އިބޫއަށްފަހު ގާސިމް ރައީސް ކަމަށް ގެންނަން މަސައްކަތް ކުރާނަން: އިލްހާމް

މިއަދު އިލްހާމް ޖުމްހޫރި ޕާޓީއަށް ސޮއި ކުރެއްވުމުގެ ތެރެއިން--

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތެއް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެ އެވެ.

އިލްހާމް މިއަދު އެހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުންނެެވެ.

އޭނާ ވިދާޅުވީ އޭނާ އަކީ ކުރީން ވެސް ޖުމްހޫރީ ޕާޓީގެ ބޭފުޅެއް ކަމަށާއި އެ ޕާޓީން ވަކިވެވަޑައިނުގަންނަވާ ކަން ގާސިމް އިބްރާހިމް އަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑުގެ ހިޔާލަކަށް ބަދަލެއް ނާދޭ. އަޅުގަނޑު ހަމަ، އޮނަރަބަލް ގާސިމް އިބްރާހިމ،ް ﷲ ގެ ރަހްމަތްފުޅާ އެކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ގެނައުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ތާއަބަދު ކުރާނަން. އަދި ހަމަ އެ ގޮތުގައި ދެމި ހުންނާނެ ކަމުގެ ޔަގީންކަން ވެސް އަރުވަން،" އިލްހާމް ވިދާޅުވި އެވެ.

ގާސިމް އިބްރާހިމް ވެރިކަމަށް ގެންނަން މަސައްކަތް ކުރި ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ، ރައީސް ޔާމީން އޭނާއާ މެދު ކިތަންމެ ރަނގަޅަށް ކަންތައް ކުރެއްވި ނަމަވެސް، މި އަހަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާ ދެކޮޅަށް ގާސިމް އިބްރާހިމް ވާދަ ކުރެއްވި ނަމަ އޭނާ ހުންނަވާނީ ގާސިމް އިބްރާހިމްގެ އަރިހުގައި ކަމަށެވެ.

އޭގެ އިތުރުން، އިލްހާމް މިއަދު ވިދާޅުވީ އޭނާ އަކީ ގައުމީ ހިދުމަތަކަށް ނުކުމެވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި އޭނާ އިންތިހާބު ކުރާ ދާއިރާއަށް ވުރެ އަބަދުވެސް އިސް ކުރާނީ ގައުމު ކަމަށް އިލްހާމް ވިދާޅުވި އެވެ.

"މާދަމާ ދާއިރާއަކަށް ހޮއްވެވިއަސް ތިބޭފުޅުންގެ ދާއިރާއަށް މަސައްކަތް ނުކުރެވިދާނެ އަޅުގަނޑަށް. އަޅުގަނޑު ގައުމު އިސްކުރާނީ. ގައުމަށް އެގަޑީގައި ނުރައްކަލެއް އަންނަންޏާ އަޅުގަނޑު ތެދު ވާނަން. ހެޔޮ ސަރުކާރުން އެއް ކަމެއް ވެސް ދާއިރާއަށް ނުކޮށްދިނަސް،" އިލްހާމް ވިދާޅުވި އެވެ.

ދަނގެތީ ދާއިރާގެ މެމްބަރު ކަމަށް އިލްހާމް އިންތިހާބުވެވަޑައިގަތީ ޖޭޕީގެ ޓިކެޓުގަ އެވެ. އެހެން ނަމަވެސް އޭނާ ޖޭޕީގައި ހުންނެވުމަށް ފަހު ވަނީ ފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ. އޭނާ އަކީ އެންޓި ޑިފެކްޝަން ގާނޫނާ އެކު ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރެކެވެ.

އިލްހާމް ޖުމްހޫރީ ޕާޓިއަށް ސޮއި ކުރައްވާފައިވާ އިރު ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ހުރިހާ މެމްބަރުންނަށް ޕްރައިމެރީ އަކާ ނުލައި ގުޅިފައިވާ ޕާޓީތަކުގެ ޓިކެޓު ދޭން އެ ޕާޓީތަކުގެ ލީޑަރުން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް