ބައިބައިވުމަކީ މުޖްތަމައު ނިކަމެތިވެ، ބަލިކަށި ވާނެ ކަމެއް: ހުތުބާ

އިސްލާމީ އުހުވަތްތެރިކަމަކީ ގަދަފަދަ ބާރެއް ކަމަށާއި ބައިބައިވުމަކީ މުޖުތަމައު ބަލިކަށިވެ، ނިކަމެތި ވެގެން ދާނެ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ކިޔި ހުތުބާ ބިނާކޮށްފައި ވަނީ މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ މައްޗަށެވެ.

ހުކުރު ހުތުބާގައި ބުނެފައި ވަނީ މުސްލިމުން އެމީހުންގެ އެއްބައިވަންތަކުމުގެ ބިނާއަށް ލޮޅުމެއް އަރާފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި އިސްލާމީ އުންމަތައް ލިބިފައިވާ ހުރިހާ ކާމިޔާބަކާއި ކުރިއެރުމެއްގެ އަސާސަކީ ވެސް އިސްލާމީ އެއްބއަިވަންތަ ކަމަށެވެ.

"އިސްލާމީ އެއްބައިވަންތަ ކަން ހީނަރުވެގެން ދިޔަ ކޮންމެ ދަނޑިވަޅެއްގައި މުސްލިމުންވަނީ ބަލިކަށިވެ، ނިކަމެތިވެފައި. އިސްލާމީ އުހުވަތްތެރިކަމަކީ ގަދަފަދަ ބާރެއް. އަދި ބައިބައި ވުމަކީ މުޖުތަމައު ނިކަމެތިވެ ބަލިކަށި ވެގެން ދާނެ ކަމެއް،" ހުތުބާގައި ބުނެފައި ވެއެވެ.

އިސްލާމީ މުޖްތަމައެއްގައި ދިރިއުޅޭ ފަރުދުންގެ މެދުގައި އޮންނަން އެކުވެރިކަމާ އެއްބައިވަންތަ ކަމަކީ މުސްލިމުންނަށް ލިބިފައިވާ ބޮޑު ނިއުމަތެއް ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. އަދި އިސްލާމް ދީން ވެސް އެއްބައިވަންތަ އެކުވެރި މުޖްތަމައަކަށް ވަރަށް ބޮޑަށް ބާރު އަޅުއްވާ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

"މުސްލިމުންގެ މެެދުގައި އޮންނަ ޖެހޭ އެއްބައިވަންތަކުމުގެ އަސާސު ލައްވާފައި ވަނީ މަތްﷲ އަށް އީމާންވުމުގެ އަގީދާ. މުސްލިމުންގެ މެދުގައި އޮންނަ ލޯތްބާއި ހަމްދަރުދީ އަކީ އީމާންކަމާއި ގުޅި ލައިމެހިފައިވާ ކަމެއް. އަދި އީމާންތެރި ކަމަކީ އުހުރަވީ ހަޔާތް ބާޖަވެރި ވުމުގެ ސަބަބު،" އީސްލާމްދީން އެއްބައިވަންތަކަމާއި އެކުވެރިކަމަށް ބާރު އަޅާ މިންވަރު ހާމަކޮށް ހުތުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި އިތުރަށް ބުނެފައި ވަނީ ދިވެހި ރާއްޖޭގެ އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ މައިގަނޑު އަސާސަކީ އިސްލާމް ދީނުގެ ހިދާޔަތު ކަމަށެވެ. އަދި ރާއްޖޭގެ އެކުވެރިކަމާއި ވަހުދަތު ދެމެހެއްޓުމަށް ޓަކައި، ދީނީ އެއްބައިވަންތަކަން، ދެމެހެއްޓުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.

"ދިވެހިންނަށް ލިބިފައިވާ އެންމެން ބޮޑު ނިއުމަތަކީ އިސްލާމް ދީނުގެ ހިދާޔަތް. މިއީ، މި ގައުމުގެ އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ އަސާސީ ރުކުން. ގައުމުގެ ސުލްހަ މަސަލަސްކަން ދެމިއޮތުމުގެ ރަމްޒް. އެހެން ކަމުން، ގައުމުގެ އެކުވެރި ކަމާއި ވަހުދަތު ދެމެހެއްޓުމަށް ޓަކައި، ދީނީ އެއްބައިވަންތަކަން، ދެމެހެއްޓުމަކީ ކޮންމެހެން ލާޒިމްކަމެއް،" ހުތުބާގައި ބުނެފައިވެ އެވެ.

މިއަދާ ހަމައަށް ވެސް މި ގައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމިއޮތީ، ދިވެހިންގެ މެދުގައި އޮތް ދިނީ އެއްބައިވަންތަ ކަމުގެ ސަބަބުން ކަމަށް ހުތުބާގައި ބުންޏެވެ.

comment ކޮމެންޓް