މަޖިލީހަށް ކުރިމަތިލަން ވިސްނުން ގެންގުޅެން: ކާނަލް ނާޒިމް

ނޮވެމްބަރ 11، 2018: ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ރާއްޖެ ވަޑައިގަތުން -- ސަން ފޮޓޯ/. ފަޔާޒު މޫސާ

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވަން ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ފަސް މަންޒަަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްވަމުން ނާޒިމް މިރޭ ވީދާޅުވީ، ސިޔާސީ ދާއިރާ ދޫކުރައްވައި ވަޑައިގަތުމުގެ ވިސްނުންފުޅު އޭނާ ނުގެންގުޅުއްވާ ކަމަށެވެ. އަދި އެންމެ ގާތީ އަންނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ފެނުން ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފެނުމުގެ ފުރުސަތު ވަރަށް ބޮޑު،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަޖިލީހަށް ކުރިމަތިލެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ނަމަވެސް، އަދި ކުރިމަތިލައްވާނެ ދާއިރާއެއް ނުނިންމަވާ ކަމަށެވެ.

ނާޒިމް އެހެން ވިދާޅުވެފައިވާ އިރު އޭނާ ވަނީ ދާދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އޭނާ އަކީ މިހާރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރެއް ވެސްމެ އެވެ.

ނާޒިމްގެ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި އޭނާގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ދިމާވި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯއްދެވުމަށް މެލޭޝިއާގައި ހުންނަވަނިކޮށް ސުޕްރީމު ކޯޓުން ވަނީ ނާޒިމްގެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން އަމުރުކޮށްފަ އެވެ.

comment ކޮމެންޓް