ހަރުދަނާ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ބޭނުންވޭ!

ގްރޭޓަރ މާލެ ބަސް ޓަރމިނަލް -- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ

މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަގުތައް ތޮއްޖެހުމުގެ މައްސަލައެވެ. މަގުތަކަށް ނުކަތާވަރަށް ވެހިކަލްތައް ގިނަވެ ހިނގާމީހުންނަށާ، ދުއްވާ އެއްޗިއްސަށް ދަތިވާހިސާބަށް ކަންތައް މިވަނީ ގޮސްފައެވެ.

މަގުތަކުގައި ދުއްވާތަކެތި ގިނަވުމުގެ ޝަކުވާއަކީ މިހާރު އާކަމަކަށް ނުވިނަމަވެސް މިކަމަށް ހައްލެއް ގެނެވިދާނެ ގޮތެއް އެބައޮތެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި އޮންނަ ގޮތަށް ހަރުދަނާ ޕަބްލިކް ޓްރާންސްޕޯޓުގެ ނިޒާމެއް ގާއިމް ކުރުމަކީ މާލެ ސަރަހައްދަށް މިހާރު ކޮންމެހެން ބޭނުންވެފައިވާ ކަމެކެވެ.

މީގެއަހަރުތަކެއް ކުރިން މާލޭގައި ބަހުގެ ހިދުމަތް ދިންއިރު އެކަމަށް ފުދޭވަރެއްގެ ތަރުހީބެއް ލިބުނެވެ. ނަމަވެސް އެކަން ހުއްޓާލަން ޖެހުނީއެވެ. މާލޭގައި ބަހުގެ ހިދުމަތް ނުދިންކަމުގައި ވިޔަސް ހުޅުމާލޭގައި ބަހުގެ ހިދުމަތަށް ބަރޯސާވާ އެތައް ބަޔަކު އެބަތިއްބެވެ. ސިނަމާލެ ބްރިޖާއެކު ބްރިޖުމަތިންވެސް ބަހުގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. ނަމަވެސް އެންމެ އެކަށޭނަ ގޮތުގައި މި ހިދުމަތް ފޯރުކޮށްދޭތޯ، މިއީ އުފެދޭ ސުވާލެކެވެ. ވަކި ޝެޑިއުލަކަށް ބަރޯސާވެ ބަހުގެ ހިދުމަތް ދެމުންދާއިރު، ޕީކް ގަޑިތަކުގައި ނުވަތަ މީހުން ގިނަ ވަގުތުތަކުގައި ފްރިކުއެންޓް ހިދުމަތް ނުދޭ ވާހަކައަކީ ކުރެވޭ ޝަކުވާއެވެ.

ގްރޭޓަރ މާލެ ބަސް ޓަރމިނަލް -- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ

އެކަމާ ގުޅޭގޮތުން ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތްދޭ ކުންފުނިތަކުން ބުނަނީ މިހާރު ހިދުމަތްދޭގޮތް ބަދަލު ކުރަން އަދި ވިސްނާފައި ނެތް ކަމަށެވެ. ސަރުކާރު ބަދަލުވެ، ކުންފުނިތަކުގެ އިސްވެރިން އަދި ނެތުމުން އެފަދަ ނިންމުންތައް ނުނިންމިފައި އޮތްކަމަށް ކުންފުނިތަކުން ބުނެއެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން ހުޅުމާލޭ އެތެރޭގައި ދަތުރުކުރާ އިންޓަކަނެކްޝަން ބަހަށް ޑިމާން އެބައޮތް ކަން. މިހާރު ދަތުރުތައް މި ބާއްވަނީ ކޮންމެ 30 މިނެޓަކުން. އެއަށްވުރެ ދަތުރު އަވަސް ކޮޮށް، އިތުރުކުރަން ބަލާއިރު މިހާރު އަޅުގަނޑުމެން އަތުގައި އެހާވަރަށް ފެސިލިޓީ އެއް ނެތް،" ހުޅުމާލޭގެ އެތެރޭގައި އަދި ހުޅުމާލެ އިން ހުޅުލެ އަށް ބަހުގެ ހިދުމަތްދޭ އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގެންނަންޖެހޭ ބަދަލުތަކުގެ މަޝްވަރާ ކުރެވުނު ނަމަވެސް އެސެޓު ނެތުމަކީ އޮތް ގޮންޖެހުމެއް ކަމަށެވެ.

އެމްޓީސީސީ އިން ދަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ބަހާއި ހަމައަށް އިންޓަސިޓީ ބަހުގެ ހިދުމަތުގެ އިތުރުން ފެރީއިން ދަތުރުކުރާ މީހުންނަށްވެސް ހުޅުމާލެ ތެރޭގައި ބަހުގެ ހިދުމަތް ދެމުންނެވެ. ބްރިޖު ހުޅުވުމަށްފަހު ފެރީއަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް އެމްޓީސީސީ އިން ބުނެއެވެ.

