ނުބެލި ހުރި މަރުތަކުގެ މައްސަލަތައް ދެ އަހަރު ތެރޭ ނިންމާލެވޭނެ: ކޮމިޝަން

ނުބެލި ހުރި މަރުތަކުގެ މައްސަލަ ބަލަން އެކުލަވާލި ރިޔަސީ ކޮމިޝަނުން ބޭއްވި ބައްދަލުވުން -- ސަން ފޮޓޯ/ފަޔާޒު މޫސާ

ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި ނުބެލި ހުރި މަރުތަކުގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެރިކަމުގެ ފުރަތަމަ ދުވަހު އެކުލަވާލި ރިޔާސީ ކޮމިޝަނުގެ މަސައްކަތްތައް ދެ އަހަރު ތެރޭ ނިންމަވާލެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ކޮމިޝަންގެ މެމްބަރުނަނަށް ރައީސް އިބޫ މެމްބަރުކަމުގެ ފަތްކޮޅުއެރުވުމަށް ފަހު މިއަދު ވަނީ ރިޔާސީ ކޮމިޝަންގެ ފުރަތަމަ ބައްދަލުވުން ބާއްވާފައެވެ.

މި ބައްދަލުވުމަށް ފަހު މިއަދު ރައީސް އޮފީހުގައި އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ ރައީސްގެ ގަރާރުގައިވާ ގޮތުން ޓްރާސްސިޝަން ކޮމިޓީއިން ދެ އަހަރު ދުވަސް ތެރޭ އެ މައްސަލަތައް ބެލޭނެކަމަށް ވިދާޅުވެފައިވާ ކަމަށެއެވެ. ނަމަވެސް ސުއޫދު ވިދާޅުވީ އެބޭފުޅުން އުންމީދުކުރަނީ އެއަށްވުރެެ އަވަސް މުއްދަތެއްގައި އެ މައްސަލަތައް ބެލިގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ އެޔައްވުރެވެސް އަވަަހަށް (ދެ އަހަރަށް ވުރެ އަވަހަށް) މައްސަލަތައް ބަލައި ނިންމޭނެ ކަމަށް" ކޮމިޝަންގެ ރައީސް ސުއޫދު ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަން ގެ ރައީސް ހުސްނުއް ސުއުދު ވާހާކަ ދައްކަވަނީ -- ސަން ފޮޓޯ/ފަޔާޒު

ކޮމިޝަނުން ބަލަން ނިންމައިފައިވަނީ އެކެއް ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތައް މެދުވެރި ވެގެން އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކުރެވިހުރި މައްސަލަތަކެވެ. އެ މުއްދަތުގެ ތެރޭގައި 29 މަރެއް ވަނީ ހިނގާފައެވެ.

ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ސުއޫދު ވިދާޅުވީ، 30 ދުވަހަށް އަންމުންނަށް އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލާނެ ކަމަށާއި އެއަށް ފަހު މައްސަލަތައް ބަލަން ކަނޑައަޅާ މައްސަލަތައް ފައިނަލް ކުރެވުމުން ބާލާނެ މައްސަލަތައް އަންމުންނާ ހިއްސާކުރާނެ ކަމަށެވެ.

"30 ދުވަހުގެ މުއްދަތައް އަޅުގަނޑުމެން ހުޅުވާލަން އާންމުންނަށް އެ ފަރާތްތަކަށް މި ކޮމިޝަނުން ބަލަން ޖެހޭކަމަށް ގަބޫލުކުރެވޭ މައްސަލަތައް މި ކޮމިޝަނަށް ހުށަހެޅުމަށް،" ކުރީގެ ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްމަބަރުކަންވެސް ކުރެއްވި ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ މިހާރު ކޮމިޝަނުން ކުރަން ރާވާފައިވާ ކަމަކީ އެ ކޮމިޝަން ހިނގަމުންދާ އުސޫލުތަކާއި މައްސަލަ ބަލަން ބޭނުންކުރާނެ އިޖުރާއަތްތަށް އެކުލަވާލުން ކަމަށެވެ. މީގެ އިތުރުން މިހާރުން މިހާރަށް ކޮމިޝަނުން ކުރެވެން ހުރީ ކޮން މަސައްކަތެއްތޯ ބަލާ، ދައުލަތުގެ އެކި އެކި މުއަސަސާތަކާއި ގުޅިގެން އެފަރާތްތަކުގެ ފަރާތުން ހޯދަން ޖެހޭ މައުލޫމާތުތަށް ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ސުއޫދު ވިދާޅުވީ މި ކޮމިޝަނުން މައްސަލަތައް ބެލުމަށް ރާއްޖޭގެ ސަލާމަތީ ބަރުތަކާއި ތަޖުރިބާކާރު ބޭފުޅުންގެ އެހީތެރިކަން ހޯދާނެ ކަމަށެވެ. މީގެ އިތުރުން މި މައްސަލަތައް ބެލުމުގައި ބޭރުގެ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައިސް އިބޫ ވިދާޅުވެފައިވާ ކަމަށާއި ބެރުގެ އެހީތެރިކަންވެސް މައްސަލަ ބެލުމުގައި ހޯދާނެކަމަށް ސުއޫދު ވިދާޅުވިއެވެ.

ކޮމިޝަން ގެ މަސައްކަތަތަކާ ގުޅޭގޮތުން ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް ގާނޫނެއް މަޖިލީހަށް ފޮނުވަން ސަރުކާރުން ވަނީ ނިންމަވާ ކަމަށް އެކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ.

މަރުތައް ތަހުގީގުކުރުމަށް އުފެއްދި މި ރިޔާސީ ކޮމިޝަން އުފައްދާފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

comment ކޮމެންޓް