ތިން ގައުމަކުން ސައޫދީ އަށް ހަތިޔާރު ވިއްކުން ހުއްޓާލައިފި

ފިންލެންޑްގެ ބޮޑުވަޒީރު

ހެލްސިންކީ (ނޮވެމްބަރު 24) : ސައޫދީ އާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އަށް ހަތިޔާރު ވިއްކުން ފިންލެންޑުން ހުއްޓާލައިފި އެވެ.

ފިންލެންޑްގެ ބޮޑުވަޒީރު ޔޫހާ ސިބިލާ ވިދާޅުވީ ސައޫދީއާއި ޔޫއޭއީ އަކީ ހަތިޔާރު ވިއްކުމަށް ތަސައްރަފް ފުދޭ ދެގައުމު ކަމަށް ގަބޫލުނުކުރެވޭތީ އެ ދެ ގައުމުގެ ސުލޫކު ބަދަލުކުރަންދެން ފިންލެންޑްގެ ހަތިޔާރާއި އަސްކަރީ ކަންކަމާ ގުޅުން ހުރި ތަކެތި އެދެގައުމަށް ނުވިއްކުމަށް ނިންމީ ކަމުގަ އެވެ. ސިބިލާ ވިދާޅުވީ ސައޫދީ އާއި ޔޫއޭއީ ގުޅިގެން ޔަމަނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޔަމަން އާންމުންގެ އެތައް ހާސް ބަޔަކު މަރުވުމުގެ އިތުރުން އަށް މިލިޔަނަށް ވުރެ ގިނަ މީހުން ހައިހޫނުކަން ތަހައްމަލް ކުރަންޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި މިހާލަތުގައި އެ ދެ ގައުމަށް ހަތިޔާރު ވިއްކުމުގައި ދެމިތިބުމަކީ އަޚްލާގުން ބޭރު ލަދުވެތި ކަމެއްކަމުގަ އެވެ.

އަދި އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސުލޭޓްގައި ސައޫދީ ނޫސްވެރިޔާ ޖަމާލް އަލްޚާޝުގްޖީ ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި ޖަރީމާ ވެސް ހިންގާފައި ވަނީ ސައޫދީ ސަރުކާރުން ކަމަށް ވުމަކީ ސައޫދީއަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ފިންލެންޑުން ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމުގަ އެވެ.

ސައޫދީއަށް ހަތިޔާރު ވިއްކާ ގައުމެއް ކަމަށްވާ ޑެންމާކުން ވެސް ވަނީ އެގައުމަށް ހަތިޔާރު ވިއްކުން ވަގުތީ ގޮތުން މެދު ކަނޑާލުމަށް ނިންމިކަން މިދިޔަ ހަފްތާގައި އިޢްލާންކޮށްފަ އެވެ. ޑެންމާކުގެ ޚާރިޖީ ވަޒީރު އެންޑްރެސަން ސަމްވިލްސަން ވިދާޅުވެފައި ވަނީ ޚާޝުގްޖީ އަވަހާރަކޮށްލި ޖަރީމާއާ ގުޅިގެންނާއި ޔަމަނާ ދެކޮޅަށް ސައޫދީ ކުރިޔަށް ގެންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން ސައޫދީއަށް ހަތިޔާރު ވިއްކުން ވަގުތީގޮތުން ހުއްޓާލުމަށް ނިންމީ ކަމުގައެވެ.

ޖަރުމަނުން ވެސް ވަނީ ޚާޝުގްޖީ އަވަހާރަކޮށްލި ޖަރީމާއާ ގުޅިގެންނާ އަދި ޔަމަނާ ދެކޮޅަށް ސައޫދީ ކުރިޔަށް ގެންދާ ހަނގުރާމައިގެ ސަބަބުން ޔަމަންގެ އާންމުންގެ އެތަށް ހާސްބަޔަކު މަރުވެ އެތައް މިލިޔަން ބަޔަކު ހައިހޫނުކަން ތަހައްމަލް ކުރަންޖެހިފައިވާ މައްސަލާގައި ސައޫދީ އަށް ހަތިޔާރު ވިއްކުމާއި ސައޫދީ އާއެކު އަސްކަރީ މުއާމަލާތްތައް ހިންގުން އެއްކޮށް ހުއްޓާލިކަން މިދިޔަ ހަފްތާގައި އިއްލާން ކޮށްފަ އެވެ.

ނަމަވެސް ސައޫދީ އަށް އެންމެ ގިނައިން ހަތިޔާރު ވިއްކާ ތިން ގައުމު ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުން މިފަދަ ފިޔަވަޅެއް ސައޫދީ އާ ދެކޮޅަށްވެސް އަދި ޔޫއޭއީ އާދެކޮޅަށްވެސް އަޅާފައެއް ނުވެއެވެ.

(އަލްޖަޒީރާ + އޭއެފްޕީ)

comment ކޮމެންޓް