"މިކާ އަޅާނުލާވަރުން ސީރިޔާއަށް ދާން އުޅުނީ. ނުދެވެންވެގެން ހުން އައީ. މިހާރު ވިސްނޭނެ. އެ އާއިދުގެ ސަބަބުން މިކާވެސް........." ޖޫސްތަށި މޭޒުމަތީ ބަހައްޓާފައި ތަބައް ނަގަން އުޅެނުކޮށް ސޯފާމަތީ އޮތް ފޯނު ފެނިގެން ސަޖަލްއަށް ގުޅަން ނިންމިއެވެ. މިކާލް ބަލިވެ އުޅެނިކޮށް އޮފީހަށް ދާކަށް ނުކެރޭނެއެވެ. ފޯނަށް ބަލާފައި ސިހިގެން ދިޔައީ ފަންސާހަކަށް މިސްކޯލު ހުރިތަންފެނިފައެވެ. ވައިބާ މެސެޖްތައް ކިޔާލުމުން ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އަތުން ފޯނު ދޫވެގެންގޮސް ރަގްމަތީ ޖެހުނެވެ.

"އޯ އެމް ޖީ......." ހަޔާތީއަށް ސޯފާއަށް ތިރިވެވުނުގޮތަށް ބޮލުގައި ދެއަތް އަޅާލެވިއްޖެއެވެ. އެޗްއެމް ވައިބާ ގްރޫޕްގައިވެސް އޮތީ އެ ވާހަކައެވެ. ލިންކުތަކެވެ. އެލްޑީޕީގެ އިސް މެމްބަރެއްކަމަށްވާ ޝައުން އަނިޔާވެރިކޮށް މަރާލާފައި އޮތް މަންޒަރު ހުރިހާ ނޫހެއްގެ ކުއްލި ޚަބަރުގައި އޮތެވެ. އަދި ރޭ މިއުޒިކް ޝޯއެއް ބާއްވަމުން ދަނިކޮށް ސްޓޭޖްގައި ކޮންމެވެސް އެއްޗެއް ގޮއްވައިލީއެވެ. ނަސީބަކުން އެކަކަށްވެސް މާ ބޮޑު އަނިޔާއެއް ނުލިބުނެވެ. އޭނަބޮލަށް އެނބުރުން އަރާ މޭ ނުބައިކޮށް ހޮޑުލެވެން އުޅުނީ ޝައުންގެ ފޮޓޯތައް ބަލާފައިއެވެ. އެފޮޓޯތަކަށް ނުބެލުނުނަމައޭ ހިތަށް އެރިއެވެ.

ހަޔާތީ މިކާލްއާއި އެ ކަންތައްތަކާ ގުޅުވަން ބޭނުން ނުވިޔަސް ރޭ މިކާލް އެގަޑީގައި ގޭގައި ނޫޅުމާއި ފަހުން ގެއަށް އައިސްފާ އަވަހަށް ހެދުންތައް ގެންގޮސް މެޝިނަށް ލުމާއި " މިރޭ އުފަލުން ނުވެސް ނިދިފާ" އެފްބީ ސްޓޭޓަސް ޖެހުމާއި ގުޅުވުނީ ކީއްވެކަމެއް ނޭގެއެވެ. ނޫނެކެވެ. މިކާލް އެހާ ރަހުމް ކުޑައެއް ނުވާނެއެވެ. އަމިއްލައަށް ގާނޫނު އަތަށް ލައިގެން ޝަރީއަތް ކޮށް މީހުން މަރާ މީހަކަށް މިކާލް ނުވާނެއެވެ. އޭނަގެ މިކާލްއަކީ ރަގަޅު އިންސާނެކެވެ. އާއިދުހެނެއް މިކާލް ނުވާނެއެވެ. ގެއިން ބޭރުގައި އެވަގުތު މިކާލް ނޫނަސް ކިތަންމެ ދިވެހިންނެއް އުޅޭނެއެވެ. މިކާލް ގެއިން ދިޔައިރު މޫނު ރަތްވެފައި ހުރީ އޭރުވެސް ހުމާ ފިހިފިހި ހުރީމައެވެ. މިކާލް އުޅުނީ ބަލިކޮށެވެ. ޑޮކްޓަރަށް ދައްކަން ދިޔައީ ނޫންކަމެއްވެސް ނޭގެއެވެ. މިކާލް ދޮރު މައްޗަށް އަރާފައި ބުނީ ކޮޓްންކެންޑީއަށް ކާންދިނުމަށެވެ. ހަޔާތީ އާއެކޭ ބުނެލަން އެނބުރި ބަލައިލިއިރު މިކާލް ދޮރު ލައްޕާލައިފިއެވެ.

ހަޔާތީ ގުޅީ ސަޖަލްއަށެވެ.

"މޯނިން. ސަޖް. ފޯނު ހުޅުވައިލީމަ ޝޮކެއް ލިބުނީ. ސޮރީ ފޯނު ނުނެގުނީމަ. މިކާލް ރޭއްސުރެން ބަލިވެގެން މިއުޅެނީ. ވަރުގަދަ ހުމެއް އައިސްގެން ނުވެސް ތެދުވެވޭ. އެހެންވެ މިއަދު އޮފީހަށް ނުވެސް ދެވޭނެ. ތަފްސީލު ލިބޭވަރަކުން އަންގައްޗޭ. ޝައުން މަރައިލި ބަޔެއް ފުލުހުންނަށް ނުހޯދޭތަ؟ އެނީ ކްލޫސް؟ " ހަޔާތީ އަހައިލިއިރު ހިތް ބާރުބާރަށް ތެޅެއެވެ.

"އެހިސާބު ކެމެރާތައްވެސް ހަލާކުވެފައޯ ހުރީ. ކަމަކާއި ދިމާވާއިރަށް ކެމެރާތައްވެސް ހަލާކުވޭ..." ސަޖަލް ބުނެލިއެވެ.

"ވަރަށް ހިތާމަވެރި ޚަބަރެއް. އަޅެ ޝައުން ފެމިލީ މީހުން ކިހާ ދެރަވާނެ..."

"ހީ ވޯޒް ދަ އޮންލީ ސަން..." ސަޖަލް ބުނެދިނެވެ.

"ހައްދުފަހަނަޅާފައިވާ މީހުންގެ ކަމަކަށް ނުވާނެތަ؟ " ހަޔާތީ ބަހެއް ނުބުނުމުން ސަޖަލް އަހައިލިއެވެ.

"ނޭގޭ. އައި ޑޯން ނޯ ވަޓް ޓު ސޭ..." ހަޔާތީ ފެންކަޅިވާގޮތްވިއެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލާފައި ފަހުން ގުޅާނެ ވާހަކަ ބުނެފައި ހަޔާތީ ފޯނު މޭޒުމަތީ ބޭއްވިއެވެ. އޭރުވެސް ހިތުގެ ތެޅުން މަޑެއްނުވެއެވެ. ހިތް ނުތަނަވަސްވެ އޮތް މަގާމުން ފުންމައިލަން އުޅޭފަދަ އިހުސާސެކެވެ. އެފްބީ ހުޅުވާލައިގެން އާއިދުގެ ޕްރޮފައިލް ހާވާލެވުނެވެ. މިހުރިހާދުވަސް ވަންދެން މަޑުމަޑުން ހުރި އާއިދު ސީރިޔާއަށް އެތެރެވުމާއިއެކު ނަން ބަދަލުވެ އަބޫ ޔޫޝާ އަލްމާލްދީފީ އަށް ވެއްޖެއެވެ. ޕްރޮފައިލްގައި އައިއެސްގެ ދިދައެވެ. ރައިފަލްތަކާއި ދީނީ ޝިއާރުތަކެވެ. ޖިހާދުގެ އާޔަތްތަކެވެ. ކުޑަކުދިން އައިއެސް ޓީޝާޓުގައި އެކުދިންގެ އިސްކޮޅަށްވުރެ ދިގު ރައިފަލްގައި ހިފާލާފައެވެ. އެންމެ ފާހަގަވީ އާއިދު މާސްކު އަޅައިގެން ހުރި ފޮޓޯގަނޑެވެ. އެދެލޯ ފެނުމުން ހިތަށް ބިރުވެރިކަން ވަދެ ގައިން ހީބިހި ހަލާވަރުވިއެވެ. ހަޔާތީއަށް އަމްރާންގެ ޕޭޖް ހުޅުވައިލެވުނީ އަމްރާން މިއަދުގެ މަރާއި ބެހޭގޮތުން ދެކޭގޮތް ދެނެގަތުމަށެވެ. ހީކުރިގޮތަށް ގާތް އެކުވެރިޔާ ޝައުން މަރާލުމުން އަމްރާން އޮތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެ އަނިޔާވެރި މަރުގެ ފަހަތުގައިވާ އެންމެން ހައްޔަރުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ. ޓްވިޓާގައިވެސް އަމްރާންގެ ޓްވީޓް ގިނަކަމާއިއެކު އެތައް ލައްކަބަޔަކު އޭނަ ފޮލޯ ކުރާތީ ހަސަދައިގެ ރާޅުބާންޏެއްވެސް ހިތުގައި ދަތުރުކޮށްލިއެވެ. މިކާލްއާއި އަޅާ ކިޔުނެވެ. އަމްރާންއާއި ބަލާއިއިރު މިކާލް ސޯޝަލްމީޑިއާގައި ސުމެކެވެ.

"މި ސެކިއުލާ އަމްރާންދެކެ ހާދަ ރުޅިއެއް އާދޭ. މިކަހަލަ ޕާޓީއެއް ވެރިކަމަށް އަތުވެއްޖެއްޔާ ރާއްޖެ މިއޮތްވަރަށްވެސް ހިފަހައްޓައެއްނުލާނެ. އަހަންނަކަށް ނޭގޭ ސެކިއުލާ ވިޔަސް މާ ބޮޑަށް ދީނީގޮތުން ހައްދު ފަހަނަޅާދިޔަސް އަހަންނަށް ކަމަކުނުދޭ. މޮޑެރޭޓްކޮށް އުޅެން އަހަރެން ބޭނުމީ. މިހާރު މިއޮތް ސަރުކާރަށް ތާއީދުކުރެވެނީ އެހެންވީމަ. ކިހާ ކޫލް. ލައިކް މީ. މޮޑެރޭޓް ސަރުކާރެއް އެންމެ ލައިކް ވެވެނީ. ލާހިކެއްނޫން މި އަމްރާން ގަނޑަށް ރާއްޖެ އަންނަން. އޭނަ ބޭނުންވާ ގޮތްތައް ފަތުރަން. އަހަރެމެންވެސް ދެކޮޅު މީހުންމެރުމާ. އެކަމަކު އަމްރާން ވިސްނާގޮތަކަށް ނޫން އަހަރެމެން ވިސްނަނީ. އޭނަ ބޭނުމީ ދީނީ މިނިވަންކަން ދީ އެލްޖީބީޓީ ކަހަލަ ކަންތައްތައް އޯކޭކުރަންޏާ އައިމް އެގެއިންސްޓް އިޓް. މާ ކެރޭ މީހަކަށްވެގެން އުޅޭއިރު ޓީވީއަށް އަރާކަށް ނުކެރޭ. ފޮޓޯއެއް އެފްބީއަށް ލާކަށް ނުކެރޭ. އެއްވެސް ޕޮލިޓިޝަނެއް އުޅޭގޮތެއް ނޫން. ފިލައިގެން ހުރެ ކޮން އިންޒާރެއް ކުރާކަށް. އަމްރާން ކިޔާ އެއްޗަކުން މި ސަރުކާރަށް ކުޑަވެސް ދެރައެއްނުލިބޭނެ. ޔޫ އާ އެ ކަވާޑް. ބޮޑާ އަމްރާން އަބުދުލްއަޒީޒު. އެނގޭތަ އަހަރެން ހޭޓްކުރާވަރު. ނަމަވެސް ޝައުން މަރާލީމަ އެކަމާ ދެރަވޭ.........." ހަޔާތީ އަމިއްލަ ނަފުސާއި ވާހަކަދެއްކިއެވެ.

