ސައުދީން ހައްޔަރު ކުރި އެކްޓިވިސްޓުންނަށް އަނިޔާކުރި: އެމްނެސްޓީ

މިދިޔަ ޖޫން މަހު ސައުދީ އަރަބިއާއިން ވަނީ އެގައުމުގެ އަންހެނުން ކާރު ދުއްވުން ހުއްދަކޮށްފަ -- ފޮޓޯ: އީޕީއޭ

އެމްނެސްޓީ (ނޮވެމްބަރު 21): ސައުދީ އަރަބިއާއިން މި އަހަރު ތެރޭ ހައްޔަރު ކުރި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނަށް އަނިޔާކޮށް، ޖިންސީ ފުރައްސާރަ ކުރި ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފި އެވެ.

އެމްނެސްޓީން ބުނި ގޮތުގައި މިދިޔަ މެއި މަހުން ފެށިގެން ސައުދީން ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ މައްސަލަތަކުގައި ކަމަށް ބުނެ 10 އަންހެނުންނާއި ހަތް ފިރިހެން އެކްޓިވިސްޓުން ހައްޔަރުކޮށްފަ އެވެ.

އެމްނެސްޓީން މިއަދު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ރަތް ކަނޑުގެ އައްސޭރިފަށުގައި ހުންނަ ޖަލެއްގައި ބައިތިއްބާފައިވާ އެއެކްޓިވިސްޓުންނަށް އިލެކްޓްރިކް ޝޮކްދީ، ހައްދު ޖަހާފައިވެ އެވެ. އޭގެ ސަބަބުން ބައެއް މީހުންނަށް ކޮޅަށް ހުރުމަށާއި ހިނގުމަށް ނުކުޅެދިފައިވާ ކަމަށް ތިން މީހަކާ ހަވާލާދީ އެމްނެސްޓީން ބުނެ އެވެ.

މީގެ އިތުރުން، ހައްޔަރުކޮށްފައިވާ އަންހެނުންނަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ވެސް އެރިޕޯޓުގައިވެ އެވެ.

އެހައްޔަރު ކުރި މީހުންގެ ތެރޭގައި ލުޖެއިން އަލް ހަތުލޫލު، އީމާން އަލް ނަފްޖާން އަދި އަޒީޒާ އަލް ޔޫސުފް ހިމެނެ އެވެ. އެއީ ސައުދީގައި އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދިނުމަށް ގޮވާލައި ކެމްޕެއިން ކުރި ތިން އަންހެނުންނެވެ.

މިދިޔަ ޖޫން މަހު ސައުދީން ވަނީ އެގައުމުގެ އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދީފަ އެވެ. އެއީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ގެންގުޅުއްވާ ވިޝަން 2030ގެ ދަށުން އެގައުމަށް ގެންނަ އިޖުތިމާއީ އަދި އިގުތިސާދީ ބަދަލުތަކުގެ ތެރެއިން ގެނައި ބަދަލެކެވެ.

comment ކޮމެންޓް