ފަސް މިލިއަން ޑޮލަރުގެ މައްސަލާގައި ޒިޔަތުގެ މައްޗަށް ކުރި ހުކުމް ރަނގަޅު: ހައި ކޯޓު

އަބްދުﷲ ޒިޔަތު: އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ހައި ކޯޓުން ވަނީ ނިންމާފައި --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ދައުލަތުގެ އެއް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގައި އޭނާ އަށް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

އެ މައްސަލާގައި ކުރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ކުރެއްދޫ ހޯލްޑިންގްސް އަށް ކުއްޔަށްދޫކުރުމުން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވުމުގައި އަބްދުﷲ ޒިޔަތު ބައިވެރިވި ކަމަށް ސާބިތުވާތީ އޭނާ ވެސް އަށް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ.

ކުރެއްދޫ ހޯލްޑިންގްސް އިން ދޫކުރި ފަސް މިލިއަން ޑޮލަރުގެ ޗެކާ ޒިޔަތު ހަވާލުވެ ޒިޔަތު އެޗެކް އަދީބާ ހަވާލުކޮށްފައިވާކަން ހެކިތަކުން އެނގޭ ކަމަށް ވެސް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވެއެވެ.

ޒިޔަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އެ މައްސަލައިގައި މިއަދު އިއްވި ހުކުމުގައި ވަނީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރެ އަތަނަށް ލިބުނު ފަސް މިލިއަން ޑޮލަރުގެ ޗެކު، އެ ކުންފުނީގެ ބޯޑުން ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް އެހެން މީހެއްގެ އެކައުންޓަށް ފޮނުވާފައިވާ ކަން އެނގެން އޮންނަ ކަމަށެވެ.

"ބާޔާންވެދިޔަ ފަސް މިލިޔަން ޑޮލަރުގެ ޗެކުގެ މައްޗަށް އެހިނދަށް ކޮންޓްރޯލް އޮތް ފަރާތަކީ ޢަބްދުالله ޒިޔާތުކަން އެނގެން އޮންނަކަމާއި، މިޙާލަތުގައި އެޗެކު ޖަމާ ކުރަންޖެހޭ އެކައުންޓްކަމަށް ބަޔާންކުރާ އެކައުންޓް ފިޔަވައި އެހެން އެކައުންޓަކަށް އެޗެކު ޖަމާކުރެވިގެން ދިއުމަކީ، އެމްއެމް.ޕީއާރިސީގެ ހިންގާ ގަވާއިދު ގެ 13 ވަނަ މާއްދާއާ ޚިލާފުވި ޚިލާފުވުމެއްކަމާއި މިކަން އިސްތިއުނާފް ކުރާ ފަރާތަށް ސާފުނުވާ ކަމަށް ބުނާ ބުނުމަކީ ޤާގާނޫނީ ގޮތުން ބުރަދަނެއް ހުރި ވާހަކައެއް ނޫން،" ހުކުމުގައި ވެއެވެ.

ޒިޔަތުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ހަމަ އެކަނި އޭނާ ތަހްގީގަށް ދީފައިވާ ބަޔާނަށް ބަލައިގެން ނޫންކަން ފާހަގަކޮށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޒިޔަތުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ޝަފަހީ އަދި ކިތާބީ ހުރިހާ ހެކިތަކަށް ބަލައި ވަޒަން ކުރެވިގެންކަން އެނގެން އޮންނަ ކަމަށެވެ.

ޓޫރިސްޓް ރިސޯޓް ތަރައްގީކުރަން އެމްއެމްޕީއާރްސީން ދޫކުރި ރަށްތަކާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާތަކަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކޮށް ޒިޔަތުގެ މައްޗަށް އަންނަނީ ގިނަ ދައުވާތަކެއް ކުރަމުންނެވެ.

comment ކޮމެންޓް