"ޕިންކް"ގެ ތެމިލް ރީމޭކްއެއް ހަދަނީ

ދެހާސް ސޯޅަ ވަނަ އަހަރު ރިލީޒްކުރި އަމީތާބް ބައްޗަންގެ ކާމިޔާބު ފިލްމު 'ޕިންކް'ގެ ތަމިލް ރީމޭކެއް ހަދަން ނިންމައިފި އެވެ.

'ޕިންކް'ގެ ކްރިއޭޓިވް ޕްރޮޑިއުސަރު ޝޫޖިތު ސިރްކާރް ވަނީ އެކަން ޔަގީންކޮށް ދީފަ އެވެ. ސިރްކާރް ބުނީ ފިލްމު ޑައިރެކްޓު ކުރާނީ އޭނާ ނޫންކަމަށާއި ރީމޭކް ހަދާ ޓީމަށް އެކަން ދޫކޮށްލައިފައިވާ ކަމަށެވެ.

ފިލްމު އެއްކޮށް ނިމި، ފިލްމު ރިލީޒްކުރުމުގެ ކުރިން ސިރްކާރަށް ފިލްމު ދައްކަން ޓީމުން އެއްބަސްވެފައިވާ ކަމަށެވެ.

'ޕިންކް' ޑައިރެކްޓު ކުރީ އަނިރޫދާ ރޯއި ޗޯދްރީ އެވެ. އަނިރޫދާގެ ޑައިރެކްޝަން ވަރަށް ބޮޑަށް ކަމުދިޔަ ނަމަވެސް، ތަމިލް ރީމޭކް ހަދާ ފަރާތުން ފިލްމުގެ ވާހަކައަށް ބަދަލު ގެންނަން ބޭނުންވާ ކަމަށާއި، އަދި އެކަމުގެ ފުރިހަމަ އިޚްތިޔާރު އެ ޓީމަށް ދީފައިވާ ކަމަށް ސިރްކާރް ބުންޏެވެ.

'ޕިންކް' އަކީ ކޯޓު ރޫމް ޑްރާމާއެކެވެ. އެއީ ޖިންސީ ގޯނާ ލިބިފައިވާ ތިން އަންހެނުން އިންސާފު ހޯދުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. އެ ފިލްމުގައި އަމީތާބް އަދާކުރަނީ ވަކީލެއްގެ ރޯލެވެ.

އަމީތާބުގެ އިތުރުން އެ ފިލްމުން ދެން ފެނިގެންދިޔައީ، ތާޕްސީ ޕަންނޫ، ކްރިތީ ކްޅާރީ އެޑްރިއާ ތާރިއާންގް އަދި އަންގަދް ބޭދީ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ތަމިލް ރީމޭކްގައި އަމީތާބްގެ ރޯލު އަދާކުރާނީ ތަމިލް ސުޕަސްޓާ އަޖީތު އެވެ. ފިލްމުގެ ޝޫޓިން ޑިސެމްބަރު މަހުގެ ފަހުކޮޅުގައި ފަށަން ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް