އިސްލާމިކް މިނިސްޓަރު އިލްމުވެރިންނާ ބައްދަލުކުރައްވައިފި

އިސްލާމިކް މިނިސްޓަރު ޑރ.ޒާޙިރު ދީނީ އިލްމުވެރިންނާ ބައްދަލުކުރެއްވުން -- ފޮޓޯ/އިސްލާމިކް މިނިސްޓަރު

އިސްލާމިކް މިނިސްޓަރު ޑރ.އަހްމަދު ޒާހިރު އަލީ ރާއްޖޭގެ ދީނީ އިލްމުވެރިންނާ ބައްދަލު ކުރައްވާފި އެވެ.

ރޭ އިސްލާމީ މަރުކަޒު ހޯލްގައި ބޭއްވި މިބައްދަލުވުމުގައި މިނިސްޓްރީގެ ޕާރމަންނަންޓް ސެކްރެޓަރީ މުޞްޢަބު ޢަބްދުﷲގެ އިތުރުން މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންނެވި އެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ، އެމިނިސްޓްރީ އަބަދު ވެސް ވާނީ ޢިލްމްވެރިންނާއެކުގައި ކަމަށާާއި މިނިސްޓްރީގެ އެންމެ މުހިންމު މަސައްކަތަކަށް ވާނީ ދީނީ ޢިލްމުވެރިންގެ ލަފާއާ އިރުޝާދާ އެކު ދިވެހިރާއްޖޭގެ ދީނީ ކަންކަން ރަގަޅުކުރުން ކަމަށެވެ.

"އިސްލާމިކް މިނިސްޓްރީ އަބަދު ވެސް ވާނީ ޢިލްމްވެރިންނާއެކުގައި އަޅުގަނޑުމެންގެ އެންމެ މުހިންމު މަސައްކަތަކަށް ވާނީ ދީނީ ޢިލްމުވެރިންގެ ލަފައާއި އިރުޝާދާ އެކު ދިވެހިރާއްޖޭގެ ދީނީ ކަންކަން ރަގަޅުކުރުން،" ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިި ދީނީ އިލްމުވެރިނާ މުހާތަބުކޮށް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ.ޒާހިރު، ދީނީ އިލްމުވެރިންނާ މުހާތަބު ކޮށް ވާހަކަ ދައްކަވަނީ --

އަދި ދިނީ އިލްމުވެރިންނަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އެ މިނިސްޓްރީ އިން އެހީތެރިވެދޭނެ ކަމުގެ ޔަގީން ކަން މިނިސްޓަރު ދެއްވި އެވެ.

މި ބައްދަލުވުމުގައި، ދީނީ ކަންކަން ކުރިއެރުވުމަށް ޓަކައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ވަނީ ޢިލްމްވެރިންގެ ހިޔާލުފާޅު ކުރައްވައިފަ އެވެ.

ދީނީ އިލްމުވެރިން ވަނީ އެބޭފުޅުންގެ ކަންބޮޑުވުމާއި ހިޔާލު މިނިސްޓަރާ ހިއްސާ ކޮށްފައި --

ދިވެހިރާއްޖެގައި މިވަގުތު ތިއްބެވި ގިނަ އަދަދެއްގެ ޢިލްމުވެރިން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފަ އެވެ. މިއީ އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. ޒާހިރު ޢިލްމްވެރިންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް