ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފި

ނޮވެމްބަރ 19، 2018: ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ވަޒީރުންގެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން -- ފޮޓޯ/ ރައީސް އޮފީސް

ވަޒީރުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ 20 ބޭފުޅުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ވަޒީރުންނަށް ރުހުން ހޯދުމަށް ރައީސް ސޯލިހު ފޮނުވި ނަންފުޅުތައް އެމައްސަލަ ދިރާސާ ކުރާ ކޮމިޓީއަށް ފޮނުވުމަށް މާދަމާގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެޖެންޑާ ކޮށްފަ އެވެ.

މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާނީ ކޮމިޓީން ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމުންނެވެ. ވަޒީރުންގެ މަޖިލީހަށް ރައީސް އައްޔަން ކުރެއްވި ބޭފުޅުންނަށް މަގާމުގައި ތިބެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ކަމަށް ގާނޫނުއަސާސީގައި ވަނީ ބުނެފަ އެވެ.

އަދ ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރާ ނަންތައް އައްޔަން ކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މަޖިލީހަށް ރުހުން ހޯދަން ފޮނުވަން ޖެހޭނެ ކަމަށްވެސް ގާނޫނުއަސާސީގައި ވަނީ ބުނެފަ އެވެ.

ވަޒީރުން އައްޔަން ކުރި ގޮތާމެދު ބައެއް އާންމުންގެ މެދުގައި ހިތްހަމަ ނުޖެހުންތަކެއް ވަނީ އުފެދިފަ އެވެ. އަދި ސަރުކާރު ކޯލިޝަނުގެ ބޭފުޅުންވެސް ފާޅުގައި ދަނީ ވަޒީރުންގެ މަޖިލީހަށް ފާޑު ކިޔަމުންނެވެ.

comment ކޮމެންޓް