ފޯނު އެއްފަރާތަށް އެއްލާލާފައި ހަޔާތީ ދާން ހިގައިގަތްއިރަށް ބުޅާ ފައިދަށަށް ވަނެވެ. ބަންޑުން ވެއްޓެންދިޔައިރަށް ސޯފގެ އަތްގަނޑުގައި ހިފާލެވުނެވެ. ހަޔާތީ ބުޅަލާއި ދިމާލަށް ކަޅި އަޅާފައިވެސް އޭތީގެ މައުސޫމް ދެލޮލަށް ބަލާލާފައި ހިތް މަޑުވާގޮތްވިއެވެ. މިކާލް އޮތީ ބުޅަލަށް ކާންދޭށޭ ބުނެފައެވެ.

"މިކާ ގޮނޑުން ހޮވައިގެން ގެނެސްފައި އޮތް ދަރިއެއް. ވާވަރުކަމެއްވެސް ނޫން އެކަމަކު އެބަޖެހޭ ދޮންދަރި ބަލަން. ޔޫ އަގްލީ ތިންގް............" ހަޔާތީ ބުޅަލާ ގަޔާނުވާއިރުވެސް މިކާލް ގެނެސްފައި އޮތް އެއްޗަކަށް ވުމުން އަޅާނުލާ ދޫކޮށްލާކަށް ނުކެރުނެވެ. ކެޓްފުޑް ޕެކެޓުން އެތިކޮޅެއް ތަށްޓަށް ލާދިނުމުން ކޮޓްންކެންޑީ ތަށްޓާއި ކައިރިވެލިއެވެ. ހަރު ހަރު އެރިކޮޅުތަކުގައި ދަތް އަޅާލާއިރު އިވޭ މުރަނަ އަޑުންވެސް އެވަގުތު ހަޔާތީއަށް އުދަގޫވިއެވެ. ހަޔާތީ ޖޫސްތަށި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ.

"މިކާ ބޭބީ. ލަވް ލޯ ހުޅުވަބަލަ. ބޭސްކާލީމަ ރަގަޅުވާނީ..."

"އައިމް އޯކޭ.." މިކާލް ލޯ ހުޅުވާލިއިރު ކޮންމެވެސް ވަރަކަށް ރަތްކަމެއް ލޮލުގައިވިއެވެ.

"މިކާ ތިހެން ބުންޏަސް މޫނު ރަތްކަން ބަލައިލަބަލަ. ހުމާ އަނދާއިރުވެސް މިކާ ބުނާނީ ތިހެންކަން އެނގެއޭ. މި ޖޫސްތަށި ނުބޮންޏާ މިރޭ އިރުއޮއްސުނަސް މިތަނުން ގުޑާނުލާނަން.." ހަޔާތީ އިންޒާރެއްދިނުމުން މިކާލް ހީލާފައި ތެދުވެއްޖެއެވެ. ހަޔާތީގެ ގޮތްދޫނުކުރުމުގެ ސިފަ މިކާލްއަށް އާކަމެއް ނޫނެވެ.

"އޯކޭ ޕްރިންސެސް. ގެނޭ. ތިހާ ހަރުކަށި އަދަބެއް ދޭހާ މަގޭ ހިތް ހަރެއް ނުވާނެ. ހަޔާއަކަށް......" މިކާލް ތެދުވެ ހެޑްބޯޑަށް ލެނގިލިއެވެ.

"އުފަމޯލް ސިކްސްފިފްޓީއިން ހުންގަނޑު ވަގުތުން މައިތިރިކޮށްލާނެކަން މިކާއަށް އެނގޭތަ؟ އެކަން ތަޖުރިބާކޮށްފައި މިހިރީ......" ހަޔާތީ އެނދުގެ މަގަތުގައި އިށީނެވެ." ފަޔާއި ބޮލުގައި މަސާޖުކޮށްލަދޭނަން. އޮށޯވެލާ."

"ނޯ.....އައިމް......" މިކާލް އެއްޗެކޭ ބުނަން އުޅުނަސް ހަޔާތީ އެވާހަކަ ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.

"މި ފިރިހެނުންގެ އިގޯ. ބައްޔެއްވިޔަސް ތަދެއްވިޔަސް މާ ހިތްވަރުގަދަކަމަށް ހެދިގެން ތިބޭނީ. މިކާވެސް ހަމަ އެހެން. އެކަމަކު ހުން އައީމަ ގައިގާ ރިއްސާނެވަރު މާ ރަގަޅަށް އެނގޭ. އަބޫ ޔޫޝާ ޓެރަރިސްޓެއް ނޫންކަމަށް ހަދަންވެސް މިކާ މަސައްކަތްކުރީމެއްނު. އަމިއްލައަށް އެކޮޅަށް ގޮސްފައި އެއޮތީ އައިއެސްކަން މުޅި ދުނިޔެއަށް ފެންނަގޮތަށް އިއުލާންކޮށްފައި. ބަލާލަބަލަ....." ހަޔާތީ ފޯނު ހުޅުވާލާފައި މިކާލްއަށް އާއިދުގެ އެފްބީ ޕޯސްޓްތައް ދެއްކިއެވެ. "ދެންވެސް މިކާ އޭނަ ދިފާއުކޮށްފައި ބުނޭ ޕާކުކައިރިން އޮޅިގެންނޭ ދިޔައީ. ކުށެއްނެތް މައުސޫމް ކުއްޖެކޭ. އަދި ރޭގައި ޝައުން ވެސް މަރާލީ އެކަހަލަ ގްރޫޕަކުންހެން ވަރަށް ހީވޭ. މިކާއަށް މި ޚަބަރު އެނގޭތަ؟ "

