އެމްއާރުއެމް: ސިޔާސީ ހަރަކާތަކުން ބޮޑު ކެމްޕޭނެއްގައި އަދާކުރި ދައުރު

ނޮވެމްބަރު 19، 2018: ދުޅަހެޔޮ ހަށިހެޔޮ އީދު ނިންމާލުމުގެ ގޮތުން ބޭއްވި ފުޓްބޯޅަ އިވެންޓްގެ ތެރެއިން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އުފެއްދެވި ސިޔާސީ ޕާޓީ ޕީޕީއެމްގެ ތެރެއިން އެމަނިކުފާނާ ހިޔާލު ތަފާތުވެ، އެމަނިކުފާނު ރައީސްކަން ވެސް ކުރައްވަމުން ގެންދެވި ޕާޓީން އެމަނިކުފާނު ބޭރުކޮށްލި ދުވަހަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ބޮޑު އަކުރުން ލިޔެވިގެން ދިޔަ ދުވަހެކެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި، އިހްތިރާމު ލިބިގެންވާ ހިދުމަތްތެރިއަކަށް މިފަދަ ހާލަތެއް ކުރިމަތިވުމާ އެކު އެމަނިކުފާނާއި އެމަނިކުފާނަށް ތާއީދުކުރި ޕީޕީއެމްގެ މެމްބަރުން އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން އޭރުގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާ ދެކޮޅަށް މަސައްކަތްތައް ފެށި އެވެ.

21 މާޗް 2018: ޖަލުގައި ހުންނެވި ރައީސް މައުމޫން ޝަރީއަތަށް މާލެ ގެނައި ދުވަހެއްގައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް މައުމޫނު މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހައްޔަރުކޮށް ޖަލަށް ލެވުމުން، އެމަނިކުފާނުގެ ފަރާތްޕުޅުން ސިޔާސީ މައިދާނުގައި އުޅުނު ފަރާތްތަކުން މަސައްކަތްތައް ހަ ވަނަ ގިއަރަށް ޖެއްސި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް ތައްޔާރުވި އެވެ.

މައުމޫން ރިފޯމް މޫވްމަންޓް

ރައީސް މައުމޫނާއި، ރައީސް މައުމޫނުގެ ބާރު ހިނގާ ޕާޓީއެއް ވެސް ނެތް ހާލުގައި އެމަނިކުފާނުގެ ލޯޔަލިސްޓުން "މައުމޫން ރިޕޯމް މޫވްމަންޓް" (އެމްއާރުއެމް)ގެ ނަމުގައި ސިޔާސީ ހަރަކާތެއް ނުވަތަ މޫވްމަންޓެއް ފެށި އެވެ. އެ މޫވްމަންޓް ރަސްމީ ގޮތުގައި އެންމެ ފުރަތަމަ ފެނުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޓަކައި ފޯމު ހުށަހެޅުއްވި ދުވަހެވެ.

އިދިކޮޅު ޕާޓީތަކުން އެކީ ފައިމަގުގައި އިލެކްޝަންސް ކޮމިޝަނާ ހަމައަށް ދިޔަ އިރު، އެމްއާރުއެމްގެ ފިޔާތޮށިކުލައިގެ ދިދަ ވެސް ފުރަތަމަ ސަފުން ފެނިގެން ދިޔަ އެވެ.

ޖުލައި 26، 2018: އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ކެންޑިޑެންސީ ފޯމު ހުށަހެޅުއްވުމަށް އިލެކްޝަންސް އަށް ވަޑައިގަންނަވަނީ: ގިނަ އަދަދެއްގެ ބަޔަކު އިބޫއާ އެކު އެމްޑީޕީ އޮފީހުން ފެށިގެން އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ގޮސްފައިވަނީ ބެރު ޖަހަމުން ހިނގާފައި --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

މައުމޫން ރިފޯމް މޫވްމަންޓަކީ ރަސްމީ ސިޔާސީ ޕާޓީއެއް ނޫން ނަމަވެސް، ސިޔާސީ ޕާޓީތަކެކޭ އެއްފަދަ މަސައްކަތްތައް ކެމްޕޭނު ތެރޭގައި ހިންގި އެވެ.

މައުމޫން ރިފޯމް މޫވްމަންޓުގައި އިސްކޮށް ހަރަކާތްތެރިވާ، ޕީޕީއެމްގެ ކުރީގެ ނައިބު ރައީސާ އައިމިނަތު ނާދިރާ "ސަން"އަށް ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިބެވެސް ވަކިން ހަރަކާތެއް ފަށަން ޖެހުނު ސަބަބަކީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ކެމްޕޭނުގައި މައުމޫނުގެ ނަންފުޅު ބޭނުންކުރަމުން ގެންދިއުމެވެ.

