ކުދި ކޮޓަރިތަކުގައި ރަށްރަށުގެ ކުދިން ގަނަތެޅެނީ!

މާލޭގެ ގެޔެއްގައި ކުދިން ބަހައްޓާ ކޮޓަރިއެއް...

އުޅެ ބޮޑުވި ރަށްް ދޫކޮށް ގިނަ ޒުވާން ކުދިން މާލެއަށް ހިޖުރަކުރަނީ ރަނގަޅު ފެންވަރަކަށް ތައުލީމު ހާސިލުކުރުމަށެވެ. ނުވަތަ ވަޒީފާއެއް އަދާކުރުމަށެވެ. ކިޔަވަމުން ވަޒީފާއަށް ދަނީ ދިރިއުޅުމުގެ އެހެންކަންތައް ހަމަޖެއްސުމަށް އާއިލާއަށް ބުރައަކަށް ނުވުމަށެވެ.

މިފަދައިން މާލެއައިސް ގިނަ ކުދިން ފައިބާ ތިބެނީ "ކުދިން ބަހައްޓާ" ކޮންމެވެސް ގެއެއްގައެވެ. މަހު ކުއްޔަށް ކޮންމެވެސް އެއްޗެއް ދީގެން، ކެއުމާއި އެއްޗެހިދޮވުން ފަދަ ކަންތައް ކޮށްދޭނެކަމަށް ބުނާ ގޭގޭގައެވެ. އެކަމަކު ގިނަ ފަހަރު އައިސް ވަންނަން ޖެހެނީ ކުޑަގޮޅިއެއް ކަހަލަ ތަނަކަށެވެ. މަތިމައްޗަށް އަށެއްކަ ކުދިން އެއް ކޮޓަރީގައެވެ. ކޮޓަރިތައް ތަނަވަސްވެފައި ފުރިހަމައީ މިފަދަ މަދު ގޭގޭގައެވެ.

މީގެ ކުރިން ދައްކަނީ މާލޭ މީހުން، "ރާއްޖެތެރޭ ނިކަމެތީން"ނާ ދޭތެރޭ އިހާނެތިކޮށް ކަންކަން ކުރާ ވާހަކައެވެ. ގެއަށް ފައިބައި ތިބޭ ކުދިންނާ ދޭތެރޭ ކަންކުރާ އިހާނެތި ގޮތުގެ ވާހަކައެވެ.

ނަމަވެސް މިހާރު ކަން ބަދަލުވެ، ރަށްރަށުގެ ކުދިން މާލޭގައި ބައިތިއްބާކަމަށް ބުނެ ޖަހާ ގިނަ މީހުންނަކީ އާއިލާއާއެކު މާލެ ބަދަލުވެ، ކުލީ އެޕާޓްމެންޓުތަކުގައި އުޅޭ މީހުންނެވެ. އެޕާޓްމެންޓުން ދޭއް ނުވަތަ އެއް ކޮޓަރީގައި ކުދިން ބައިތިއްބާ، ގެއަށް ބޭނުންވާ ހަރަދުތައް ހަމަޖެއްސޭވަރަށް ފައިސާ ނަގައެވެ.

މަހު ކުލީގެ ގޮތުގައި 2،500 ނުވަތަ 3،000 ރުފިޔާ ދޭންޖެހިދާނެއެވެ. ގިނަ ކުދިން އުޅެނީ އެނޫން އިތުރު ގޮތެއް ނެތިގެންނެވެ.

މާލޭގެ ގެޔެއްގައި ކުދިން ބަހައްޓާ ކޮޓަރިއެއް...

"އަހަރެން މާލެ އައިސް އައިބޭއިން ތަނެއް ހޯދީ، އޭރު ކޮޓަރީގައި އުޅެނީ ހަތަރު ފިރިހެން ކުދިން، ހަމަ ވަރަށް ކުޑަ ކޮޓަރިއެއް އެއީ، އޭސީއެއް ނުހުރޭ، ފާހާނަވެސް ސާފުކުރަނީ ވަގުތުވީ ވަރަކުން އަހަރެން، ދެން އެގޭ ބޮޑު މީހާ އޭގެ ދެ ތިން މަސް ފަހުން ތިން ގޮދަނޑި ގަނެފަ އިތުރަށް ތިން ކުދިން ގެނެސްފި، އަހަރުންނަށް ބުނެވޭނެ އިތުރު އެއްޗެއް ނޯންނާނެދޯ. ފާހާނައަށް ވެސް ހެނދުނު ގަޑީ ކިޔުހަދަން ޖެހެނީ، ބައެއް ގަޑި ތަކުގަ ހޫނު ވެގެން ދާހިތްލާފޯވާވަރުވޭ، އަތުން ދައްކަން އެބަޖެހޭ 3000 ރުފިޔާ،" ކުދިން ބަހައްޓާ ކޮޓަރިއެއްގައި ވަރަށް ދަތިކޮށް އުޅުނު ކުއްޖަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.

ކޮޓަރީގައި ޖާގަ ނެތްވަރުންވެސް އެއް ކޮޓަރީގައި އެތައް ބައިވަރު ކުދިންނެއް ބޭތިއްބުމަކީ ކިހާދަތިކަމަކަށް ވާނެ ހެއްޔެވެ؟ ސިއްހީ ގޮތުން ބެލިނަމަވެސް އެއީ ގިނަ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އެގޮތަށް ތިބޭ ކުދިންގެ ކޮޓަރީގެ ސާފު ތާހިރުކަން ކުޑަކަމުގެ ވާހަކައަކީ އަބަދު އިވޭ އަޑެކެވެ.

އެގޮތަށް ކުއްޔަށް ތިބޭ ކޮޓަރިތަކުގައި ހިފައިގެންގުޅެން ކުއްޔަށް ދޭ މީހާ ބަހައްޓަފައި ހުންނައެއްޗެއް ހަލާކުވެ މަރާމާތު ކުރަން ޖެހުނަސް ކުއްޔަށް ދިން ފަރާތުން އެކަމާ މާބޮޑު އަޅާލުމެއް ނުބަހައްޓައެވެ.

"ވަޒީފާއަށް ދާން މާލެ އައީ، ދެން ކުދިން ބަހައްޓާ ތަނަކަށް ގޮސް އުޅެން ފެށީ، ލައްކަ ތަންތަނަށް ދެވިއްޖެ، އަދި ދެވުނު ހުރިހާ ގެޔެއްގަވެސް އެހާލު، އަހަރުން އަތުން ބޮޑު އެއްޗެއް ނަގާފަ އާދައިގެ ކެއުމެއް ކޮންމެ ގަޑިއަކު، އެގޭ މީހުން ފެންވަރުގެ ކެއުން ގަނޑު ކައްކައިގެން ކާތަން ފެނޭ. ދެން ކޮޓަރިވެސް ސާފު ނުކޮށްދޭ، ބެޑްޝީޓް ވެސް އަހަރެން ނަގަނީ މާ ގިނަ ދުވަސްވާތީ. ފާހާނާ ވެސް އޮންނަނީ ނުލާހިކު ހަޑިކޮށް. އަހަރެން ގަބޫލުކުރާ ގޮތުގައި ރުފިޔާ ދީގެން ހުންނަ އިރު އެކަހަލަ ކަންކަން ޖެހޭނެ ރަނގަޅުވާން،" މިއީ އެހެން ކުއްޖެއްގެ ތަޖުރިބާއެކެވެ.

މާލޭގެ ގެޔެއްގައި ކުދިން ބަހައްޓާ ކޮޓަރިއެއް...

ވަޒީފާގައި ނުވަތަ ކިޔެވުމުގައި ބުރަކޮށް އުޅެމުން ގެއަށް އައިސް ރަނގަޅު ކާއެއްޗެއް ކާލަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ.

"އައިބޭގަ ކުދިން ބަހައްޓަމޭ ބުނާއިރު ހުންނާނެ ޖަހާފައި، ކާއެއްޗެއްސަށް އިތުރު އެއްޗެއް ނުނަގާނަމޭ. އެއްޗެހި ދޮވެ އިސްތިރިކޮށްދެމޭ، މިނަރަލް ވޯޓާއޭ، އެކަމަކު އުޅެން ފެށީމަ އިނގެނީ އެތަނެއްގެ ގޮތް،" މިވެސް ކުއްޔަށް އުޅުނު ކުއްޖަކު ބުނި ވާހަކައެކެވެ.

ގިނަ ކުދިން ކުއްޔަށް އުޅުނަސް ހިތްހަމައެއް ނުޖެހެއެވެ. އިތުރު ގޮތެއް ނެތުމުން ކެތްތެރި ވެގެން އުޅެނީއެވެ. ކުދި ކޮޓަރި ތަކުގައި ކުދިން ހަމަ ގަނަތެޅެނީއެވެ.

މާލޭގައި ބޮޑު އަގުދީގެން ކުއްޔަށް ނުތިބެވޭ މީހުން ތަންކޮޅެއް ކުޑަ ކުއްޔަކަށް ކުޑަ ކޮޓަރިއެއްގައި އުޅޭއިރު، ކުއްޔަށް ދޭ މީހުންވެސް ވިސްނަންޖެހޭނެ ކަންތައްތަކެއް ހުންނާނެއެވެ. އަގެއް ނަގައިގެން ބަޔަކަށް ހިދުމަތެއް ދޭން ބުނާނަމަ އެ ހިދުމަތް ދޭން އެއްބަސްވެފައި އޮންނަ ގޮތަށް ދޭންޖެހެއެވެ. އެހެން ނޫންނަމަ އެ ނަގާ ފައިސާ އަކީ އެންމެ ރަނަގަޅު ގޮތުގައި ނަގާ ފައިސާއަށް ވާނެ ހެއްޔެވެ؟

comment ކޮމެންޓް