ޝާހްރުކް އޮޑިއްޝާއަށް ހިނގައްޖެ ނަމަ ކަޅުކުލަ އުކައި ދެކޮޅު ހަދާނެކަމަށް އިންޒާރު ދީފި

ފިރިހެނުންގެ ހޮކީ ވޯލްޑްކަޕް ޝަރަފްވެރިކޮށްދިނުމަށް، ބޮލީވޫޑްގެ ސުޕަސްޓާ ޝާހްރުކް ޚާން އޮޑިއްޝާއަށް ގޮސްފި ނަމަ އޭނާގެ މޫނަށް ކަޅުކުލައުކައި އޭނާއާދެކޮޅަށް މުޒާހަރާ ކުރާނެ ކަމަށް ހައްދުފަހަނައަޅާފައިވާ ސިޔާސީ ޕާޓީއަކުން އިންޒާރު ދީފި އެވެ.

މިމަހުގެ 28 އިން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ފިރިހެނުންގެ ހޮކީ ވޯލްޑްކަޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ އޮޑިއްޝާގެ ބުބަނޭޝްވަރުގެ ކަލިންގާ ސްޓޭޑިއަމްގަ އެވެ.

އެ މުބާރާތް ޝަރަފްވެރިކޮށްދިނުމަށް ޝާހްރުކް އަށް ދަޢުވަތު ދީފައި ވަނީ އޮޑިއްޝާގެ ޗީފް މިނިސްޓަރު ނަވީން ޕަޓްނައިކް އެވެ.

އެ ރަސްމިއްޔާތަށް އަންނަ އަންގާރަ ދުވަހު ޝާހްރުކް އޮޑިއްޝާއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވަނިކޮށް، އެތަނުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ކަލިންގާ ސެނާގެ ލީޑަރު ހެމަންތު ރަތްނަ ބުނެފައި ވަނީ، މީގެ 17 އަހަރު ކުރިން ޝާހްރުކް ޚާން ކުޅެފައިވާ ފިލްމު އަޝޯކާގައި، އޮޑިއްޝާ އާއި އެތަނުގެ ރައްޔިތުންގެ އަގު ވައްޓާލާފައިވާތީ ޝާހްރުކް ޚާނާ ދެކޮޅަށް ކަޅުދިދަ ހިފައިގެން އަޑު އުފުލައި ޝާހްރުކްޚާންގެ މޫނަށް ކަޅު ކުލަ ޖަހާނެ ކަމަށެވެ.

ކަލިންގާ ސެނާގެ މި އިންޒާރާ ގުޅިގެން އޮޑިއްޝާ އާއި ބުބަނޭޝްވަރުގެ ސަލާމަތީ ކަންތައްތައް ވަނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ.

ބުބަނޭޝްވަރުގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަނުޕްޝާހް ބުނެފައި ވަނީ، ޝާހްރުކްޚާނަށް އައި އިންޒާޜާ ގުޅިގެން ސަލާމަތީ ކަންތައްތައް ވަރުގަދަ ކޮށްފައިވާތީ ހުރިހާކަމެއް ވެސް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.

comment ކޮމެންޓް