"ރައީސް ޔާމީން ހޮވިއްޖިއްޔާ ރައީސް މައުމޫން ގެއަށް ބަދަލުކޮށްދޭނެ ކަމަށާއި، އެފަދަ ވާހަކަތައް ދައްކަމުން ދިޔަ. އެކަންކަން ހުއްޓުވުމަށް ޕީޕީއެމްގެ ތެރެއިން ވަކިވެ މަސައްކަތް ފެށީ،" ނާދިރާ ވިދާޅުވި އެވެ.

ހިތްވަރު ދޫކޮށެއް ނުލި

ރައީސް މައުމޫނުގެ ސަރުކާރުގައި ހިދުމަތްކުރެއްވި ވަޒީރުންނާއި އެހެނިހެން ފަރާތްތައް ހިމެނޭހެން، އަނީސާ އަހްމަދާއި އައްބާސް އިބްރާހީމާއި އާތިފާ ޝުކޫރާއި އަބްދުލްއަލީމް އާދަމާއި އައިމިނަތު ނާދިރާއި އަބްދުﷲ ކަމާލުއްދީން ފަދަ ބޭފުޅުން އިސްކޮށް ތިއްބަވައިގެން އެމްއާރުއެމްއިން އަތޮޅުތެރެއަށް ކުރި ދަތުރުތަކުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި އެވެ.

އެމްއާރުއެމްގެ މެމްބަރު ފައިސަލް ވިދާޅުވި ގޮތުގައި އެންމެ ބޮޑު ހުރަސްތަކެއް ކުރިމަތިވީ އެމްއާރުއެމްގެ ލޯގޯ ޖެހި ދިދައާއި ޓީޝާޓު ބޭނުންކުރުމަށެވެ.

މައުމޫން ރިފޯމް މޫވްމެންޓުގެ އެކްޓިވިސްޓުންތަކެއް -- ފޮޓޯ/ އެމްއާރުއެމް

ނާދިރާ ވިދާޅުވީ ފުލުހުންގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ވެސް ހުރަސްތަކާއި ގޮންޖެހުންތައް ކުރިމަތިކުރުވި ކަމަށެވެ.

"އަޅުގަނޑުމެން ޕޭކޮށްގެން އެރޭންޖުކުރި ލޯންޗަކަށް އެ ޓީޝާޓު ލައިގެން އެރީމާ ލޯންޗުން ބޭލުވީ. އަދި އަޅުގަނޑުމެން ފުވައްމުލަކުގައި ޓީޝާޓު ލައިގެން މަގުމައްޗަށް ވެސް ނުނުކުމެވުނު، ފުލުހުން އަންނަނީ ފަހަތުން ހައްޔަރުކުރަންވެގެން،" އެމްއާރުއެމްގެ ދަތުރުތަކުގައި ބައިވެރިވެވަޑައިގެންނެވި ނާދިރާ ވިދާޅުވި އެވެ.

ދަތުރުތަކުގެ ތަޖުރިބާ

ނާދިރާ ވިދާޅުވީ އެމްއާރުއެމްއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ފިކުރުގެ ވާހަކަތައް ފޮނުވައިދޭ މީޑިއާއެއް ނެތުން ކަމަށެވެ. އެހެންކަމުން އަތޮޅުތެރޭގައި ތިބި ރައީސް މައުމޫނުގެ ބައެއް ސަޕޯޓަރުން ތިބީ ޕީއެސްއެމް ފަދަ ޗެނަލްތަކުން އޭރު ފޮނުވަމުން ދިޔަ މައުލޫމާތު ގަބޫލުކޮށްގެން ކަމަށެވެ.

މައުމޫން ރިފޯމް މޫވްމެންޓުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް -- ފޮޓޯ/ އެމްއާރުއެމް

"ރައްޔިތުންނަށް އޮތީ ކަންކަން ވަރަށް ބޮޑަށް އޮޅުވާލާފައި. އެމީހުންގެ މުޅި ވިސްނުން އޮތީ ބަދަލުވެފައި. އެކަމަކު އަޅުގަނޑުމެން ރަށްރަށަށް ގޮސް އެމީހުންނާ ބައްދަލުކޮށް، ކަންކަން އޮތްގޮތުގެ ވާހަކަތައް ކިޔައިދިނިން. ހަގީގަތުގައި ރައީސް މައުމޫނުގެ ސަޕޯޓަރުންނަކީ ސައިލެންޓް ވޯޓާޒް. އެމީހުން މަގުމައްޗަށް ނުކުމެ އަޑުއުފުލާ ހަދާކަށް ނޫޅޭނެ. އެކަހަލަ މީހުން އުޅޭ ދާއިރާތައް އައިޑެންޓިފައިކޮށްގެން އަޅުގަނޑުމެން ދިޔައީ،" ނާދިރާ ވިދާޅުވި އެވެ.

އަދި އެ ދަތުރުތަކުގެ ނަތީޖާ ވެސް ވަރަށް ރަނގަޅުކަމަށް ނާދިރާ ވިދާޅުވި އެވެ.

މީގެ އިތުރުން ކެމްޕޭނުގެ ތެރޭގައި އޭރުގެ އިދިކޮޅު ކެންޑިޑޭޓު ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް އަތޮޅުތެރެއަށް ކުރެއްވި ކޮންމެ ދަތުރެއްގައި ވެސް މައުމޫން ރިފޯމް މޫވްމަންޓުގެ މަންދޫބަކު ވެސް އަރިހުގައި ދިޔައެވެ.

ކެމްޕޭން ރޭވުމުގައި ބޮޑެތި މަސައްކަތްތަކެއް

ކެމްޕޭނުގައި އެމްއާރުއެމް ހަރަކާތަށް ނިސްބަތްވާ އެއްބަޔަކު ދޮރުން ދޮރަށް ހިނގައި، ރައީސް ސޯލިހަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރި އިރު، އަނެއް ބަޔަކު ދިޔައީ މޭޒު ދޮށުގައި އެއަށް ވުރެ ބޮޑެތި މަސައްކަތް ކުރަމުންނެވެ.

އެގޮތުން ކޯލިޝަނަށް ތާއީދުކޮށްގެން ވަޒީފާ ގެއްލޭ ފަރާތްތަކުގެ މައުލޫމާތު ކޯލިޝަނަށް ފޯރުކޮށްދިނުމުގެ އޮންލައިން ޕްލެޓްފޯމުވެސް ތައްޔާރުކުރީ މައުމޫން ރިފޯމް މޫވްމަންޓުގެ ފަރާތުންނެވެ.

ރައީސް ސޯލިހުގެ ކެމްޕޭން ކޮމިޓީގައި އެމަނިކުފާނާއި އެކު އެމްއާރުއެމްގެ މެމްބަރު ފައިސަލް -- ފޮޓޯ/ އެމްއާރުއެމް

ކެމްޕޭނު ކޮމިޓީގެ ތެރޭގައި އެމްއާރުއެމް އިން ފާޅުކުރި ހިޔާލަކަށް ބިނާކޮށް އެމްއާރުއެމް އިން އުފެއްދި މި ޕްލެޓްފޯމް މެދުވެރިކޮށް 100 އަށް ވުރެ ގިނަ މީހުންވަނީ މިހާތަނަށް ސިޔާސީ ސަބަބުތަކަށް ޓަކައި ވަޒީފާއިން ވަކިކުރިކަމުގެ ރިޕޯޓުކޮށްފަ އެވެ.

"ސިޔާސީ ސަބަބުތަކަށް ޓަކައި ގެއްލޭ ވަޒީފާތައް އަނބުރައި ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ވައުދެއް. އެ ވައުދު ވީހާ ވެސް ބޮޑަށް ހަގީގަތަކަށް ހަދައިދިނުމަށް އުފެއްދި ޕްލެޓްފޯމެއް އެއީ. އަދި އިންތިހާބާ ގާތްވެފައި ވަނިކޮށް ރައީސް ސޯލިހު އޭގެ ތެރެއިން ބައެއް ބޭފުޅުންނާ އެކީ މެންދުރުގެ ފަރީކުޅުއްވުމަކަށް އަރާވަޑައިގެން، އެބޭފުޅުންގެ ޝަކުވާތައް ކައިރިން އެއްސެވި،" އެމްއާރުއެމްގެ އެކްޓިވިސްޓް ފައިސަލް ވިދާޅުވި އެވެ.

