.

ބްރެކްސިޓްގެ އެއްބަސްވުމާއެކު ޔޫރަޕްގެ ލީޑަރުންވަނީ އެއާގުޅިފައިވާ "ސިޔާސީ ޑެކްލަރޭޝަން" ވެސް ގަބޫލުކުރައްވައިފައެވެ. މި ޑެކްލަރޭޝަން އަކީ ބްރެކްސިޓް އަށްފަހު ޔޫރަޕްގެ އިއްތިޙާދާއި އިނގިރޭސިވިލާތާ ދެމެދު މުސްތަގްބަލްގައި އޮންނަންޖެހޭ ގުޅުންތައް ބައްޓަންކުރާނެ ގޮތާ އަދި އެ ގުޅުންތައް ދަމަހައްޓާނެ ގޮތުގެ ތަފްސީލެވެ. މިދެ ޑޮކިއުމެންޓް ޔޫރަޕްގެ ލީޑަރުން ގަބޫލުކުރެއްވުމުން ދެފަރާތަށްވެސް ވަނީ ހިތްހަމަޖެހުން ލިބިފައެވެ. މިއީ ހަގީގަތަށް ބަލާއިރު ދެފަރާތަށްވެސް ލިބުނު ބޮޑު ކާމިޔާބީ އެކެވެ.

ބްރެކްސިޓްގެ އެއްބަސްވުމަކީ އިނގިރޭސި ސަރުކާރުން ވަރަށް ހިތްހަމަޖެހޭގޮތަށް އެކުލަވާލާފައިވާ އަދި ބްރެކްސިޓްގެ މާލީ އަދި އިގްތިސާދީ ބުރަ އިނގިރޭސިވިލާތަށް އެންމެ ކުޑަވާގޮތަށް އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމުން މިއެއްބަސްވުމާމެދު އިނގިރޭސި ސަރުކާރު ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. މިއީ އިނގިރޭސި ޕާލަމެންޓްގެ ދަށުގެ ކަމަށްވާ ހައުސް އޮފް ކޮމަންސްއިން މި އެއެއްބަސްވުމަށް ރުހުން ހޯދަން ފަސޭހަވެގެންދާނެ ކަމެކެވެ.

ބްރެކްސިޓްގެ އެއްބަސްވުން ތަންފީޒުކޮށް އެއާ އެއްގޮތަށް އިނގިރޭސި ސަރުކާރަށް އަމަލު ކުރެވޭނީ އިނގިރޭސި ޕާލަމެންޓްގައި ހިމެނޭ ހައުސް އޮފް ކޮމަންސްއިން އެ އެއްބަސްވުމަށް ރުހުން ދިނުމުންނެވެ. ދެން އޮންނާނީ މިމަރްހަލާއެވެ. ހައުސް އޮފް ކޮމަންސްގެ ބައެއް މެންބަރުން ބްރެކްސިޓް އާ ދެކޮޅަށް ވާހަކަ ދައްކަވަމުން ގެންދަވާއިރު ބްރެކްސިޓްގެ އެއްބަސްވުމަށް ހައުސްގެ އަޣްލަބިއްޔަތު ހޯދުމަކީ ތެރީސާ މޭގެ ސަރުކާރަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. މިކަމަށްޓަކައި މިއެއްބަސްވުން އިނގިރޭސި މުޖްތަމައުގައި ޕްރޮމޯޓްކޮށް "މާކެޓް" ކުރުމުގެ ބައްދަލުވުންތަކެއް ބާއްވަންޖެހޭ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. މިކަމަށްޓަކައި އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވަނީ އެގައުމުގެ ބައެއް ސަރަހައްދުތަކަށް ޒިޔާރަތް ކުރެއްވުމަށް ނިންމަވާފައެވެ.

ބްރެކްސިޓްގެ އެއްބަސްވުން ޔޫރަޕްގެ ލީޑަރުން ގަބޫލުކުރެއްވުމުން ޔޫރަޕިޔަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓުސްކު ވަނީ އެއީ ތާރީޚީ ނިންމުމެއް ކަމަށް ސިފަކުރައްވައި އެކަމަށް މަރްހަބާ ވިދާޅުވެފައެވެ. އަދި އެއީ ދެފަރާތުންކުރެ ކޮންމެ ފަރާތަކުންވެސް އަނެއް ފަރާތަށް ހެވާއި ލާބައަށް އެދޭކަމާއި މައްސަލަ ޖައްސައި މައްސަލަ ދިގުދަންމަން ބޭނުންނުވާކަން ހާމަވެގެންދިޔަ ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ. މިއީ މިއެއްބަސްވުމަށް ޔޫރަޕްގެ ރުހުން އޮތްކަމުގެ ހެއްކެކެވެ.

ޖިބްރޯލްޓާގެ މިނިވަންކަމުގެ މައްސަލައިގައި އިނގިރޭސިވިލާތާމެދު ހިތްހަމަ ނުޖެހޭކަން ސްޕޭނުން ކުރިން ހާމަކޮށްފައިވާތީ ބްރެކްސިޓްގެ އެއްބަސްވުމަށް ސްޕޭނުން ހުރަސްއަޅާނެކަމަށް ބެލެވުނު ނަމަވެސް އިއްޔެ ބްރަސަލްސްގައި ބޭއްވި ޔޫރަޕްގެ 27 ލީޑަރުންގެ ސަމިޓްގައި ސްޕޭންގެ ބޮޑުވަޒީރު އެގޮތަށް އަމަލުކޮށްފައެއް ނުވެއެވެ. ބްރެކްސިޓް ގެ އެއްބަސްވުން އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސުން ތަސްދީގުކުރުމާއެކު އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ. އަދި ޔޫރަޕާ ވަކިން ދުނިޔޭގެ އެހެން ގައުމުތަކާއެކު ވިޔަފާރީގެ މުއާމަލާތްތަކާއި ތަފާތު އިގްތިސާދީ މުއާމަލާތްތައް ކުރުމަށް އިނގިރޭސިވިލާތް އަވަސްވެގަންނާނެއެވެ. އެހެން ނޫންނަމަ ބްރެކްސިޓްގެ ސަބަބުން ކުރިމަތިވާ ހުސްކަން ފޫބެއްދުމަށް އިނގިރޭސިވިލާތަށް ވަރަށް ބޮޑަށް އުނދަނގޫވެގެންދާނެއެވެ.

މިކަން ވަރަށް ވަރުގަދައަށް ނުގެންދެވިއްޖަނަމަ އިގްތިސާދީ ހީނަރު ކަމަކާ އިނގިރޭސިވިލާތް ކުރިމަތިލާންޖެހިދާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.

comment ކޮމެންޓް