ކުޅުދުއްފުށީގައި ދިވެހި ބޭހުގެ މެޑިކަލް ކޭމްޕެއް ބާއްވަނީ

ސީޓީއެމް އިން ކުޅުދުއްފުށީގައި ބާއްވަން ނިންމާފައިވާ ކޭމްޕަށް ނަންނޯޓް ކުރުމަށް މިހާރު ވަނީ ހުޅުވާލާފައި....

ސެންޓަރ ފޯ ޓްރެޑިޝަނަލް މެޑިސިން (ސީޓީއެމް)އިން ދިވެހި ބޭހުގެ މެޑިކަލް ކޭމްޕެއް ހދ. ކުޅުދުއްފުށީގައި ބާއްވަން ހަމަޖައްސައިފިއެވެ.

މި ކޭމްޕު ކުރިޔަށް ގެންދާނީ އަންނަ މަހުގެ ހަތަރަކުން ފެށިގެން ތޭރަ ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށީގައެވެ. މި ކޭމްޕަކީ އެ ކްލިނިކުން 2016 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދަމުން އަންނަ ކޭމްޕެކެވެ.

ކުޅުދުއްފުށީގައި ބާއްވަން ނިންމާފައިވާ ކޭމްޕުގައި އާންމު ބަލިތަކަށް ފަރުވާދެވޭނެ ކަމަށް އެ ކްލިނިކްގެ ސީނިއަރ ޕްރެކްޓިޝަނަރ މުހައްމަދު އަހުމަދު ވިދާޅުވިއެވެ.

ސީ.ޓީ.އެމް އިން ލ. އަތޮޅުގައި ކުރިޔަށް ގެންދިޔަ ކޭމްޕުގެ ތެރެއިން...

"އާންމު ބަލިތަކުން ފެށިގެން ގޮސް، އެހެން ހުންނަ ގިނަ ބަލިތަކަށް އެ ކޭމްޕުގެ ތެރެއިން ފަރުވާދެވޭނެ، މީގެ ކުރީ އަހަރުތަކުގައި ވެސް އަޅުގަނޑުމެން މި ކޭމްޕު ރާއްޖޭގެ ދެ ސަރަހައްދެއްގައި ކުރިޔަށް ގެންދިޔައިން، ވަރަށް ބޮޑު ތަރުހީބެއް ލިބުނު،" މުހައްމަދު އަހުމަދު ވިދާޅުވިއެވެ.

މީގެ ކުރިން މި ކޭމްޕު ވަނީ ލ. އަތޮޅު ފުނަދޫގެ އިތުރުން ހއ. ކެލާގައި ކުރިޔަށް ގެންގޮސްފައެވެ.

ދިހަ ވަރަކަށް ދުވަހަށް ކުޅުދުއްފުށީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައިވާ މެޑިކަލް ކޭމްޕުގައި ބަލިމީހުންނަށް ފަރުވާ ދިނުމުގަައި އެ ކްލިނިކްގެ 10 ވަރަކަށް މީހުންގެ ޓީމެއް ހަރަކާތްތެރިވާނެ ކަމަށް މުހައްމަދު އަހުމަދު ވިދާޅުވިއެވެ. އަދި ކޭމްޕުގައި ބައިވެރިވުމަށް 3321170 ނުވަތަ 9751170 ނަންބަރަށް ގުޅައިގެން ނޫނީ އެސްއެމްއެސް ކޮށްގެން ނަން ނޯޓްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސީ.ޓީ.އެމް އިން ލ. އަތޮޅުގައި ކުރިޔަށް ގެންދިޔަ ކޭމްޕުގެ ތެރެއިން...

"އަޅުގަނޑުމެން މި ކޭމްޕުގައި ފަރުވާ ދޭނަން ކުޅުދުއްފުށީ ކައިރި ރަށްރަށުން ނަން ނޯޓްކުރާ މީހުންނަށްވެސް. މިސާލަކަށް ފެރީގައި ކުޅުދުއްފުއްޓަށް އަންނަ ބަޔަކަށް ފުރަތަމަ ފަރުވާ ދޭނީ، އެއަށްފަހު ކުޅުދުއްފުށިން ނަންނޯޓް ކުރާ މީހުންނަށް، ކޮންމެ ދުވަހަކުވެސް ވަކި އަދަދަކަށް ބަލި މީހުން އަޅުގަނޑުމެންގެ ޓީމުން ބަލާނީ، މީހުންނަށް ދަތި ނުވާ ގޮތަށް ރާވާލައިގެން ކޭމްޕް ކުރިޔަށް ގެންދާނީ،" މުހައްމަދު އަހުމަދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މުހައްމަދު އަހުމަދު ވިދާޅުވީ، ބަލި މީހުންނަށް މާލެ ނައިސް ކައިރި ރަށަކަށް އައިސްގެން ފަރުވާ ހޯދޭނެ ކަމަށާއި މީހުންގެ ޖީބަށް ވެސް ލުއިތަކެއް ވެގެންދާނެ ކަމަށެވެ.

comment ކޮމެންޓް