ރެއާލް ބަލިވި އިރު ބާސާއަށް ޕޮއިންޓެއް

އިއްޔެ ރެއާލް މެޑްރިޑް އާއި އެއިބާ ބައްދަލު ކުރި މެޗުގެ ތެރެއިން---

ސްޕެނިޝް ލީގުގައި އިއްޔެ އެއިބާ އަތުން ރެއާލް މެޑްރިޑް ބަލިވި އިރު، އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުތް ބާސެލޯނާއަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

ރޭ އެއިބާ އާއި ރެއާލް ބައްދަލު ކުރި މެޗު އެއިބާއިން ކާމިޔާބު ކުރީ 3-0ގެ ނަތީޖާއިންނެވެ. ބާސާ އެތްލެޓިކޯއާ އެއްވަރުވީ ފަހު ވަގުތު ފެނިގެން ދިޔަ ދެ ގޯލުން، 1-1ގެ ނަތީޖާއިންނެވެ.

މި ނަތީޖާތަކަށް ފަހު އަދިވެސް ލީގުގެ އެއްވަނައިގައި އޮތީ ބާސާ އެވެ. އެ ޓީމު އެއްވަނައިގައި އޮތީ 25 ޕޮއިންޓާ އެކު އެވެ. ދެވަނާގައި 24 ޕޮއިންޓާ އެކު އޮތީ އެތްލެޓިކޯ އެވެ. ތިންވަނާގައި އޮތް ސެވީއާ އަދި ހަތަރު ވަނައިގައި އޮތް އަލަވޭސްއަށް ވެސް ލިބިފައި ވަނީ 23 ޕޮއިންޓެވެ. ނަމަވެސް، ސެވީއާ ކުރީގައި އޮތޯ ގޯލް ޑިފަރެންސުންނެވެ. އިއްޔެ ބަލިވި ރެއާލް އޮތީ ލީގުގެ ހަވަނާގައި 20 ޕޮއިންޓާ އެކު އެވެ.

ރެއާލް އިއްޔެ ބަލިވެފައިވާ އިރު އެ މެޗު ވެގެން ދިޔައީ އެ ކްލަބުގެ ކޯޗު ކަމާ ސެންޓިއާގޯ ސޮލާރީ ހަވާލުވި ފަހުން އެ ޓީމު ބަލިވި ފުރަތަމަ މެޗަށެވެ. ސޮލާރީ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ ހަތަރު މެޗު ވެސް ރެއާލް ކާމިޔާބު ކުރި އެވެ.

އިއްޔެ އެއިބާއިން ރެއާލް ކޮޅަށް ފުރަތަމަ ގޯލު ޖެހީ މެޗުގެ 16 ވަނަ މިނެޓުގަ އެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ގޮންޒާލޯ އެސްކަލަންޓޭ އެވެ. ދެވަނަ ގޯލު 52 ވަނަ މިނެޓުގައި ސާޖީ އެންރިކް ކާމިޔާބުކޮށްދިން އިރު އޭގެ ކުޑަ އިރުކޮޅެއް ފަހުން، މެޗުގެ 57 ވަނަ މިނެޓުގައި ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ ކީކޭ އެވެ.

ބާސާ އާއި އެތްލެޓިކޯ ބައްދަލު ކުރި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް މާ ގިނަ ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ގޮސްފައި ނުވެ އެވެ. މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކުރީ ބާސާއިންނެވެ.

ރޭ ބާސާއާ އެތްލެޓިކޯ ބައްދަަލު ކުރި މެޗުގެ ތެރެއިން---

މެޗު ނިމެން ކައިރިވެފައި ވަނިކޮށް ފުރަތަމަ ލީޑު ނެގީ އެތްލެޓިކޯއިންނެވެ. ހަތްދިހަ އަށް ވަނަ މިނެޓުގައި އެ ގޯލު ކާމިޔާބުކޮށްދިނީ އިތުބާރު ސްޓަރައިކަރު ޑިއޭގޯ ކޮސްޓާ އެވެ. އެހެން ނަމަވެސް މެޗު ނިމެން މިނެޓަކަށް ވެފައި އޮއްވާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުވި ބާސާގެ ޑެމްބެލޭ ވަނީ އަރިމަތިން ވަދެ، ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފަ އެވެ.

ލީގުގައި ދެން ރެއާލް ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ. ބާސާ ނުކުންނާނީ ވިލަރެއާލްއާ ދެކޮޅަށެވެ. އަދި އެތްލެޓިކޯ މެޑްރިޑް ނުކުންނާނީ ޖިރޯނާއާ ދެކޮޅަށެވެ.

comment ކޮމެންޓް