ބްރިޖާއެކު އެންމެ ބޮޑު ޑިމާންޑެއް އޮތީ އެމްޕީއެލްއިން ހުޅުމާލެއާއި މާލެއާ ދެމެދު ދެމުންދާ ބަހުގެ ހިދުމަތަށެވެ. އެ ހިދުމަތް ފެށުމަށް އެމްޕީއެލްއިން ވަނީ ސަތޭކަ މިލިއަން ޑޮލަރު އިންވެސްޓުކޮށްފައެވެ. ނުވަ ބަސް އެ ހިދުމަތަށް ގެނެސް ފަހުން ވަނީ ޑަބަލް ޑެކް ބަހެއްވެސް ހިދުމަތަށް ގެނެސްފައެވެ. އެކުންފުނިން ބްރިޖު މެދުވެރިކޮށް ދޭ ބަހުގެ ހިދުމަތަށް ޖުމްލަ 22 ބަހެއް ގެންނާނެ ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ. އެމްޕީއެލްގެ ބަހުގެ ހިދުމަތަށް މިވަގުތު އެއްވެސް ފީއެއް ނުނަގާއިރު މި ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް ސްކޫލު ބަންދުވުމުން ގިނަ އަދަދެއްގެ ބަޔަކު މާލެއައިސް މި ހިދުމަތުގެ ބޭނުން ކުރާކަން ފާހަގަކުރެވެއެވެ.

"ބަހުގެ ހިދުމަތް ފެށިފަހުން އަހަރެން ދަތުރުކުރަނީ ބަހުގައި. ޗުއްޓީ ތެރޭ މި ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރެވޭ. މިހާރު ހަވީރު ވަގުތު ހާއްސަކޮށް ވަރަށް މީހުންގިނަ. ދަތުރު ކުރެވެނީ ގަޑިއެއްހައި އިރު ކިޔުގައި ހުރެގެން،" އެމްޕީއެލް ބަހުގެ ހިދުމަތް ހޯދާ މީހަކު ބުންޏެވެ.

އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ ޑިމާންޑު އޮތްނަމަވެސް މިހާރު ދަތުރުކުރާ 20 މިނެޓުގެ ޝެޑިއުލަށް ބަދަލު ގެންނަން އަދި ވިސްނާފައި ނެތް ކަމަށެވެ. ހިދުމަތުގެ އަގު ނަގަން ފެށޭނެ ދުވަހެއްވެސް އަދި ނޭނގޭ ކަމަށާއި އެކަންކަމާ މަޝްވަރާކުރެވޭނީ ކުންފުންޏަށް ވެރިޔަކު އައްޔަނު ކުރުމުން ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

ހުޅުމާލެ މާލެ ބަސް ޓަރމިނަލް -- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ

ކުންފުނިތަކުގެ ވެރިން އައްޔަނުކޮށް ހިނގައިގަންނައިރު، ހިދުމަތް ހޯދާ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ މިހާރަށްވުރެ ހަރުދަނާކޮށް މި ހިދުމަތް ލިބުމެވެ.

"ބައެއްފަހަރު އެތައް އިރެއް އެބަދޭ ބަސް ނައިސް. ގުޅައިގެން ބަލަންޖެހޭ ފަހަރު އެބައާދޭ. ކޮންމެވެސް ކަމެއް ދިމާވެގެން ހިދުމަތް މެދުކަނޑާލާފައި އޮވެދާނެ، ނޫނީ ގަޑިއަށް ބަސް ނައިސްދާނެ. އަނެއްކާ އެތައް އިރަކު އިންތިޒާރުގައި ތިބެން އެބަޖެހޭ ޝެޑިއުލް އޮންނަ ގޮތަކުން،" ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ހޯދާ މީހަކު ބުންޏެވެ.

"ކާރުގައި މާލެއަށް ދެވޭވަރަށްވުރެ އަގުބޮޑު. 100 ރުފިޔާ ކޮޅަކަށް ދީގެން ކޮންމެ ދުވަހަކު ދަތުރުކުރާނީ ކިހިނެއް. ސައިކަލު ގެންގުޅުމަކީ ކޮންމެ މީހަކަށް ނުވެދާނެ ކަމެއް. ސަރުކާރުން އެބަޖެހޭ ޓެކްސީ އަަގުތައް ރެގިއުލޭޓު ކުރަން. ބޮޑުއަގު ނަގާނަމަ ފާޅުގައި އެކަމަށް ފިޔަވަޅު އަޅަން،"

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ޓެކްސީ ފީ ރެގިއުލޭޓު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންއަންނަ ކަމަށެވެ.

އެ މިނިސްޓްރީން މިހާރު ދަނީ މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ބަސްތައް މާލޭގެ އެކި ސަރަހައްދުތަކާއި ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި މަޑުކުރާނެ ސްޓޮޕްތައް ކަނޑައެޅުމަށް މަޝްވަރާ ކުރަމުންނެވެ. މީގެ އިތުރުން މާލެއަށް މިނީ ބަހުގެ ހިދުމަތް ތައާރަފު ކުރަންވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. މާލޭގައި މިނީބަހުގެ ހިދުމަތް ދޭން އެމްޕީއެލް އިންވެސް ވަނީ ކުރީ ސަރުކާރުގެ ދުވަސްވަރު ނިންމައިފައެވެ.

comment ކޮމެންޓް