މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ޒިންމާ އަދާނުކުރާ ކަމުގެ ތުހުމަތުތަކެއް

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި -- ސަންފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ފޮނުވި ރިޕޯޓުތަކަށް ވެސް ޖަވާބު ދާރީ ނުކުރުވާ ކަމަށް ވިދާޅުވެ ޒިންމާ އަދާ ނުކުރާ ކަމުގެ ތުހުމަތުތަކެއް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ކުރައްވައިފި އެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރަކީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. ނައިބު މުގައްރިރަކީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އެވެ.

މިއަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުން ޒިޔަތު ވިދާޅުވީ މިއަހަރު ތެރޭގައި ވެސް އޮޑިޓް އޮފީހުން 180 ރިޕޯޓު ނެރެފައިވާ ކަމަށެވެ. އެއިން ކޮންމެ ރިޕޯޓަކީ ވެސް މާލިއްޔަތު ކޮމިޓީގައި މަޝްވަރާ ކުރަން ޖެހޭ ރިޕޯޓުތަކެއް ކަމަށް ޒިޔަތު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކަން މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ އެޓެންޝަނަށް ގެނައިން. އަޅުގަނޑުމެން ލިޔެކިޔުން ވެސް ހުށަހެޅިން." ޒިޔަތު ވިދާޅުވި އެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި -- ސަންފޮޓޯ/ ފަޔާޒު މޫސާ

އޮޑިޓް އޮފީހުން ނެރޭ ކޮންމެ ރިޕޯޓަކީ ޖަވާބު ދާރީ ކުރުވަން ޖެހޭ ރިޕޯޓެއް ކަމަށް ޒިޔަތު ވިދާޅުވި އެވެ. އެގޮތުން ކުންފުންޏެއް ނަމަ އެކުންފުންޏެއްގެ މެނޭޖިންގް ޑިރެކްޓަރު އަދި ވުޒާރާއެއް ނަމަ އެ ވުޒާރާއެއް ވަޒީރަކު ޖަވާބު ދާރީކުރުވަން ޖެހޭނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވީ އޮޑިޓް އޮފީހުން ތިބީ މާލިއްޔަތު ކޮމިޓީން ބޭނުންވާ ޓެކްނިކަލް ސަޕޯޓް ދޭގޮތަށް ކަންވެސް އެ ކޮމިޓީއަށް އަންގާފައިވާނެ ކަމަށެވެ. އަދި އެއިން ކޮންމް ރިޕޯޓެއްގެ ޕްރެޒެންޓޭޝަން ދޭން ތައްޔާރައް ތިބިކަންވެސް އަންގާފައިވާނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ މަސްއޫލިއްޔަތު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިދަނީ ކުރަމުން. ތަހުގީގީ ބާރެއް އޮޑިޓަ ޖެނެރަލް އަކަށް ދީފަކާއެއް ނެތް." އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވީ އޮޑިޓަ ޖެނެރަލްއަކީ މާލިއްޔަތު ކޮމިޓީއަށް މަސައްކަތް ކޮށްދޭ ފަރާތެއް ކަމަށެވެ. އަދި އޮޑިޓް އޮފީހުން ބަޖެޓް ތައްޔާރުކޮށްފައި ކުރާނެ އޮޑިޓްތަކުގެ ވޯކް ޕްލޭން ވެސް މަޖިލީހަށް ހުށަހަޅާ ކަމަށް ޒިޔަތު ވިދާޅުވި އެވެ. އަދި އޭގެ ކުރިން ކުރިއަށް އޮތް އަހަރު ކުރަންވީ ކޮން އޮޑިޓެއްތޯ ސިޓީއަކުން އަންގަވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލިބޭ ޖަވާބަކީ ތިބޭފުޅުން ބޭނުންވާ އޮޑިޓެއް ކުރިއަށް ގެންދަވާށޭ. މި ކޮމިޓީއަށް ފެނިއްޖެއްޔާ ޖަވާބު ދޭނަމޭ. އެހެންވީމަ ހަގީގަތަކީ މާލިއްޔަތު ކޮމިޓީ އެކްޓިވްވާން އެބަޖެހޭ." ޒިޔަތު ވިދާޅުވި އެވެ.

ކޮންމެ ކުއާޓާއަކުން ދައުލަތަށް ލިބިފައި ހުރި ގެއްލުމުގެ ރިޕޯޓުވެސް މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާ ކަމަށް ޒިޔަތު ވިދާޅުވި އެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓު ވެސް ހުށަހެޅި ކަމަށް ޒިޔަތު ވިދާޅުވި އެވެ.

މާލިއްޔަތު ކޮމެޓީގެ ބައެއް މެމްބަރުން --- ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން ފުތަމަ ކުއާޓާގައި 29 ރިޕޯޓު ޕަބްލިޝް ކުރި ކަމަށް ޒިޔަތު ވިދާޅުވި އެވެ. އޭގެތެރޭގައި ދައުލަތުން ގަވައިދާ ހިލާފަށް 26 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ. އިސްރާފަށް 1.7 މިލިއަން ދައުލަތުން ހަރަދުކޮށްފައިވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ. އަދި ދައުލަތަށް އަނބުރާ ހޯދަން 33 މިލިއަން ފުރަތަމަ ކުއާޓާގައި އޮތް ކަމަށް ޒިޔަތު ވިދާޅުވި އެވެ.

އަދި ދެވަނަ ކުއާޓާގައި ގާނޫނާ ގަވައިދާ ހިލާފަށް 96 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ. އަދި ހިޔާނާތް ކަމަށް ބެލެވޭ 90،000 ރުފިޔާ އާއި އިސްރާފު ކަމަށް ބެލެވޭ 22 މިލިއަން ރުފިޔާ ވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

އެހުރިހާ ރިޕޯޓެއް ވެސް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވުމުން އަޅާ ނުލި ކަމަށް ޒިޔަތު ވިދާޅުވި އެވެ. ޒިޔަތު ވަނީ "މާލިއްޔަތު ކޮމިޓީ ތައްޔާރުތޯ މި ރިޕޯޓުތައް ބަލަން؟." ކަމަށް ވިދާޅުވެ ސުވާލު ކުރައްވައިފަ އެވެ.

އަހަރެއްގެ މައްޗަށް 350 އޮޑިޓް ކުރެވޭ ކަމަށް ޒިޔަތު ވިދާޅުވި އެވެ. އެ މަސައްކަތް ކުރެވެނީ 1500 އެއްހާ މުއައްސަސާތަކަށް ޒިޔާރަތްކޮށްގެން ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ. އެގޮތަށް މިއަހަރު ވެސް 184 ރިޕޯޓު ޕަބްލިޝް ކުރި ކަމަށް ޒިޔަތު ވިދާޅުވި އެވެ.

comment ކޮމެންޓް