ހަޔާތީ އޭނަގެ ސައިޓް ހުޅުވާލާފައި އެ ޚަބަރު ދެއްކުމުން މިކާލްގެ ދެލޮލުން އެއްވެސް ޝުއޫރެއް ނުފެނުނެވެ. ހުމުގެ ސަބަބުން މަޑު ރަތްކަމެއް މޫނަށް ވެރިވެފައިވުން ފިޔަވާ މޫނަށް އިތުރު ބަދަލެއް އައިސްފައެއްނެތެވެ. ހަޔާތީ ކިތަންމެ ވިސްނުންތެރިކަމާއިއެކު މިކާލްގެ ދެލޮލަށް ބަލަން އިނަސް އެކައްޗެއްވެސް ނޭގުނެވެ. އޭނަ ހީކުރީ މިކާލްގެ ލޮލުން ކޮންމެވެސް ކަމެއް ފެންނާނެކަމުގައެވެ.

"ޕްލީޒް މިކާ ތެދަށް ބުނެބަލަ. މިކާ ރޭ އުފަލުން ނުނިދިފާ އޮތީ ޝައުން މަރުވީމަތަ؟ "

"ހަޔާ ވާންވީ ޖާނަސްލިސްޓަކަށް ނޫން. އެފްބީއައި އެޖެންޓަކަށް. މިހާރު އަހަންނަށް ޝައްކުކުރަން ތިފެށީނު......" މިކާލް ކުއްލިއަކަށް ހޭންފެށިއެވެ.

"މިކާ. ހަމަ އުފަލުން ތިހެނީ..." ހަޔާތީ ރުޅިއަންނަގޮތްވިއެވެ.

"ދެން އަހަރެން ރޯންވީތަ؟" މިކާލް އެއް ލޯ މަރައިލިއެވެ. އެކަހަލަ އާދަތަކުން ހަޔާތީގެ ހިތުގައި ޝައްކުތައް އުފައްދަން މިކާލް ގަސްތުގައި ކުރާކަމެއް ބާވައެވެ. ނޫނީ ހަގީގަތުގައި މިކާލް ބައިވެރިވެގެން ޝައުން މަރައިލީހެއްޔެވެ. ބިރުންގޮސް ދެއަތުގައި ހީބިހި ހަލުވައިލިއެވެ. އޭނަގެ ބައިވެރިޔާއަކީ އެއްވެސް ގޮތަކަށް ޓެރަރިސްޓުންނޭ އެކިޔާ ލިސްޓަށް އަރާކަހަލަ މީހަކަށް ވެއްޖެއްޔާ އޭނަގެ ދުނިޔެ ފުނޑު ފުނޑުވެދާނެއެވެ.

"ހަޔާ. ކޮންމެ މީހެއްގެ އަމިއްލަ ވިސްނުމާއި އޮޕީނިއަންތައް ހުންނާނެ އެ ހެޔޮ ދީން ސިޔާސީ އަދި އެހެންކަހަލަ ކަންތައްތަކާއިވެސް ކޮންމެ މީހަކީ ޔުނީކް ސިކުނޑިއެއްގެ ވެރިއެއް. އާއިދު ވިސްނާގޮތެއް އަހަންނަށް ބަދަލެއްނުކުރެވޭނެ. މައިންބަފައިންގެ ވާޖިބެއް ދަރިން ރަގަޅުގޮތުގައި ތަރުބިއްޔަތުކޮށް އެކުއްޖެއްގެ އަގީދާ ވަރުގަދަކޮށް ދީނަށް ލެންބުމަކީ. ދުނިޔަވީ ވަގުތީ އުފަލަށްޓަކާ ދުނިޔޭގެ ނަސީބު އެކަނި ހޯދަދޭން ވިސްނާ މައިންބަފައިން އެތިބީ މަގުއޮޅިފައި. އެމީހުންނަށް ނުވިސްނެނީ. ވީއިރު އާއިދުގެ މައިންބަފައިން އޭނައަށް ދިން ތަރުބިއްޔަތުގެ ސަބަބުން އޭނަ ދީނަށްގޮސް ހުސްވުމާއި އޭނަ ސީރިޔާއަށް ދިޔައީ ކޮން ނިޔަތެއްގައިކަން ދެނެވޮޑިގެންވަނީ މާތް ﷲ. އާއިދުގެ އިންޓެންޝަނެއް އަހަރެމެންނަށް ނޭގޭ......." މިކާލް ބުނެދިނެވެ.

"ދީނަށް ލޯބިކުރާ ޒުވާނަކަށްވުމަކީ ނަސީބު. އެކަމަކު މައްސަލައަކީ ދާޚިލީ ހަގުރާމައަކަށް ދިޔުމާއި ތިމާގެ އަނބިމީހާއަށް އޮޅުވާލައިގެން މަދީނާއަށޭ ކިޔާފައި ގެންދިޔުން. މެރީކޮށްގެން ހަނީމޫނަށް އެ ގެންދިޔައީ ހަގުރާމައިގެ މައިދާނަށް. ދެޓްސް ޓޫ މަޗްކަން ނޭގޭ. ސަމާއަށް ޖެހޭނެ ހާލެއް އެނގޭތަ. ސީރިޔަސްކޮށްވެސް އާއިދު ބްރެއިން ވޮޝްކޮށްފައި އެހެރީ. ރާއްޖޭގައި އެކަންތަކަށް ހިތްވަރުދޭ މީހުންނާއި ޚަރަދުކުރާ މީހުން. މިކާ. މިއުޅެނީ އެކަމާއި ބެހޭގޮތުން ވަރުގަދަ އާޓިކަލްއެއް ލިޔަން......" ހަޔާތީ މިކާލްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

"ޑޯންޓް....." މިކާލްއަށް ބުނެވުނެވެ.