އިންތިހާބީ ރައީސް އިބުރާހީމް މުހައްމަދު ސޯލިހު ކުރީގެ ރައީސް މައުމޫނާ ބައްދަލު ކުރެއްވުން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

މީގެ އިތުރުން ވެސް އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯތައް އެއްކޮށްލައި އުފެއްދި ގުޅިފައިވާ މެނިފެސްޓޯ، އޮންލައިންކޮށް ފެންނާނެ ފަދަ ޕްލެޓްފޯމެއް އުފެއްދުމަކީ ވެސް ކެމްޕޭނަށް މައުމޫން ރިފޯމް މޫވްމަންޓުގެ ފަރާތުން ކޮށްދިން މުހިންމު ހިދުމަތެކެވެ. ނަތީޖާއެއް ގޮތުން އިންތިޚާބަށް އެންމެ ހަތަރު ދުވަހަށްވެފައި ވަނިކޮށް ނެރުނު މެނިފެސްޓޯ އެތައްހާސް ބަޔަކަށް ވޯޓު ލުމުގެ ކުރިން ކިޔާލުމުގެ ފުރުސަތު ލިބިގެން ދިޔަ އެވެ.

މީގެ އިތުރުން އިންތިޚާބުގައި ހަދާފާނެކަމަށް ބެލެވޭ މަކަރުތައް ސިއްރިއްޔާތުގައި ރިޕޯޓުކުރެވޭނެ ފަދަ އޮންލައިން ޕްލެޓްފޯމެއް ހެދުމުގެ ޚިޔާލު ހުށަހަޅައި، އެ ޕްލެޓްފޯމު އުފެއްދީ ވެސް އެމްއާރުއެމުންނެވެ. ރައީސް ސޯލިހުގެ މައި ކެމްޕޭން ކޮމިޓީގައި އުޅުނު އެމްއާރުއެމްގެ ފައިސަލް އުފެއްދި ޕްލެޓްފޯމް ވެގެން ދިޔައީ، އިންތިހާބުގައި ހެދުމަށް ރާވަމުްނ ދިޔަ ބައެއް މަކަރުތަކުގެ މައުލޫމާތު ކޯލިޝަނަށް ލިބުމެވެ. އަދި އެކަމުގައި ބައިވެރިވާން ތިބި ފަރާތްތައް ފަސްޖެހެން މެދުވެރިވި ކަމަކަށެވެ.

ފޮނި ނަތީޖާތަކެއް

އެމްއާރުއެމްގެ މެމްބަރު ފައިސަލް ވިދާޅުވި ގޮތުގައި، އެމްއާރުއެމްގެ ނަން ނިސްބަތްވާ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު ވެސް ޖަލުގައި ހުންނެވި ނަމަވެސް، އެ ދެ ބޭފުޅުން ޕްރޮމޯޓުކުރެއްވި އުސޫލުތަކާއި އަސާސުތައް ރިޔާސީ ކެމްޕޭނުގައި ކުރިއެރުވުމުގައި އެ ހަރަކާތުން ރަނގަޅު މަސައްކަތްތަކެއް ކުރެވުނެވެ.

15 ނޮވެންބަރު 2018 : ކޯލިޝަންގެ ލީޑަރުން ހޮޓަލް ޖެންގައި ބައްދަލު ކުރެއްވުމައް ފަހު މީޑިއާއަށް މައުލޫމާތު ދެއްވުމުގެ ތެރެއިން -- ސަން ފޮޓޯ : އަޙުމަދު އަވްޝަން އިލްޔާސް

"އެމްއާރުއެމްގެ ސްޓޭންޑު ރައްޔިތުންނަށް ވަރަށް ސާފުވެ އެނގިގެން ދިޔަ. އަދި އަޅުގަނޑުމެންގެ ވެލިއުސްތަކަކީ ކޮބާކަން ރައްޔިތުންނަށް ސާފުވެގެން ދިޔަ. އެ ކަންކަން ރައްޔިތުން ގަބޫލުކުރި،" ފައިސަލް ވިދާޅުވި އެވެ.

ނާދިރާ ވެސް ވިދާޅުވީ، ބަދަލެއް ގެންނަންޖެހޭކަން ގަބޫލުކުރެވިގެން އެމްއާރުއެމް އިން ގޮންޖެހުންތަކާ ވެސް ކުރިމަތިލީ ހާލުގައި ނުކުމެ، ވަރަށް އެދެވޭ ނަތީޖާއެއް ހާސިލުކުރި ކަމަށެވެ.

"އަސްލުގައި މިއަށް ވުރެ ރަނގަޅަށް ވެސް މަސައްކަތް ކުރެވުނީސް. އެކަމަކު ކުރިމަތިވި ގޮންޖެހުންތަކާއި ލިބުނު މަދު ވަގުތުކޮޅަށް ބަލާއިރު މިއީ ހަމަ ރަނގަޅު ކާމިޔާބީއެއް،" ނާދިރާ ވިދާޅުވި އެވެ.

comment ކޮމެންޓް