ސިއްދީގަށް ހަމަލާދިން މައްސަލައިގައި ސުމިތުގެ ބަންދަށް ހަތްދުވަސް

ސިއްދީގަށް ހަމަލާދިން ސަރަހައްދު -- ސަން ފޮޓޯ: މުއާވިޔަތު އަންވަރ

ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަހުމަދު ސިއްދީގަށް ކްރިމިނަލްކޯޓް ސަރަހައްދުން ހަމަލާދިން މައްސަލާގައި ހައްޔަރު ކުރި އަލީ ހާޝިމް (ސުމިތް)ގެ ބަންދަށް ހަތްދުވަސް ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނިންމާފައިވަނީ އޭނާ ހަތްދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށެވެ.

ސިއްދީގަށް ހަމަލާދީފައި ވަނީ މިއަދު ހެނދުނު ކްރިމިނަލް ކޯޓު ސަރަހައްދުންނެވެ. ސިއްދީގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓު ސަރަހައްދުން އޭނާއަށް ހަމަލާދީ މާރާމާރި ހިންގައި ގައިން "ލޭދުއްވާލައިފި" ކަމަށެވެ.

https://sun.mv/111943

ސިއްދީގު ވިދާޅުވީ އަދި ވެސް ހަމަލާދޭނެ ކަމަށް ފުލުސް އޮފިސަރުގެ ކުރިމަތީ، ހަމަލާދިން މީހާ ބުނެފައިވާ ކަމަށެވެ. އޭނާއަށް ހަމަލާދިނީ ކީއްވެގެން ކަމެއް ނޭނގެއެވެ.

ސިއްދީގު ފާހަގަކުރެވެނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޞާލިޙުގެ ސަރުކާރަށް އެންމެ ފާޅުކޮށް ފާޑުވިދާޅުވަމުން ގެންދަވަނީ ވެސް ސިއްދީގެވެ.

ސިއްދީގަށް ހަމަލާދިން މައްސަލަ ކުށްވެރިކޮށް ޕީޕީއެމް އިން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ސިއްދީގަށް ހަމަލާދިނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިނިވަންކަމާ އެކު ހިޔާލު ފާޅުކުރުމަކީ އަދި ސަރުކާރަށް ފާޑުކިޔުމަކީ ގާނޫނީ ހައްގެއް ކަމަށް ވެސް މުންދު ވިދާޅުވިއެވެ.

comment ކޮމެންޓް