"ކީއްވެ މިކާ....." ހަޔާތީ ދެލޯ ބޮޑުކޮށްލިއެވެ.

"އައި ހޭވް ޓު ޕްރޭ. ހަޔާވެސް ވުޟޫކޮށްލައިގެން އާދޭ......" މިކާލް އެ ސުވާލަށް ޖަވާބުދޭކަށް ނޫޅެ މައުޟޫ ބަދަލުކޮށްލައިފިއެވެ. އެނދުން ތެދުވާން އުޅުމުން ހަޔާތީ އެހީވާންވެގެންގޮސް ކައިރިވެލިއެވެ.

"ގާލް ފުލޫ ދުވަސްކޮޅޭ. ދޭތެރެއަކުން ޗުއްޓީއެއް ލިބޭތީ އަންހެންކުދިން ކިހާ ނަސީބު ރަގަޅު............" ހަޔާތީ ފުޅާ ހިނިތުންވުމަކާއިއެކު ބުނެލިއެވެ. މިކާލް ބުމަ އަރުވާލާފައި ޖަވާބެއްދޭން އުޅެފައިވެސް ހީލީއެވެ. ފާޚާނާއަށް ވަދެ ދޮރު ލައްޕާލުމުން ހަޔާތީ އެނބުރި އައިސް އެނދަށް ވެއްޓިގަތެވެ. މިކާލް ބަލިވެ އުޅުނަސް ކިތަންމެ ބޮޑުވޭނެއްގައި އުޅުނަސް އޭނަ ގަވާއިދުން ނަމާދުކުރާކަން އެނގި ހަޔާތީގެ ހިތް ތައުރީފުކުރިއެވެ. އޭނަގެ މިކާލްގެ އެފަދަ ދީންވެރިކަމެއް ހުރެއްޖެއްޔާ ގައިމު މީހުން އަނިޔާވެރިގޮތަކަށް މެރުންފަދަ ބޮޑު ފާފައަކަށް އަރައިނުގަންނާނެ ނޫންހެއްޔެވެ؟

ހަޔާތީ ބަންޑުން އޮވެ ދެފައި ހަލުވާލަ ހަލުވާލާ އޮތްއިރު އެފްބީ ޗެކްކޮށްލެވުނެވެ. އެންމެ ކުރިންވެސް ބެލެނީ ހަމަ އަމްރާން ގެ ޕޭޖެވެ. އިރުއިރުކޮޅާ ރިފްރެޝްކޮށްލެވެއެވެ. ކާޒިމް. ތައިމޫރު އަދި ޝައުން ކިޔާ ތިން މީހުން ޓެގްކޮށްފައި އަމްރާން ހުންނަވަރުން އެއީ ޚާއްސަމީހުން ކަން އެނގުނެވެ. އެއީ ހަޔާތީ ދަންނަ ބަޔެއްނޫނެވެ. އެއްކޮށް ސްކޫލްގައި އުޅުނު ބަޔެއްނޫނެވެ. އަމްރާންގެ އާއިލާ މީހުން ނޫނީ ގާތް އެކުވެރިން ކަމަށް ވެދާނެއެވެ. މިހާރު މުޅިންވެސް ޝައުންގެ ވާހަކަތަކެވެ. ޝައުންގެ އަނިޔާވެރި މަރު އެހެން ހުރިހާ ހެޑްލައިންއެއްގެ ކުރި އަތުލައިފިއެވެ. އަމްރާންގެ މަގުބޫލުކަމާއިމެދު ހިތުގައި ތަފާތު އިހުސާސްތައް އުފެދޭއިރު ހިތުގެ ކަނެއްގައި އަމްރާންގެ ނަން ލިޔެވިފައިވަނީ އޭނައަށްވެސް ސިއްރުންނެވެ. ކިތަންމެ ވަރަކަށް އެ ހަދާންތައް އެއްފަރާތްކޮށްލަން އުޅުނަސް އެކަމެއް ކާމިޔާބެއްނުވެއެވެ. އެހިތުގައި ފޮރިވިފައިވާ މާޒީއަށް އެއްވެސް ބަދަލެއް ނާދެއެވެ. ކިތަންމެ ވަރަށް ދުރުކޮށްލަން އުޅުނަސް ސިއްރުން އަމްރާންގެ ކޮންމެ ހަރަކާތަކަށް ފާރަލެވެނީއެވެ. ނުކުރަން ހުއްޓަސް ހެވެވެ. ކުރިންވެސް އޭނައާއި ބަލާއިރު އަމްރާންއަކީ މޮޅުމީހެކެވެ. ވެލިފުކަކާއި ހުދު ޖަވާހިރަކާއި ދޭތެރޭ ހުންނާނެ ފަރަގު އެދޭތެރޭގައި ހުއްޓެވެ. މިހާރު އަމުދުން މަޝްހޫރު ސިޔާސީ މީހަކަށްވުމުން ކުރިއަށްވުރެންވެސް އެދޭތެރޭގައި އޮތް ފަރަގު ބޮޑުވާނެ ނޫންހެއްޔެވެ. އަމްރާން އޭނަގެ ލޯބީގައި ކޮޅުފައިން ޖެހީ އެތައް މީހުންނެއްގެ ތެރޭގައެވެ.

ދެތިން ދުވަސްފަހުން މިކާލްގެ ހުން ރަގަޅުވެ ތެދުވެ އުޅެވޭވަރުވީއިރު ހަޔާތީގެ ފަރާތުން އަޅާލުމާއި ލޯބި ކިތަންމެވަރަށްވެސް ދިނެވެ. ގަވާއިދުން ބޭހާއި ދިޔާ އެއްޗެހި ދިނުމުގެ އިތުރުން ކެވޭނެހެން ހީވާ އެއްޗެހި ކައްކާފައި ދެއެވެ. ކުރުބާއާއި އޮރެންޖް ޖޫސް މޭވާފަދަ ފަސޭހައިން ކެވޭނެ އެއްޗެހި ގަނެފައި ދިނެވެ. މިކާލްގެ ބޮލާއި ގައިގާ މަސާޖުކޮށްދީ ފެންފޮތިލާން ރޭގަނޑެއް ދުވާލަކަށް ބެލުމެއްނެތި ހަޔާތީ ހޭދަކުރިއެވެ. އެދުވަސްކޮޅު އޭނަ އޮފީހަށް ނުގޮސް ގޭގައި އިނީ ހަމައެކަނި މިކާލްއަށްޓަކައެވެ. ލިބޭ ހުސްވަގުތުގައި އާޓިކަލްތައް ލިޔެފައި ފޮނުވާލަނީ އޭނަގެ ޚިޔާލުތައް މިދުވަސްކޮޅު މުހިއްމުކަން ވިސްނިއެވެ. ހުރިހާ ލިޔުންތަކުން އޭނަ ޝައުން ކޮޅަށް ޖެހިފައިވާ މިންވަރު ސާބިތުކޮށްދިނެވެ. ނާއިންސާފުން މަގުމަތިން މީހުން މެރުމާއި ހަޔާތީ އިންތިހާއަށް ދެކޮޅެވެ. އެކަން އޭނަ ވަނީ ނޫސް ކިޔާހާ ބަޔަކަށް އާޓިކަލް އިން އަންގާފައެވެ.

މިއަދަކީ ބޮޑު މުޒާހަރާއަކަށް މީހުން ނިކުންނަ ދުވަހެވެ. ހަވީރު ތިނެއް ނުޖަހަނީސް މީހުންތައް މަގަށް އެއްވާންފެށިއެވެ. އެތައް ސަތޭކަ ބަޔަކު ބެނާސްތަކާއި ޝައުންގެ ތަސްވީރުތައް ހިފައިގެން އެ ހިނގާލުމަށް ނުކުމެ ތިއްބެވެ. ޝައުންއަށް އިންސާފު ހޯދަދޭން އެތައްބަޔަކު އެދެމުންދަނީއެވެ. ލީޑަރެއްގެ ހުރިހާ ސިފަތަކެއް ހުރި ޒުވާނަކު އެގޮތަށް މަރާލުމަކީ ސަރުކާރުގެ އަމެއްލަކަމާއިމެދު ގިނަ މީހުން ޝައްކުކުރިއެވެ. މިކާލް ކުޑަދޮރުކައިރީ އެމަންޒަރު ބަލަން ހުއްޓިލައިގެން ހުރިއިރު ހަޔާތީ ތައްޔާރުވަމުން ދިޔައީ އޮފީހަށް ދާށެވެ.

"ޝޮކިން. ނަމާދަށްވެސް ފަރުވާލެއްނެތި ވާރޭތެރޭގައިވެސް މިއޮތް ވާ ގުރުބާނީއެއް..." މިކާލްގެ އެ ޖުމްލައިން ހަޔާތީގެ ހިތަށް އުދަގޫތަކެއްވިއެވެ. އޭނަގެ މިކާލް މިހާ ރަހުމެއްނެތް މީހަކަށްވީ ކޮންއިރަކުން ހެއްޔެވެ؟ އަނިޔާވެރިކޮށް މަރާލެވުނު ޝައުންއަށް އިންސާފު ނުލިބި އެއްވެސް މީހަކު ހައްޔަރުކުރުމެއްނެތި ދުވަސްތަކެއްވަންޏާ މުޒަހާރާއަށް ނިކުންނާން ޖެހޭނެއެވެ. ސަރުކާރުގެ ސަމާލުކަމަށް އެކަންތައް ގެންނާން ޖެހޭނެއެވެ.

"މިކާ ޑޯންޓު ބީ ސޯ ހާޓްލެސް."

"އަހަރެން ދެރައެއް ނުވޭ އޭނަ މަރުވިޔަސް. ވިލް ނޮޓް ފޮގިވް ހިމް....." މިކާލްގެ އެ "ފިނި" ޖުމްލައިން ހަޔާތީ ސިހޭގޮތްވިއެވެ. އެހެން އެބުނީ މިކާލްހެއްޔެވެ؟ ޝައުންއާއި މިކާލް އާއި އޮތީ ކޮން ދެކޮޅުވެރިކަމެއް ހެއްޔެވެ؟

"ކޮންކަމަކާ...."

"ލީވް އިޓް.." މިކާލް ބުނެލިއެވެ.

"ނޫން މިކާ ޕްލީޒް އެވާހަކަ އެނގެން ބޭނުން. ކީއްވެ މާފުނުކުރާންވީ. ކޮންކަމަކާ. ޝައުން ކޮންކަމެއް ކުރީ........"

"ދިވެހިންގެ ކަންތައް މާ މައްޗަށް ދަނީ. އެހެން ތަންތާ ރައްޔިތުން މިހާ ސިޔާސީ ވާކަމަށް ނުދެނެހުރިން. އެންމެ ކުޑަކުއްޖާވެސް މިތާ ސިޔާސީކޮށްފައި ތިބެނީ. ސޯޝަލް މީޑިއާގައިވެސް އެމީހުންގެ ފޮޓޯތައް ޖަހައިގެން ފިރިހެންވެރިންވެސް ދެން އުޅޭގޮތަކުން ހިނި އާދޭ. އެމީހަކު ތަބާވާ ސިޔާސީ ލީޑަރެއް އައިޑޮލްއަކަށް ހަދައިގެން ސަޖިދަ ޖަހާ ހިސާބުގައި. ބޮޑުވަރު ދޯ. ދީނަށްވުރެ ގައުމު އިސްކުރީމަ ވާ ގޮތްތައް މިތަނުން ފެންނަނީ........"މިކާލްގެ އަޑުގައި މަލާމާތުގެ އަސަރުވިއެވެ. މިކާލް ހަމަ ރަގަޅަށްވެސް އައިއެސްގެ ފަނާވެދަނިވި ފިކުރުބާވައޭ ހަޔާތީގެ ހިތަށް އަރާ ހާސްވާގޮތްވިއެވެ. އެ އާއިދު ކިޔާ މީހާ މިކާލްގެ ސިކުނޑި ދޮވެލައިގެން އެމީހުންގެ ޖަމާއަތަށް ވެއްދީއެވެ. ނޫނެކެވެ. އެހެނެއްނުވާނެއެވެ. މިކާލް އެހާ މޮޔައެއްނުވާނެއެވެ. އެއަށްވުރެ މާ ވިސްނުންތެރިއެވެ. މިކާލްއަޅާ ކޮންމެފިޔަވަޅަކަށް ފާރަވެރިވާން އޭނަ ޖެހޭނެއެވެ.

"ތައްޔާރުވެއްޖެތަ މަފިންސް..." މިކާލް ހަޔާތީއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ކޮންމެގޮތަކަށް ވާހަކަ ހުއްޓަސް އެމޫނުމަތިން ރުޅިވެރިކަމެއް އަދި ހަރުކަށިކަމެއްނެތެވެ. އެއީ މިކާލްއާއި ބީރައްޓެހި ސިފަތަކެވެ. ބަލައިލިއިރު ތުންފަތުގައި ދާއިމަށް ހުންނަ ފަނޑު ހިނިތުންވުމުގެ އަސަރެވެ. އެހާ އަލި މޫނެކެވެ. އެދެލޮލުން އޯގާތެރިކަމާއެކު ލޯބި ނޫން އެހެން އެއްޗެއް ނުފެނުމުން ހަޔާތީއަށް އަސަރުތަކެއްކުރިއެވެ. ހަޔާތީގެ ބޮޑުކޮށްލެވުނު ދެލޮލަށް ތެތްކަމެއް ވެރިވިއެވެ.

"ވަން މިނިޓް...." ހަޔާތީ ލާފައި ހުރި ޓޮޕްގެ ބޭރުން އަޅިކުލައިގެ ޖެކެޓެއްލިއެވެ. ރީތިގޮތަކަށް ބުރުގާ އަޅާލާފައިވާއިރު ދެލޮލުގައި އަވިއައިނު ޖެހުމުން ކުރިއަށްވުރެ ސްޓައިލިޝްކަމަށް ދެއްކިއެވެ.

"ވަރަށް ލޯބި މަގޭ ޕަރީ..." މިކާލް ހަޔާތީގެ ނިތްކުރީގައި ތުންފަތްޖައްސައިލިއެވެ. އެންމެ އަދާއަކުންވެސް ހަޔާތީގެ

ހިތް ވިރުނެވެ.

ގެއަށް އައިމަގުމަތީގައި ހަޔާތީ އައިސްކްރީމްކާ ހިތްވިއެވެ. ފިނިގަދަ ދުވަހެއް ނަމަވެސް ހަޔާތީއަށް މިހާރު އެންމެ މީރުކޮށް ކާލެވޭ އެއްޗަކީ އައިސްކްރީމެވެ. ބާސްކިން ރޮބިންސްގެ އެކިކުލަ ކުލައިގެ އައިސްކްރީމްތައް ފެނިފައި ނަގަންވީ ކޮންވައްތަރެއްކަމެއް ނޭގި ހުރެފައި ދެމީހުން ދެކުލައިން އައިސްކޯންއަށް އޯޑަރުކުރިއެވެ. ހަޔާތީ އެކަތިކޮޅު ކާލާފައި މިކާލްގެ އަނގައިގާ ލެއްވިއެވެ. މިކާލްގެ އައިސްކޯނުންވެސް އެކަތިކޮޅު ކައިލިއެވެ.

"އައިސްކްރީމް އެޑިކްޓްއަކަށް ވެއްޖެ.."

"ނޯ ވޮރީސް ލަވް. ކޮންމެ ދުވަހަކު އައިސްކްރީމެއް ގަނެދޭނަން. މަގޭ މަފިންސް ފޫހިވަންދެން.........." މިކާލް ވައުދުވިއެވެ.

ދެމީހުން އެއްކޮށް ލިފްޓަށް އަރާފައި ހަޔާތީ މިކާލްގެ ގައިގާ ލެނގިލިއެވެ.

"އިޓްވޯޒް ފަންއޭ މިކާ. ދުވަހަކު ދެން ވަކިނުވައްޗޭ. ތެދަށް ބުނަންޏާ މިކާއާއިނުލާ ދެނެއް ނޫޅެވޭނެ. ޔޫ އާ މައި އަދާ ހާފް. މައި ވަން އެންޑް އޮންލީ. ކިހިނެއް މިކާ ނެތް ދުވަހެއް އިމޭޖިންކުރެވޭނީ. ލަވް ޔޫ މިކާ ބޭބީ ލަވް ޔޫ ލައިކް މިލިއަން ޓައިމްސް.. މައި ޕޫ ބެއާ....މައި ކިންގް........"ހަޔާތީ މިކާލްގެ ދެކޮލުގައި ހިފާ ދަމައިލުމުން މިކާލް ހިނިއައެވެ.

"ހެހެ. ބޭބީއަށް ހީވަނީ އަހަންނަކީ ކުޑަ ކުއްޖެކޭ ދޯ. ފިރިހެނެއް ކަމަށް ނުދެކޭކަން ޔަގީނެއްނު. ކޮލުގައި ހިފާފައި އަތަށް ދޮނެއް ދީފައި. ކޮން ދުވަހަކުން ބޮޑު މީހަކަށްވާނީ ތަނެއްގެ ސީއީއޯއަކަށް ވީމަވެސް މެޗުއާއެއް ނުވެއެއްނު............"މިކާލް ހާސް މާނަ އެކުލެވޭ ޖުމްލައެއް ބުންޏަސް ހަޔާތީ އަކަށް އެކައްޗެއްވެސް ނުވިސްނުނެވެ. މިކާލް އަމިއްލަ ނަފުސާއިމެދު ވިސްނާލަން މަޖުބޫރުވި ހިދުކޮޅެކެވެ. އޭނައަށްވެސް ހަޔާތިއާއިއެކު ފިރިހެނެއްހެނެއް ނޫޅެވެއެވެ. ލޯބިވެރިންހެން އުޅެންވެސް ޖެހިލުންވެއެވެ. އެދޭތެރޭގައި އޮންނަ ގުޅުމަށް ދޭނެ ނަމެއްވެސް އޭނައަކަށް ނޭގެއެވެ. އެނގޭހާ އެއްޗަކީ އޭނައާއި ހަޔާތީއަށްވެސް އެކަކު އަނެކަކާއި ތޮޅެ ސަކަރާތްޖަހަން އެކީ އުޅެން ހިތްއެދޭކަމެވެ. އެދޭތެރޭގައި އޮންނަ ލޯތްބާއި އަޅާލުން ބަދަލެއްނުވާކަމެވެ. ހަޔާތީވެސް އުޅެނީ ހަމަ ނުލާހިކު ލޯބިންނެވެ. ނަމަވެސް އެދޭތެރޭގައި މިއޮންނަ ގުޅުމަކީ ހަމައެކަނި ގާތް އެކުވެރިއެއްގެ ދޭތެރޭ އޮންނާނެ ގުޅުން ބާވައޭވެސް މިކާލް ހިތަށް އެރިއެވެ.

ގެއަށް ވަނުމާއިއެކު ދެމީހުންނަށްވެސް ސިހުމެއް ލިބުނެވެ. މީޝާއާއި ހިނާ އަދި މުފުތިހާ ސިޓިންރޫމްގެ ސޯފާތަކުގައި ތިބިއިރު އެންމެންގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. ކޮންމެވެސް ކަމެއް ސީރިޔަސްވެއްޖެކަން އެނގުނެވެ. މިކާލް ގޮސް ކައިރީގައި އިށީދެ މަންމަ ގެނެސް މޭގައި ޖައްސައިލިއެވެ.

"އާއިދު އެކުވެރިއަކު ސަލާމަތްކުރަން އުޅެނިކޮށް ވަޒަނެއް އަރައިގެން......... ދަރިފުޅާ. ސަމާއަކަށް ނުވެސް ގުޅޭ. ކިހިނެއް ދެން ހަދާނީ؟ އެކުއްޖާ އުޅޭނެ ހާލެއްވެސް ނޭގޭ. މާތް ﷲ ރަހުމަތް ލައްވާށި. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ. ނަމަވެސް ސަމާ މިކޮޅަށް ގެންނަން ދަރިފުޅު ކޮންމެވެސް މަސައްކަތެއްކޮށްބަލަ. ބީރައްޓެހިތަނެއްގައި ކިހިނެއް އެކަނި އުޅޭނީ..މަންމަ އެންމެ އުފާވީ އެހެންމީހުން ފަދައިން ބޮންތައް ގައިގާ ބަދެގެން ގޮސް އަމިއްލައަށް މަރުވާން ނޫޅެ މިކަހަލަ ގޮތަކަށް އާއިދު ދުނިޔެ ދޫކުރީތީ. އެހެން ނޫންނަމަ.............." މުފުތިހާ ރޯންފެށިއެވެ. އާއިދުގެ ފުރާނައަށް ރަހުމަތް ލެއްވުމަށް އެދި ހެޔޮ ދުޢާކުރިއެވެ.

ކޮޓަރިއަށް ވަދެފައި މިކާލް ވާހަކަދެއްކިއިރު އާއިދު މަރުވިއޭ ކިޔުމުގެ ބަދަލުގައި ބޭނުންކުރީ މުޅިންވެސް ޝަހީދުވީކަމުގައެވެ. ހަޔާތީ ބުނީ ސަރުކާރުގެ ކަމައި ބެހޭފަރާތްތަކަށް ގުޅައިގެން ސަމާގެ ވާހަކަދައްކައިގެން ސަމާ ރާއްޖެ ގެނައުމަށެވެ. މިކާލް ނުސީދާކޮށް ސީރިޔާއަށް ދާ ވާހަކަ ބުނުމުން އެރޭވެސް ނިމުނީ ދެމީހުންގެ ހަގުރާމައަކުންނެވެ. ހަޔާތީ ރުޅިގަދަވެފައި މިކާލްއާއި އަރައިރުންވިއެވެ.

ހެނދުނު މިކާލް ހާޑްތަކާއި އެއްޗެހި ގެނެސް ފާރުގައި ހުރި ތަސްވީރެއްގެ ފުރަގަހުގައި ހުރި ސިއްރު ވަތްގަނޑަކަށް ލިއެވެ. އެތަނުގައި ތިޖޫރީއެއް ކަހަލަ ތަނެއް ހުރުމުން ޚުދު ހަޔާތީއަށްވެސް ސިހުމެއްލިބުނެވެ. މިކާލްގެ މިފަދަ ކިތައް ސިއްރުތައް ހުންނާނެބާވައެވެ.

"ފުލުހުން އައިސް ގެ އެފުށް މިފުށަށް ޖެހިޔަސް މި ތަނެއް ނުފެންނާނެ. ހަޔާ ނުދައްކައްޗޭ އިނގޭ. އަހަންނަށް އެނގޭ އަހަރެންގެ ލޯބި އަހަންނަށް ގެއްލުމެއްވާން ނޭދޭނެކަން. ކީކޭ ބުނަނީ ޕްރިންސެސް.................." މިކާލް ހަޔާތީގެ ދެކޮނޑުގައި ހިފަހައްޓާފައި ބާރުކޮށްލިއެވެ. ކޮންމެވެސް މީހަކު ބެލް އަޅާލި އަޑު އިވުމުން ހަޔާތީ ދެލޯ ބޮޑުކޮށްލިއެވެ.

(ނުނިމޭ...)

http://www.sun.mv/112023

comment ކޮމެންޓް